ދުނިޔޭގައި އިމާރާތް ކުރެވޭ އެންމެ އުސް އިމާރާތް ކަމަށްވާ ސައުދީ އަރަބިއާގެ "ޖިއްދާ ޓަވަރު" އިމާރާތް ކުރުން ހަތް އަހަރު ވަންދެން މެދުކެނޑިފައި އޮތުމަށްފަހު އަލުން އެ މަސައްކަތް ފަށައިފި އެވެ.

އެއާއެކު މިވަގުތު ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ޝަރަފު ލިބިފައިވާ ދުބާއީގެ "ބުރުޖް ޚަލީފާ"އަށް އެ ޝަރަފު ގެއްލެން ވަނީ ދާދި ކައިރިވެފަ އެވެ.

ސައޫދީ އަރަބިއާގެ ދާހިލީ ހަމަނުޖެހުންތަކާއި ސަރުކާރުގެ ކޮރަޕްޝަންގެ ސަބަބުން މެދުކެނޑިފައި އޮތް ޖިއްދާ ޓަވަރުގެ މަސައްކަތް މިހާރު ފެށިފައިވާއިރު 2028 ވަނަ އަހަރާ ހަމައަށް އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.

2013 ވަނަ އަހަރު މަސައްކަތް ފެށި ޖިއްދާ ޓަވަރު 2020 ވަނަ އަހަރު ނިންމަން ހަމަޖެހިފައި އޮތް ނަމަވެސް އިމާރާތުގެ ތިންބައިކުޅަ އެއްބައި ނިމުނުފަހުން 2017 ވަނަ އަހަރު އެ މަސައްކަތް ހުއްޓުނީ އެވެ.

އުސްމިނުގައި 1000 މީޓަރު ހުންނަ ޖިއްދާ ޓަވަރު ފުރިހަމަ ވުމުން އެއީ ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތަށް ވާނެ އެވެ. މިވަގުތު އެ ޝަރަފު އޮތް ބުރުޖު ޚަލީފާގެ އުސްމިނަކީ 828 މީޓަރެވެ.

ޖިއްދާ ޓަވަރަކީ އެންމެ ޒަމާނީ ފެންވަރަށް ފަރުމާ ކުރެވިފައިވާ ގިނަ ހިދުމަތްތަކަކާއެކު އިމާރާތް ކުރެވޭ އޮފީސް ކޮމްޕްލެކްސް އެކެވެ.