މި އަހަރުގެ ޔޫރޯ އަށް ފަހު ޖަރުމަންގެ ގައުމީ ޓީމުގެ ކޯޗުކަމުން ވަކިވުމަށް އެ ޓީމުގެ ކޯޗު ޔަކިމް ލޯވް ނިންމައިފި އެވެ.
ލޯވް ،61، ޖަރުމަންގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2006 ވަނަ އަހަރެވެ. ލޯވް ކޮންޓުރެކްޓް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް އޮތް ނަމަވެސް، ޔޫރޯ އަށް ފަހު މަގާމުން ވަކިވުމަށް އޭނާ ވަނީ ޖަރުމަންގެ ފުޓްބޯލް އެސޯސިއޭޝަނަށް ހުށަހަޅައިފަ އެވެ.
ލޯވްގެ އިރުޝާދުގެ ދަށުން ޖަރުމަނުން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީން ޖާގަ ހޯދި އެވެ.
އެކަމަކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ޖަރުމަން ކެޓުމާއެކު، ލޯވް އަށް ވަނީ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ.
"މި ގައުމުގައި ތިބި އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިއްޖެ. ގައުމީ ޓީމަށް ކޯޗުކޮށްދިނުމަކީ އަހަނަންށް ލިބުނު ވަރަށް ބޮޑު ފަހުރެއް،" ލޯވް ބުންޏެވެ.
ޔޫރޯގެ ގުރޫޕް އެފްގައި ޖަރުމަނާއެކު އޮތީ ފްރާންސް، ހަންގޭރީ، އަދި ޕޯޗުގަލް އެވެ. ކުރިން މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ޔޫރޯ މި އަހަރަށް ބަދަލުކުރީ ކޮވިޑް-19ގެ ހާލަތާ ގުޅިގެނެވެ. މި އަހަރު މި މުބާރާތް އޮތީ ޖޫން 11 އިން ޖުލައި 11 އަށެވެ. – ބީބީސީ