އައްޑޫ ސިޓީގެ ފޭދޫގައި މާރާމާރީއެއް ހިނގައި ހަތް މީހަކަށް އަނިޔާވެ، ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ އެރަށު ކުޑަކުދިންގެ ޕާކު ސަރަހައްދުގައި މިމާރާމާރީއެއް ހިނގިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 18:30 ހާއިރުކަމަށެވެ.

ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މިމާރާމާރީގައި އަނިޔާވި ބައެއް މީހުންނަށް ފޭދޫ ހެލްތު ސެންޓަރުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. މާރާމާރީގައި ދެން އަނިޔާވި މީހުންނަށް ފަރުވާދެމުންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް)ގަ އެވެ.

އެނގިފައިވާ ގޮތުގައި އެ މާރާމާރީގައި އަނިޔާލިބުނު ތިންމީހަކަށް އޭއީއެޗްގައި ފަރުވާދެމުން އެބަދެ އެވެ. އޭގެތެރޭގައި ހިމެނެނީ 18 އަހަރާއި، 19 އަހަރާއި އަދި 26 އަހަރުގެ ތިން ފިރިހެނުންކަމަށް އެހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިރޭގެ މާރާމާރީގައި އަނިޔާވި އެއްވެސް މީހަކަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެނގިފައެއް ނުވެ އެވެ.

އަދި މިމައްސަލައާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.