ރާއްޖޭގައި އިންޑިއާގެ ރޫޕޭ ކާޑު ބޭނުންކުރަން ފެށުމުން ދިވެހީން އެ ގައުމުގެ ވިޔަފާރިއަށް ބަރޯސާވާން މަޖުބޫރުވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރޫޕޭކާޑު ދިގުމުއްދަތަކަށް ރާއްޖޭގައި ބޭނުންކުރާނަމަ ރާއްޖޭގައި ދެން ބޭނުންކުރާނީ އިންޑިއަން ރުޕީސް ކަމަށެވެ. އަދި މުސްތަގުބަލުގައި ރާއްޖޭގައި ވިއްކާނީ އިންޑިއާގެ ތެޔޮ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާއާކު ސޮއިކޮށްފައިވާ ގޮތްނޭނގޭ އެއްބަސްވުންތައް ހާމަކުރަން އެންމެ ހަރުއަޑުން ގޮވި ބޭފުޅުން ވެރިކަމަށް ވަޑައިގެން އެ ވިދާޅުވި އެއްބަސްވުންތައް ސިއްރުކުރަން ނިންމާފައިވާތީ ޔާމީން ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަޅުވެތިކުރުމަށް ފަހު މި ސަރުކާރުން އިންޑިއާއާއެކު އެގްރިމަންޓުތައް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން އުތުރުތިލަފަޅުގެ އެއްބަސްވުމުގައި އާ ކަންތައްތަކެއް ހިމަނައި ކުރިން އޮތް އެއްބަސްވުމަށްވުރެ ވަރުގަދަ އެއްބަސްވުމެއް މި ސަރުކާރުން އިންޑިއާއެކު ގާއިމްކޮށްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އިންޑިއާ އާއެކު އެއްބަސްވުންތައް ގާއިމުކުރުމަށް ފަހު ވެރިން ތިބީ ޗުކީ ކިޔައިގެން. އެއްބަސްވުންތައް ފޮރުވައިގެން މި ސަރުކާރުން ވެސް ތިބީ. ކުރިން މިކަމާ އަޑުގަދަ ކުރި މީހުން އެކަމަކު މިތިބީ،" ޔާމީން ވިދާޅުވި އެވެ.

އިންޑިއާގެ އިތުރު އަސްކަރީ އުޅަނދުތަކެއް ރާއްޖެ ގެންނަން މި ސަރުކާރުން އެ ގައުމާއެކު އެއްބަސްވެފައިވާތީ އެކަމަށް ވެސް ޔާމީން ފާޑުވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ނިންމެވުމުން އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރަށް ވެސް ކެރިވަޑައިނުގަތް ކަމަށެވެ.