އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރާ އެއްކޮޅަށް ޕީއެންސީގެ ނައިބު ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މިއަދު ވޯޓު ދެއްވައިފި އެވެ.
މި ގަރާރު ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މުހައްމަދު އިބްރާހީމް އެވެ. އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެއަށް އައުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް މިއަހަރުގެ މެއި މަހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.
ގަރާރަށް ބަހުސް ކުރުމަށް ފަހު މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް ޕީއެންސީގެ 63 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
އެ ގަރާރަށް ތާއީދު ކުރައްވާފައިވަނީ އެމްޑީޕީގެ 12 މެންބަރުންނާއި ޓޮމް ގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުވެފައިވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން އެވެ.
ޕީއެންސީގެ ވިސްނުމާ ދެކޮޅަށް ޓޮމް މިއަދު ވޯޓު ދެއްވިއިރު، އޭނާ އިއްޔެ ވަނީ ޓޫރިޒަމް ދާއިރާއިން ލިބޭ ޑޮލަރުތައް ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ޖެހުމުން ވިޔަފާރިވެރިންނަށް ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.
ހުރާ ދާއިރާގެ ޕީއެންސީގެ މެންބަރު ޑރ. އަނާރާ ނައިމް ވަނީ އެ މައްސަލާގައި ވަކި ގޮތަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ. މީގެ އިތުރުން އެވަގުތު ތަޅުމުގައި ތިއްބެވި ޕީއެންސީގެ އިތުރު ފަސް މެންބަރަކު ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ބިރުދައްކާ ކަސްތޮޅު އެޅުވުމަށް ސަރުކާރުން މިއަދު ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައި ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީގެ ވިސްނުމާ މެންބަރުގެ ހިޔާލު ތަފާތުވެއްޖެނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.