އދ. މަހިބަދޫގައި 100 ހައުސިން ޔުނިޓް އެޅުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
މަހިބަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް އެ ރަށުގެ ބިން އިތުރުކުރުމަށްޓަކައި މާފަރުފަޅު، މަހިބަދޫގެ އިހްތިސާސް ތެރޭގައި ހިމަނައި ހައުސިން މަޝްރޫތަކަށް ބޭނުންކުރެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
އދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މަހިބަދޫ އަކީ ތަރައްގީ އަށް މުހިއްމު ތަނެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މަހިބަދޫގެ ރައްޔިތުން އެދޭ ގޮތަށް ކޮންސެޕްޓް ފައިނަލްކޮށް، އަމަލީ ގޮތުން މާފަރު ފަޅު ހިއްކުމާއި ގުޅުންހުރި މަސައްކަތްތައް ފެށޭނެ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ބޯހިޔާވަހިކަން ހޯދައި ދިނުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މަހިބަދޫގައި 100 ހައުސިން ޔުނިޓް ގާއިމުކުރުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށެވެ.
"2025 ވަނަ އަހަރަކީ މި ރަށުގައި ގާއިމްކުރުމަށް [100 ހައުސިން ޔުނިޓް]ގެ ވައުދު އަޅުގަނޑު ފުއްދާ އަހަރު، އިރާދަކުރެއްވިއްޔާ އެ 100 ޔުނިޓުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން، ވިހާވެސް ބާރުމިނެއްގައި ނިންމައިދޭނެކަމުގެ ޔަގީންކަން އަރުވަން" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ އާބަން ސެންޓަރެއްގެ ގޮތުގައި އެތަން ތަރައްގީކުރުމަށް ނިންމެވުމަކީ އެ އަތޮޅަށް ބޯހިޔާވަހިކަމުގެ މުހިއްމު ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
މެންބަރު ވިދާޅުވީ އެއީ މީގެ 100 އަހަރަށް ދާންދެން އެ ސަރަހައްދުގެ ރައްޔިތުން އާބާދުވުމަށްޓަކައި ތަރައްގީކުރެވިގެންދާނެ ތަނެއް ކަމަށެވެ.
މަހިބަދޫގެ ކައުންސިލުގެ ރައީސް, ރަޝާދު އަލީ ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ ފަޅު ހިއްކި, މަހިބަދޫގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދުން ކަމަށެވެ. އަދި އެ ބިމުން އެހެނިހެން މަސައްކަތްތަކަށްވެސް ވީ އެންމެ އަވަހަކަށް ތަރުތީބުކުރެވި އެ ލުއި ފަސޭހަކަން މަހިބަދޫގެ ރައްޔިތުންނަށް ލިބިގެން ދިއުން ކަމަށެވެ.
ރައީސް، އަތޮޅު ތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރެއްކަމަށް ރައީސް އޮފީހުން ބުނެ އެވެ.