ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ޚާން، އިންޑިއާގެ މުމްބާއީގެ އޯގަސްޓް ކްރާންތީ މައިދާނުގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

"ޖާނޭ ތޫ ޔާ ޖާނޭ ނާ" ފަދަ ކާމިޔާބު ފިލްމުތަކުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ މި އެކްޓަރު ހައްޔަރުކުރީ ސީ.ޖޭ.ޕީ. (ކޮކްރޯޗް ޖަންތާ ޕާޓީ)ގެ ފަރާތުން ބޭއްވި އިހުތިޖާޖަކަށް ތާއީދުކޮށް އެ ސަރަހައްދުގައި އޮތް އެއްވުމެއްގެ ތެރެއިންނެވެ.

މި މުޒާހަރާއަކީ އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގަޔަނޭޝް ކުމާރު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި އެއްވުމަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ހުއްދަ ނަގާފައެއް ނުވެ އެވެ. އަދި ބޮމްބޭ ހައިކޯޓުގެ އަމުރުތަކާ އެއްގޮތަށް މުޒާހަރާތައް ބޭއްވެން އަންނަނީ ހަމައެކަނި އާޒާދު މައިދާނުގައި ކަމަށްވާތީ، އޯގަސްޓް ކްރާންތީ މައިދާނުގައި އެއްވުމުގެ ހުއްދަ ދެވެން ނެތް ކަމަށް ފުލުހުން ހާމަކުރި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތު އިމްރާން ވަނީ ފުލުހުންގެ ވެހިކަލް ތެރޭގައި އިނދެ ނަގާފައިވާ ސެލްފީއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

އިމްރާންގެ އިތުރުން އޭނާގެ ލޯބިވެރިޔާ ލޭކާ ވޮޝިންގްޓަންއާއި އާއިލާގެ މެންބަރެއް ކަމަށްވާ ޒައިން މަރީ ޚާން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 1500 އެއްހާ މީހުންގެ ތެރޭގައި ހިމެނެ އެވެ.

މި ހަރަކާތުގެ ސަބަބުން މުމްބާއީގެ މަސްރަހުވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އިމްރާންއާއި އޭނާއާއެކު ހައްޔަރުކުރި ފަރާތްތައް ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އެއްވުންތައް އޮންނާނެ ކަމަށް ބެލެވެ އެވެ.