އިންސާނުންގެ ބުއްދި ބޭނުންކޮށްގެން ކުރާ ބައެއް ކަންކަން މެޝިންތަކާއި އެހެނިހެން އާލާތްތަކުގެ އެހީގައި ކުރުމަށް ދެވިފައިވާނަމަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ނުވަތަ މަސްނޫއީ ބުއްދި އެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ކަންތައްތަކެއް ކޮށްނިންމާލުމެވެ.
ފޭސްބުކްގައި މިދުވަސްކޮޅު ވަރަށް ތަޖުރިބާކާރު ޓީޗަރަކު އާޓިފިޝަލް އިންޓަލެޖެންސް (އޭއައި)ގެ ވަރަށް ކާމިޔާބު ވޯކްޝޮޕްތަކެއް ކުރިއަށް ގެންދާކަން ފާހަގަވެ އެފަރާތާބެހޭ މައުލޫމާތު ހޯދާލުމުން އެއީ ވަރަށް އިލްމީ، ގާބިލް، އެތައް ދަރިވަރުންގެ ލޯބި ލިބިފައިވާ މުދައްރިސެއްކަން އެނގުނެވެ. ދަރިވަރުން އެ މުދައްރިސް ސިފަކުރަނީ މަޑުމައިތިރި އަދި ކިޔަވައިދިނުމުގައި ފަސޭހައިން ވިސްނޭ ކަހަލަ އުކުޅުތަކެއް ބޭނުން ކުރައްވާ "ބަރާބަރު" މުދައްރިސެއްގެ ގޮތުގަ އެވެ.
ގދ. ތިނަދުއަށް އުފަން ނިއުމާ މުހައްމަދު ނުވަތަ ނިއުމާ މިސްއާއި ވާހަކަ ދައްކައިލުމުން ފުރަތަމަ ވެސް ފާހަގަވީ އެބޭފުޅާގެ މައުލޫމާތުގެ މުއްސަނދިކަމެވެ. ދޫފަސޭހަކަމާއި ބަސްމޮށުންތެރިކަމުގެ މޮޅުކަމެވެ. ނިއުމާއަކީ ކިޔަވައިދުނުމުގެ ދާއިރާގައި ގާތްގަނޑަކަށް 34 އަހަރުވެފައިވާ ބޭފުޅެކެވެ.
މިވަގުތު ހުންނެވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓްކަމުގެ މަގާމުގަ އެވެ. އާޓިފިޝަލް އިންޓަލެޖެންސް ވޯކްޝޮޕްތަކަކީ ހުސްވަގުތުގައި ކުރައްވާ މަސައްކަތެކެވެ. އޭގެ ބޭނުމަކީ އެމީހެއްގެ ދާއިރާއިން ކުރާ މަސައްކަތްތައް، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ލުއިފަސޭހަކަމާއެކު ކުރެވޭނެ ގޮތްތައް ބުނެދިނުމެވެ.
"ގްރޭޑް 10 ނިންމާއިރު ނުވަތަ 11،12 ނިންމާ އިރު އިނގިރޭސި އަދި ދިވެހިބަސް ރަނގަޅަށް އިނގޭނެ، ސިޓީ އާއި އީމެއިލް ލިޔަން ވެސް އެނގޭނެ. ހަމައެފަދައިން ޓީޗާރުންނަށް ވެސް އެނގޭނެ ދެ އަހަރު ތިން އަހަރުގެ ޓްރޭނިންއަށްފަހު ލެސަން ޕްލޭންއަކީ ކޯންޗެއްކަމާއި އޭގެ ފޯމެޓް. އަޅުގަނޑު ވޯކްޝޮޕް ތެރެއިން މި ދަސްކޮށްދެނީ އޭއައި ބޭނުންކޮށްގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލެސަންޕްލޭން އާއި ވޯކްޝީޓްސް އަދި ޓީޗިންގް މެޓީރިއަލްސް ހަދަން،" ނިއުމާ ކިޔައިދެއްވި އެވެ.
އޭއައި ކޯސް އަމާޒުކޮށްފައިވަނީ
މަތީ ތައުލީމުހާސިލް ކުރާ މީހުންނަށެވެ. އެހެން ނަމަވެސް ކޮންމެ ދާއިރާއެއްގެ މީހަކަށް ވެސް އޭއައި މުހިންމުކަން ފާހަގަ ކުރައްވައްމުން ނިއުމާ ވިދާޅުވީ، ދަސްކުރެވޭނެ މަގުތައް ހުޅުވިފައި ހުއްޓަސް އަމިއްލައަށް މައުލޫމާތު ހޯދައިގެން އޭއައި ދަސްކުރުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ. ނަމަވެސް މީހަކު ކިޔައިދިނީމަ އޮޅުންފިލައި ނަގައިގަންނަން ފަސޭހަވާނެ ކަމަށާއި އެވޯކްޝޮޕް އިތުރަށް ހިންގުމަށް ގިނަ ބައިވެރިން މިހާރު ވެސް އެދެމުން އަންނަ ކަމަށެވެ.
ބުކް ކްރިއޭޓިން ނުވަތަ ފޮތް ތައްޔާރު ކުރުން: އޭއައިގެ ތެރެއިން ދަސްކޮށްދެވޭ އިތުރު ހުނަރެއް
ނިއުމާ ހިންގާ އޭއައި ވޯކްޝޮޕްގެ ތެރެއިން އިތުރު ހުނަރެއްވެސް ބައިވެރިންނަށް ދަސްކޮށްދެވެ އެވެ. އެއީ އަމިއްލައަށް ފޮތެއް ހެދުމެވެ. އެކަން ކުރަނީ ބުކް ކްރިއޭޓާ އެޕް މެދުވެރިކޮށެވެ. ބުކްކްރިއޭޓާއަކީ އިންގިރޭސިވިލާތުގެ ވެބްސައިޓެކެވެ. އެ ވެބްސައިޓުން އެކި ގައުމުތަކުން ތަމްސީލުކުރާނެ މަންދޫބުން ހޮވާފައި ހުންނައިރު ނިއުމާއަކީ ރާއްޖެ ތަމްސީލުކޮށްދޭ ބުކް ކްރިއޭޓާގެ ރާއްޖޭގެ އެމްބަސެޑަރެކެވެ.
"ބުކް ކްރިއޭޓާ ބޭނުންކޮށްގެން ވަރަށް ފަސޭހަވާނެ ފޮތް ހަދަން. މިސާލަކަށް ފޮތުގެ ކޮންޓެންޓް. ކޮން ސުރުހީއަކަށްތޯ، ކިތައް ސަފްހާތޯ ހުންނަންވާނީ، ކޮން އުމުރު ފުރާއަކަށްތޯ، އެހުރިހާ ތަފްސީލެއް ހިމަނައިގެން ފޮތެއް ހެދޭނެގޮތް މިސް މި ދަސްކޮށްދެނީ އޭއައި ބޭނުންކޮށްގެން،" ހުސް ވަގުތުތަކުގައި ފޮތް ކިޔުއްވުމަށް ޝައުގުވެރިވާ ނިއުމާ ވިދާޅުވި އެވެ.
ކިޔަވައި ދިނުމަކީ މިސްގެ "ޕެޝަން" (ޝައުގުވެރިކަން) އެވެ. އެ މަސައްކަތާ ދުރުނުވެވޭ ކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ވަޒީފާގައި ރަސްމީކޮށް މަސައްކަތް ކުރައްވަމުން ވެސް އެކި ޕްލެޓްފޯމްތަކުގައި ތަފާތު ވަސީލަތްތަށް ބޭނުން ކުރައްވައިގެން އަމަލީގޮތުން އިލްމް ފެތުރުމުގެ މަސައްކަތް ކުރައްވަމުން ގެންދިއުމެވެ. ކިޔަވައިދިނުމުގެ ދާއިރާއަށް ވަދެވުނީ "ޕިއާ ޕްރެޝާ" (ރައްޓެހިންގެ ޕްރެޝާ) އާހެދި ކަމަށް ވިއަސް ފަހުން އެ މަސައްކަތަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދުނު ކަމަށް ނިއުމާ ވިދާޅުވި އެވެ.
މީގެ 35 އަހަރު ކުރިން 1989 ގައި އަމީނިއްޔާ ސްކޫލް ނިންމުމަށްފަހު ފުރަތަމަ އެ ދާއިރާއަށް ނިކުމެވުނީ ހަމަ އެއަހަރު އިންސްޓިޓިއުޓް ފޯޓީޗާސް އެޑިއުކޭޝަންގައި އެއް އަހަރުގެ ޓީޗާސް ޓްރޭނިން ކޯސް ފުރިހަމަ ކުރެވުނު ހިސާބުންނެވެ.
"ޓްރޭނިންގް އަށްފަހު، ފަނަރަ އަހަރު ޖަމާލުއްދީން ސްކޫލުގައި މަސައްކަތް ކުރިން. އޭގެ ތެރެއިން ދިހަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގަ މަސައްކަތް ކުރީ. އަނެއް ފަސް އަހަރު ސުޕަވައިޒަރަކަށް ހުރީ،" ފަހުން އެމްއެންޔޫގައި ޓީޗިން ޑިގްރީ ވެސް ފުރިހަމަ ކުރެއްވި ނިއުމާ ވިދާޅުވި އެވެ.
ނިއުޒީލޭންޑަށް ލިބުނު ސްކޮލާޝިޕުން ތަމްރީނު ދިނުމުގެ ދާއިރާއަށް: މުޅި ރާއްޖެއަށް ނިއުމާ ތައާރަފުވި
ޑިގްރީ ނިންމުމަށްފަހު ނިއުމާ މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސުޕަވިޝަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޝަންގަ އެވެ. އެތަނުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ނިއުޒިލޭންޑަށް މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ.
"އެއީ އެއްއަހަރު ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއެއް އަދި ދެ އަހަރުގެ މާސްޓާސް ޕްރޮގްރާމެއް. މާސްޓާސްގެ ޚާއްސަ ދާއިރާއަކީ އެސެސްމެންޓް ފޯ ލާނިން،" ނިއުމާ ވިދާޅުވި އެވެ.
ކިޔަވައި ނިމިގެން މާލެ ވަޑައިގެންނެވިއިރު އެސެސްމަންޓްއަށް ޚާއްސަ ވެފައިވުމާއެކު، އޭރު އެޑިއުކޭޝަން ގއި އާމަންހަޖު އެކުލަވައިލުމުގެ މަސައްކަތް ކުރެވެމުންދާތީ ނިއުމާއަށް ހަވާލުކުރެވުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕޮލިސީ ޑިޕާޓްމެންޓާ ގުޅިގެން އެސެސްމަންޓް ޕޮލިސީ ތައްޔާރު ކުރުމާއި، އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ގްރޭޑު އެކަކުން ތިނަކަށް ކިވައިދޭ ޓީޗަރުން އާ މަންހަޖަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ހިންގާށެވެ.
އެދުވަސްވަރު ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން މޮޑިއުލްއެއް ތައްޔާރުކޮށް "ކެންވަސް "ކިޔާ ޕްލެޓްފޯމެއްގައި އެސެސްމެންޓް ފޯލާނިންގް ކޯހެއް އޮންލައިންކޮށް ހިންގަވައިދެއްވި އެވެ.
"ފެންވަރު ބަލާ އެސެސްކުރުމާއި، ވޯކްޝޮޕް ހިންގުމާއި އަދި ދެވެން ހުރި ރަށްރަށަށް ވެސް ދިޔައިން އެކޯސް ހިންގިއިރު. ވަރަށް ގިނަ މުދައްރިސުންނަށް ނިއުމާ މިސް އެނގިގެންދިޔަ އެމަސައްކަތުގެ ސަބަބުން،" މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގައި ގައުމީ މަންހަޖާ ބެހޭގޮތުން ފެންވަރު ބަލާ ވަޒަންކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ނިއުމާ ވިދާޅުވި އެވެ.
އިލްމީ ގަލަމުން ހޭލުންތެރިކުރުވުން: ބެލެނިވެރިންނަށާއި ޓީޗަރުންނަށް ލިބެނީ ގިނަ ފައިދާތަކެއް
ކިޔަވައިދެއްވުމާއި، މީހުން ތަމްރީނު ކުރެއްވުމާއި، މީހުން އޭއައިއަށް އަހުލުވެރިކުރެއްވުމުގެ އިތުރުން، ނިމުމާ ގެންދަވަނީ ބެލެނިވެރިންނާއި ޓީޗަރުން ހޭލުންތެރި ކުރުވަން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. "ޖަމާއަތުގެ ޚަބަރު"، "ދަރިވަރު" ގައި "ނިއުމާގެ ގަލަމުން" ފަދަ ޕްލެޓްފޯމްތަކުގައި ބެލެނިވެރިންނަށާއި ޓީޗަރުންނަށް އަދި ދަރިވަރުންނަށް އަމާޒުކޮށް ފައިދާހުރި ގިނަ ލިޔުންތައް ލިޔުއްވަ އެވެ. ފޭސްބުކް މެދުވެރިކޮށް ތައުލީމީ ދާއިރާގެ މައުލޫމާތު ދިވެހިބަހުން ގެނެސްދެއްވަ އެވެ. އޭގެ ތެރޭގައި އުނގެނުމުގައި އުނދަގޫ ކަންކަން ހުންނަ ކުދިންގެ މައްސަލަތަކާއި އެކަމަށް ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާ ލައްވާއި، ގިނަ މައުލޫމާތުތަކެއް ހިމެނޭ ލިޔުންތައް ފޯރުކޮށްދެއްވަ އެވެ. މުސްތަގުބަލުގައި ޔޫޓިއުބް ވީޑިއޯގެ އެހީގައި ދިވެހި ބަހުން ތައުލީމާ ބެހޭ އެކި ކަހަލަ މެސެޖްތައް ގެނެސްދެއްވުމަކީ ވެސް ނިއުމާގެ ވިސްނުމެކެވެ.
ކިޔަވައި ދިނުމުގެ ދިގު ތަޖުރިބާގެ އަލީގައި މިއަދު ރާއްޖޭގެ ޓީޗަރުންގެ ބޮޑު އާބާދީއަކަށް ނިއުމާ ވަނީ އެކި ގޮތްގޮތުން ތަމްރީނު ދެއްވާފަ އެވެ. އަދި މިހާރު ވެސް ދަނީ ތަމްރީނު ދެއްވަމުންނެވެ. އިންޓަނެޓް ނެތް ޒަމާނާއި މިޒަމާނުގެ ކިޔަވައި ދިނުމުގެ ތަފާތު އެންމެ ބޮޑަށް ދަންނަ އެކަކު ކަމުގައި ހަމަގައިމު ވެސް އޭނާ ވާނެ އެވެ. މިއަދު އޭނާގެ އެއް އަމާޒަކަށްވެފައި ވަނީ ކިޔެވުމުގެ ތެރޭގައި އުޅޭ އެކި ފެންވަރުގެ އެންމެނަށް ވެސް އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކޮށްގެން މަސައްކަތް އަވަސް ކުރެވޭނެ ގޮތް ދަސްކޮށްދިނުމެވެ. އެކަންވެސް އެވަނީ ކާމިޔާބު ކުރައްވާފަ އެވެ.