ޑިވެލޮޕްމަންޓް ޒޯނުގެ ގޮތުގައި ހިމެނެނީ ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅާއި ދެކުނުގެ 4 އަތޮޅުކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.
ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގެ ސަރަހައްދުތައް ތަރައްޤީކުރުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު އަލީ ހައިދަރު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި މާލޭ ފަދަ އިތުރު ސަރަހައްދުތަކެއް އުފެދެންޖެހޭކަމަށެވެ.
އަދި ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި ރާއްޖޭގެ އެންމެ އުތުރާއި ދެކުނު ތަރައްޤީކުރާނީ ލައްކައެއްހާ މީހުންގެ އާބާދީއަކަށް ހިދުމަތްދެވޭ ފެންވަރަށްކަމަށް އޭނާ ވިދާޅުވި އެވެ.
"އާބާދީ އެއްލައްކައަށް ގެނެސްގެން ނޫނިއްޔާ މަތީ ފެންވަރުގެ ހިދުމަތްތައް ދިނުމަށް އުނދަގޫވާނެ. ޓާޝަރީ ލެވެލެގް ހިދުމަތް ދިނުމަށް ވަރަށްބޮޑު އާބާދީއެއްޖެހޭ ހިދުމަތް ހޯދަން އަންނަން." ވަޒީރު ހައިދަރު ވިދާޅުވިއެވެ.
މި ތަންތަން ތަރައްޤީ ކުރެވުމުން މަތީފެންވަރުގެ ހިދުމަތްތައް ލިބޭނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ ސަރަހައްދުތަކަކީ މާލެއާއި ދުރުގައި އޮންނަ އަދި އާބާދީ ބޮޑު ރަށްތަކެއް ހިމެނޭ ސަރަހައްދުތަކެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ އާބަން ރީޖަންތަކުގެ ތެރޭގައިވެސް ވަކިވަކި އާބަން ސެންޓަރުތަކެއް ސަރުކާރުން ތަރައްޤީކުރާނެކަމަށާއި އެތަންތަނުގައިވެސް ތަފާތު ހިދުމަތްދޭ މަރުކަޒުތައް ހުންނާނެކަމަށެވެ. މީގެ އިތުރުން ހުރިހާ ޒޯނެއްގައިވެސް ވަޒީފާގެ ފުރުސަތުތައް ފަހިވާނެގޮތަކަށް ރާވާފައިވާނެކަމަށާއި ފަތުރުވެރިކަމުގެ އިތުރު ފުރުޞަތުތަކެއް ލިބި އަމިއްލަ ވިޔަފާރިތައް ފުޅާކުރުމަށްވެސް ފުރުސަތުތައް ލިބޭނެކަން ވަޒީރު ފާހަގަކުރެއްވި އެވެ.
އާބަން ސެންޓަރުގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު 7 ރަށެއް ވަނީ ކަނޑައަޅުއްވާފަ އެވެ. އަދި ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅު ހިމެނޭހެން ހާއްސަ ޑިވެލޮޕްމަންޓް ޒޯނަކާއި ދެކުނުގެ 4 އަތޮޅު ހިމެނޭހެން ޚާއްސަ ޑިވެލޮޕްމަންޓް ޒޯނެއް ތަރައްޤީކުރައްވަން ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ.
މާލޭ އާބަން ރީޖަންގެ އިތުރުން މަތީ ފަންތީގެ ހިދުމަތް ލިބޭ ސަރަހައްދެއްގެ ގޮތުގައި ހއ، ހދ، އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްޤީގެ ޒޯނެއް ޤާއިމުކުރުމަށް ހަމަޖެހިފައި ވާއިރު،
މި ޒޯނުގެ އިދާރީ މައި ހަބުގެ ގޮތުގައި ހދ. ކުޅުދުއްފުށި ސިޓީ ކަނޑައަޅައި، ބައިނަލްއަޤްވާމީ ދޮރާޓެއްގެ ގޮތުގައި ހދ. ހަނިމާދޫ ޤާއިމްކޮށް ހއ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ޓްރާންސް ޝިޕްމަންޓް ބަނދަރެއް ޤާއިމްކުރުން ހިމެނެ އެވެ.
ހަމައެހެންމެ މަތީ ފަންތީގެ ހިދުމަތް ލިބޭ ސަރަހައްދެއްގެ ގޮތުގައި ގއ، ގދ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭހެން ދެކުނުގެ ތަރައްޤީގެ ޒޯނެއް ޤާއިމުކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ. ދެކުނު ޒޯނުގެ އިދާރީ މައި ހަބުގެ ގޮތުގައާއި ބައިނަލްއަޤްވާމީ ދޮރާށްޓެއްގެގޮތުގައި ކަނޑައަޅާފައިވަނީ އައްޑޫ ސިޓީ އެވެ.