މިޝިގަންގެ ހުސްވެފައިވާ އެމެރިކާގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަބްދުލް އަލް-ސައީދު އެ މަޖިލީހަށް އިންތިހާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވައިފި އެވެ. މި ކާމިޔާބީއާއެކު، ސެނެޓުގެ ކޮންޓްރޯލް ހޯދުމަށް ޑިމޮކްރެޓުން ކުރާ މަސައްކަތުގައި އެ ޕާޓީގެ މުހިންމު ގޮނޑިއެއް ވަނީ ދިފާއުކުރެވިފަ އެވެ.
ވާދަވެރި މި އިންތިހާބުގައި އަލް-ސައީދު ހޯއްދެވި ކާމިޔާބީއަކީ ޑިމޮކްރެޓިކް ޕާޓީގެ ޕްރޮގްރެސިވް ފެކްޝަނަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، މަގާމުން ވަކިވެވަޑައިގަންނަވާ ޑިމޮކްރެޓިކް ސެނެޓަރު ގޭރީ ޕީޓާސްގެ ގޮނޑި ރިޕަބްލިކަން ޕާޓީއަށް ފުރޮޅާލުމަށް ލިބުނު ފުރުސަތު މި ނަތީޖާއާއެކު ވަނީ ބަންދުވެފަ އެވެ.
އުމުރުފުޅުން 42 އަހަރުގެ އަލް-ސައީދަކީ ކުރިން އާންމު ސިއްހަތުގެ ދާއިރާގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާގެ ކެމްޕޭނުގައި ބޮޑަށް އިސްކަންދެއްވީ އާންމު އާއިލާތަކުގެ ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމަށާއި، ސިޔާސީ މައިދާނުގައި ކުންފުނިތަކުގެ ނުފޫޒު ކުޑަކުރުމަށެވެ. އޭނާގެ ސިޔާސަތުތަކުގެ ތެރޭގައި ޕްރޮގްރެސިވް މެންބަރުން ބާރުއަޅާ، ސަރުކާރުން ހަރަދުކުރާ އެންމެނަށް ޝާމިލުވާ ސިއްހީ އިންޝުއަރެންސް ޕްރޮގްރާމް "މެޑިކޭއާ ފޯ އޯލް" ހިމެނެ އެވެ.
އަންގާރަ ދުވަހުގެ މިޑްޓާމް އިންތިހާބު ފެށުނުއިރު ސެނެޓުގެ އަޣުލަބިއްޔަތު އޮތީ ރިޕަބްލިކަން ޕާޓީގެ އަތުގަ އެވެ. އެއީ 53-47 ގޮނޑީގެ ނިސްބަތުންނެވެ. ސެނެޓުގެ ކޮންޓްރޯލް ހޯދުމަށް ޑިމޮކްރެޓުންނަށް އިތުރު ހަތަރު ގޮނޑި ބޭނުންވެ އެވެ.
އަލް-ސައީދާ ވާދަކުރެއްވި، ކުރީގެ ކޮންގްރެސް މެންބަރު އަދި އެފްބީއައި އެޖެންޓް، އުމުރުން 63 އަހަރުގެ މައިކް ރޮޖާސް އިންތިހާބަށް ނިކުމެވަޑައިގަތީ ރައީސް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީގެ ފުރިހަމަ ތާއީދާއެކުގަ އެވެ. އޭނާ ވަނީ އަލް-ސައީދަކީ މުސްލިމް ބްރަދަހުޑާ ގުޅުން އޮންނަ، ހަރުކަށި ފިކުރުގެ ކެންޑިޑޭޓެއްގެ ގޮތުގައި ސިފަކުރަން މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް އަލް-ސައީދު އެ ތުހުމަތުތައް ދޮގުކުރައްވާއިރު، އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. ޑިމޮކްރެޓުން ބުނާ ގޮތުގައި އަލް-ސައީދަށް އަމާޒުކުރި މި ހަމަލާތަކަކީ އިސްލާމޯފޯބިއާ ނުވަތަ މުސްލިމުންނާ މެދު ނަފުރަތު އުފެއްދުމަށް ބޭނުންކުރާ އުކުޅުތަކެކެވެ.
އިޒްރޭލަށް އެމެރިކާއިން ދޭ އަސްކަރީ އެހީއާ އަލް-ސައީދު ދެކޮޅު ހެއްދެވުމާއި، ޣައްޒާގައި އިޒްރޭލުން ހިންގާ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ އަމަލުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވުމާ ގުޅިގެން، އެކަމާ ހިތްހަމަނުޖެހޭ ޔަހޫދީ ވޯޓުލާ މީހުންގެ ތާއީދު ހޯދުމަށް ރޮޖާސް ބޮޑު މަސައްކަތްތަކެއް ކުރެއްވި އެވެ.
އެހެންނަމަވެސް، އިގްތިސާދީ ކަންބޮޑުވުންތަކާއި ޓްރަމްޕަށް އޮތް ތާއީދު ކުޑަވުމުގެ ސަބަބުން ރޮޖާސްއަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އެވެ. އިންތިހާބުގެ ފަހު ހަފުތާތަކުގައި، ރޮޖާސް ވަނީ އީރާނުގެ ހަނގުރާމައާއި ކެނެޑާއާއެކު އޮތް ވިޔަފާރީގެ ދެބަސްވުންތަކާ މެދު ރައީސް ގެންގުޅުއްވާ ސިޔާސަތުތަކާ ދެކޮޅަށް ވާހަކަދައްކަވާފަ އެވެ. އޭނާ ވަކާލާތު ކުރެއްވީ ވިޔަފާރިތަކާއި ކަސްޓަމަރުންގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އެ ދެ މައްސަލަ ނިންމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
މިޑްޓާމް އިންތިހާބު: ޓްރަމްޕްގެ ދެވަނަ ދައުރާ މެދު ގޮތް ނިންމާނެ
ޓްރަމްޕް، ބަލި ގަބޫލުކޮށްފި
އެމެރިކާގެ މިޑްޓާމް އިންތިހާބުން ޓްރަމްޕަށް ބޮޑު ނާކާމިޔާބީއެއް