ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންދާ މި ދަނޑިވަޅުގައި ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ އަރިދަފުސް ރޯގާ ޖެހުން މިވަނީ އިތުރުވެފަ އެވެ.

ރޯގާގެ ސަބަބުން ގިނަ ބަޔަކަށް އެންމެ ގިނައިން ކުރިމަތިވާ އުނދަގުލަކީ މާ ގިނައިން ކިނބިހި އެޅުމެވެ. މި ލިޔުމުގައި މި ބަލާލަނީ އަރިދަފުސް ރޯގާޖެހި ކިނބިހި އަޅާނަމަ ދެވިދާނެ ގެވެށި ފަރުވާތަކަށެވެ.

ސިޓްރަސް މޭވާ

ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދޭ ކެމިކަލެއް ކަމަށްވާ ފްލެވޯނޮއިޑުސް، ސިޓްރަސް މޭވާތައް ކަމަށްވާ އޮރެންޖު، ލުނބޯ އަދި ގުރޭޕު ފުރުޓު ފަދަ މޭވާ ތަކުގައި އެކުލެވެ އެވެ. މިއީ ރޯގާ ޖެހުމަށާއި އެލާޖީތަކަށް މަގު ފަހި ކުރުވާ ޖަރާސީމުތަކާ ދެކޮޅަށް ހަނގުރާމަ ކުރާ ކެމިކަލް އެކެވެ.

ގޯޯނބިލި

ގޯނބިލިއަކީ އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ އަދި އެންޓި ބެކްޓީރިއަލް މާއްދާތައް އެކުލެވޭ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދޭ މޭވާ އެކެވެ. އާއްމުކޮށް ކޮންމެ ދުވަހަކުވެސް ދެ ތިން ގޯނބިލި ކާނަމަ މާ ގިނައިން ކިނބިހި އެޅުމުގެ މައްސަލައާ ދުރުވާނެ އެވެ.

އިނގުރު

އެންޓިސެޕްޓިކު ޕްރޮޕަޓީސް އެކުލެވޭ އިނގުރަކީ ރޯގާ އަށް ފަރުވާ ކުރުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެހެންކަމުން ތިން އިންޗި ވަރުގެ އިނގުރު ކޮޅެއް ކުދިކޮށް ކޮށާލުމަށްފަހު ދެ މޭޒުމަތީ ސަމްސާ މާމުއާއެކު އެއްކޮށްލާށެވެ. އެއަށްފަހު އެއްކުރި މާމުޔާއި އިނގުރު، ފެން ފޮދަކަށް އަޅައި ކުޑަކޮށް ކައްކާލާށެވެ. އަދި ކޮންމެ ރެއަކުވެސް ނިދަން އޮށޯތުމުގެ ކުރިން ކުޑަ އެތިކޮޅެއް ބޯލާށެވެ.