ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން، ޑޮލަރާއި މުދަލުގެ އަގު އުފުލުނަނުދިނުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

މި މައްސަލައަކީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހަށް ހުށަހެޅުއްވި މައްސަލައެކެވެ. މިނިސްޓަރުގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ ގައުމުގެ މާލީ ހާލަތާއި ބާޒާރުގައި ޑޮލަރުގެ އަގު ހިފެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ޑޮލަރުގެ ދަތިކަން މިހާރު ބޮޑުވެފައިވާ ކަމަށް ބުނެ އިދިކޮޅުން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި، އަސާސީ މުދަލުގެ ގޮތުގައި ކަނޑައަޅާފައިވާ ކާބޯތަކެތީގެ މިންވަރު އިތުރުކުރަން މި ސަރުކާރުން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އާންމު ރައްޔިތުންގެ ބޭނުންތަކަށް ރަސްމީ ރޭޓުގައި ބޭންކުތަކުން ޑޮލަރު ދޫކުރާ މިންވަރު މި ވެރިކަމުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަހު ތިން އަހަރާ އަޅާބަލާއިރު، މި ސަރުކާރުގެ މިހާތަނަށް ރައްޔިތުންނަށް ދޫކުރި ޑޮލަރުގެ މިންވަރު މަހަކަށް ބަލާއިރު ގާތްގަނޑަކަށް 97 ޕަސެންޓު އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ދެހާސް ސައްވީސް ވަނަ އަހަރު އެކަނި 483.53 މިލިއަން އެމެރިކާ ޑޮލަރު ރަސްމީ ރޭޓް، 15.42 ގެ ރޭޓްގައި ދޫކޮށްފައި ވޭ. އެއީ 2012 އާ އަޅާ ބަލާއިރު 97 ޕަސެންޓް ބޮޑުވުމެއް. ދެން 2025 ވަނަ އަހަރަށް ބަލާއިރު މި ދެންނެވި ބާވަތްތަކަށް [ވިޔަފާރިތަކަށް ދޫކުރި ޓީޓީ އާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި ބޭހަށް ފުރާ މީހުންނަށް ދޫކުރި ޑޮލަރު] 733.82 މިލިއަން އެމެރިކާ ޑޮލަރު ދޫކުރެވިފައި އެބަވޭ. ދެހާސް ސައްބީސް ވަނަ އަހަރުގެ މިހާ ހިސާބަށް 718.53 މިލިއަން އެމެރިކާ ޑޮލަރު، ޖުމްލަ 1.9 ބިިލިއަން 1.942.45 މިލިއަން އެމެރިކާ ޑޮލަރު މިސަރުކާރުން ދޫކޮށްފައި އެބަ އޮތް. މީގެ މާނައަކީ 80 ޕަސެންޓްގެ އިތުރުވުމެއް މިއޮތީ އައިސްފައި،" ސައީދު ވިދާޅުވި އެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ސަޢީދު ވިދާޅުވީ، ކުރީ ސަރުކާރުގެ ފަހު ތިން އަހަރު ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ރަސްމީ ރޭޓުގައި ދޫކޮށްފައިވަނީ 1.75 ބިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ މިހާތަނަށް ރައްޔިތުންގެ އެކި ބޭނުންތަކަށް 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށާއި، މިއީ 80 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ލިބުން ފަސޭހަވީ ދައުލަތަށް ޑޮލަރު ވަންނާނެ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒު ކުރުމުން ކަމަށް ސަޢީދު ވިދާޅުވިއެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރުކޮށް، ފަހުން އެ އަދަދު 40 ޕަސެންޓަށް އިތުރުކުރަން ނިންމުމަކީ ޑޮލަރުގެ ސަޕްލައި އިތުރުވި މައިގަނޑު ސަބަބު ކަމުގައި ފާހަގަކުރެއްވި އެވެ.

ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހަނގުރާމައިގެ ހާލަތާއި ނާޒުކު ދަނޑިވަޅުގައިވެސް ރާއްޖެ ބަނގުރޫޓުވިޔަނުދީ ހިފަހައްޓާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުރީ ސަރުކާރުން ގެނައި މާލީ ނާމާންކަމުން ޤައުމު ސަލާމަތްކޮށް، ދަތި ހާލަތުގައިވެސް ރައްޔިތުންނާއި ވިޔަފާރިތަކަށް ލުއި ހޯދައިދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މުދަލުގެ އަގު އުފުލެން ދިމާވާ ސަބަބުތަކަށް ބައްލަވާލައްވަމުން ސަޢީދު ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއާ ކުރުމުގައި ދަތިތައް ދިމާވަނީ މާލޭގެ ވިޔަފާރި ބަނދަރު ކުޑަވުމުން ކަމަށެވެ. އެ ބަނދަރު ބޮޑުކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށާއި، މި ސަރުކާރުން އެ މަސައްކަތް ނިންމުމުން މުދަލުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.