ކަމެއް ކުރަން އަޒުމް ކަނޑައަޅައިފި ނަމަ، އެކަމެއް ކުރެވޭނެ މަގު ތަނަވަސް ކުރެވެ އެވެ. މަސައްކަތެއް ކާމިޔާބު ކުރަން ވިސްނާފައިވާ ނަމަ އެކަމަށް ވަގުތު ވެސް ހޯދޭނެ އެވެ. ކާމިޔާބު މީހުންނަކީ އެމީހަކު ބޭނުންވާ ކަމެއް ހާސިލްކުރަން ނުވަތަ ބޭނުންވާ ލަނޑު ދަނޑިއެއް ހާސިލުކުރުމަށް އަމިއްލައަށް މަސައްކަތް ކުރާ މީހުންނެވެ. މީހުންނަށް ބަރޯސާ ނުވެ އެވެ.
އޭނާގެ އަޒުމަކީވެސް ރީތި ތަފާތު އަތްތެރި މަސައްކަތުން މީހުންގެ ދިރިއުޅުމަށް ހެޔޮބަދަލުތައް ގެނައުމެވެ. ކަރުދާހުން މާހަދައި އެމަލުން ތަފާތު އެއްޗެހި ތައްޔާރުކޮށް، ވަރަށް ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރި ކުރާ މިޒުވާނާ އަކީ ވަރަށް ސާދާ ދިރިއުޅުމެއް އުޅޭ ނަމޫނާ އަންބެކެވެ. ލޯބި ދެދަރިންގެ މަންމައެކެވެ.
މާލެގެ ހުޅަނގު އުތުރުން 67.51 ކިލޯމީޓަރު ދުރުގައި އޮންނަ އއ. ތޮއްޑޫއަށް އުފަން އެރަށު ބޮކަރުމާގޭ، މުޝްރިފާ އިބްރާހީމް (މުއްތި) އުޅެ ބޮޑުވީ ތޮއްޑޫގެ ހިތްގައިމު މާހައުލުގަ އެވެ. ރަށުން އޯލެވެލް ހެދުމަށް ފަހު އެހެން އަންހެން ކުދިން ފަދައިން އޭނާ ވެސް ހަޔާތުގެ ދަތުރަށް ފަށައިގަތީ ދެކެމުންއައި ހުވަފެންތަކުގައި ކުލަޖެއްސުމަށެވެ. ފޮނި އުންމީދެއްގަ އެވެ.
"މާހެދުމުގެ ޝައުގުވެރިކަން އަބަދުވެސް ހުރޭ. އެކަމަކު ކިޔަވައި ދިނުމުގެ ރޮނގުން ކުރިއަށް ދާން އޭރު ބޭނުންވެގެން އެ ރޮނގުން ކިޔެވީ. ޕްރީސްކޫލް ޓީޗިން ހެދީ މާލޭގައި. މާލެ ދިއުމުގެ ކުރިން ރަށުގެ ފިހާރައެއްގައި ދުވަސްކޮޅަކު އަޅުގަނޑު މަސައްކަތް ކުރިން،" މުއްތި ބުންޏެވެ.
ވިޔަފާރީގެ ތެރެއަށް ލޯހުޅުވުން
މުއްތިއަށް ދިމާވި ކޮންމެ ކަމެއްގައި ވެސް ކުރިއަށް ނެރެފައި ވަނީ ކެރުމާއި ހީވާގިކަމެވެ. ފަރުވާތެރިކަމާއި ވިސްނުންތެރި ކަމެވެ. އޭނާ ފާހަގަކޮށްލެވެނީ މަސައްކަތް ކުރުމުގައި މީހުންނާ ގުޅޭ މީހެއްގެ ގޮތުގަ އެވެ. ޓީޗިން ހަދަން މާލެ ދިޔުމުގެ ކުރިން އޭނާ ވަނީ ވިޔަފާރީގެ ތެރޭގައި ވެސް އުޅެ ތަޖުރިބާތަކެއް ލިބިފަ އެވެ. އެ ތަޖުރިބާވީ އޭނާއަށް ނުހަނު ބޭނުން ހިފުނު ކަމަކަށެވެ.
މާލޭގައި ޕްރީސްކޫލް ޓީޗިން ކޯސް ފުރިހަމަކޮށްފައި އެބުރި ރަށަށް އައި ނަމަވެސް ރަށުގައި ޕްރީސްކޫލް ކްލާސްތަކެއް އޭރު ނުފަށަ އެވެ. އެދުވަސްވަރު ތޮއްޑޫއާ މާދުރުނޫން ރިސޯޓަކުން ފުޑް އެންޑް ބެވަރޭޖްގައި މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބިފައި އޮތުމުން އޭނާ އެވަޒީފާއަށް ކުރިމަތިލި އެވެ. ރިސޯޓުގެ މަސައްކަތުން މީހުންނާ މުއާމަލާތު ކުރުމާއި، ވިޔަފާރި އިތުރަށް ދަސްވި އެވެ.
އެ ވަޒީފާގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރުމަށްފަހު ރަށު ސްކޫލުން ޓީޗަރެއްގެ ވަޒީފާ ހަމަޖެހުމުން ދެން އޭނާ ރަށަށް ބަދުވި އެވެ. އަހަރެއްހާ ދުވަހު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު އެރޮނގުން އިތުރަށް ކިޔެވުމަށް ދެވަނަ ފަހަރަށް މާލެއަ އެވެ. ނަމަވެސް ކައިވެނިކޮށް ބަލިވެ އިނުމުގެ ސަބަބުން ޓީޗިން ކޯސް ފުރިހަމަ ނުކޮށް ރަށަށް ބަދަލުވުމަށް ހާލަތު ނިޔާކުރި އެވެ.
"ޕްރައިމަރީ ޓީޗިން ފައުންޑޭޝަން ކޯސް ހަދަމުން ދަނިކޮށް އަޅުގަނޑު ބަލިވެއިން. ހާލަތު ނިޔާކުރިގޮތުން ކޯސް މެދުކަނޑާލާފައި ދެން އަޅުގަނޑަށް އަންނަން ޖެހުނީ ރަށަށް،" މުއްތި ކިޔައިދިނެވެ.
މާބަނޑު ދުވަސްވަރު އިތުރު އުނދަގުލެއް އޭނާއަކަށް ފާހަގައެއް ނުވެ އެވެ. ގަވައިދުން ޑޮކްޓަރަށް ދެއްކުމާއި ރަނގަޅު ކާނާ ކެއުންމަތީ ދެމިހުއްޓެވެ. ކުއްލިއަކަށް ބަނޑަށް 8 މަހުގައި ދަރިފުޅުގެ ތޮޅުން ދަށްވަމުން ގޮސް އެއްކޮށް ހުއްޓުނެވެ. އިމަޖެންސީގައި މާލެ އައިސް ޑޮކްޓަރަށް ދެއްކުމުން އޭނާއަށް ލިބިގެން ދިޔައީ ހިތް ކުދިކުދިވި އަދި މިއަދާ ހަމައަށް ވެސް ހިތުން ފިލުވާލަން ދަތިވި އެންމެ ހިތާމަވެރި ޚަބަރެވެ. އެއީ ބަނޑަށް ދަރިފުޅު ނިޔާވި ވާހަކަ އެވެ.
"އެއީ ވަރަށް ފުންހިތާމައެއް ލިބުނު ދުވަހެއް. ނަމަވެސް ހިތްވަރު ކޮށްލައިފައި ދިރިއުޅުމާއިގެން ކުރިއަށް ދިޔައީ،" މުއްތި ބުންޏެވެ.
މަލުގެ ވިޔަފާރިއަށް ދެވުން
ކަރުދާހުން މާ ހަދަން ފުރުސަތަކަށް ބަލަން ހުރި މުއްތި ފުރަތަމަ ހަދަން ފެށީ ޚިތާނީ ސާލެވެ. އެއީ އޭނާގެ ދެވަނަ ދަރިފުޅާއި ބޭބެގެ ދަރިފުގެ ހިތާނައަށް ހެދި ސާލެކެވެ. ސާލުގެ މަސައްކަތް ކުރީ އަދި މިހާރު ވެސް މަސައްކަތް ކުރަނީ އޭނާގެ ބޭބެގެ އަންހެނުން އިނާ އާއި އެކުގަ އެވެ. ސާލުގެ އިތުރުން ފާރުގައި ތަތްކުރާ އަކުރުތައް ވެސް އޭނާ ހެދި އެވެ. ފުރަތަމަ ފެށިއިރު އެ މަސައްކަތަށް މާބޮޑު ޑިމާންޑެއް ނެތް ނަމަވެސް މަދުމަދުން ސާލު އަދި ފާރުގައި ހަރުކުރާ އަކުރު ހަދަން އޭނާއަށް އޯޑަރު ލިބެން ފެށި އެވެ.
"އަޅުގަނޑަކީ ކުދިންގެ ކަންތައް ކުރަމުން ޝެއިން އޯޑާ ޖަހަމުން ވަރަށް ބުރަކޮށް އުޅޭ މީހެއް. ވަގުތު ހުސްކޮށްގެން ހަވީރު ނުވަތަ ރޭގަނޑު ގިނައިން މި މަސައްކަތުގައި އުޅެނީ،" މުއްތި ބުންޏެވެ.
އޭނާ ހަދާ އެއްޗެހި މީހުނަށް ފެނި އާންމުވެ، އެ މަސައްކަތަށް ބޮޑު ތަރުހީބެއް ލިބިގެން ދިއުމުގެ ނަތީޖާއަކަށްވީ ވިޔަފާރިއަށް އެމަސައްކަތް ކުރަން ފެށުމެވެ. އެ މަސައްކަތުގެ ތެރެއަށް އިތުރު ބޮޅުތަކެއް ފަހުން އެމުނިގެން ދިޔައީ ކަރުދާހުންނާއި ރިބަނުން މާހަދަން ފެށުމުންނެވެ. މިހާރު މުއްތިއަކީ ތޮއްޑޫގައި ވަރަށް ފުޅާ ދާއިރާއެއްގައި މާހެދުމުގެ މަސައްކަތް ކުރާ މީހެކެވެ. ސްކޫލާއި ސަރުކާރުގެ އިވެންޓްތަކަށް މާބޮނޑި ހެދުމަށް އޯޑަރު ލިބެ އެވެ.
ގިފްޓް ބޮކޭ އަދި މަލުގެ ބޮކޭ
ސޯޝަލް މީޑިއާއިން މަލުގެ ބޮކޭތަކެއް ފެނި އޭތި ރީތިވުމުން މުއްތި ދެން ބެލީ އެކިހަލަ ބޮކޭ ހެދުމަށެވެ. ރަށަށް ބޮކޭ ތައާރަފް ކުރުމުން ލިބޭ އޯޑާ ގިނަވާން ފެށި އެވެ. ހާއްސަކޮށް ރަށު ސްކޫލުންނާއި ރަށު ކައުންސިލުގެ ޚާއްސަ މުނާސަބަތުތަކަށް މަލުގެ ތަފާތު އެއްޗެހި ހަދަން އޭނާއަށް ލިބެ އެވެ.
"ޕައިޕް ކްލީނާ ކިޔާ ވަޔާ އެއްވެސް ހުންނާނެ. ރާއްޖޭން ބޭރުން އޯޑާކޮށްގެން ގެންނަނީ. އޭގެން މާހަދަނީ. ބޭރުގެ ހުންނަ ރެޕިންއަކީ ގަނެގެން ގެންނަ އެއްޗެއް. ދެން ފަހުން ޗޮކުލެޓު ގިފްޓް ޕެކް ވެސް ހަދަން ފެށިން،" ކްރާފްޓް ފްރޮމް ހޯމް ޕޭޖް ހިންގާ މުއްތި ބުންޏެވެ.
މިމަސައްކަތުގައި އުނދަގޫވާ ކަމަކީ ބޭނުވާ ތަކެތި ހޯދުމުގެ ދަތިކަން ކަމުގައި އޭނާ ބުންޏެވެ.
މުއްތިއަކީ މަލުގެ މަސައްކަތުން އާމްދަނީ ހޯދާ ހީވާގި މުރާލި މަސައްކަތް ތެރިއެކެވެ. އަމިއްލަ ރަށް ނޫން އެހެން ރަށްރަށުން އަންނަ އޯޑަރުވެސް ނަގައި ބޭނުންވާ ދުވަހަށް ތައްޔާރުކޮށްދީ ގަޑިއަށް ލޯންޗަށް ލައިދެ އެވެ. މުއްތިގެ އުންމީދަކީ ކުރިމަގުގައި މިހާރަށް ވުރެ ވެސް ފުޅާދާއިރާއެއްގައި މަލުގެ މަސައްކަތް ކުރުމެވެ. އަދި ރާއްޖޭގެ ކޮންމެ ދިމާއަކަށް ވެސް މުއްތިގެ އުފެއްދުންތައް ފޯރުކޮށްދިނުމެވެ.