ގިނަ ދިވެހި ޒުވާނުން، އެމީހެއްގެ ހުނަރާއި ގާބިލްކަން ތަންދޭ މިންވަރުން އެކި ކަހަލަ މަސައްކަތް ކުރުމުގައި ރެއާއި ދުވާލު ހޭދަކުރެ އެވެ. އެއްބަޔަކު ވިޔަފާރީއެއް ފަށައި، ކޮޅަށް ޖަހަން މަސައްކަތް ކުރާއިރު، އަނެއް ބަޔަކު އަމިއްލަ އުފެއްދުންތައް ތައާރަފްކުރުމުގައި އަވަދިނެތި އުޅޭތަން ފެނެ އެވެ. އެހެންކަމުން ރާއްޖޭގެ އާބާދީގައި ހިމެނޭ ޒުވާނުންގެ ތެރެއިން ބޮޑު އަދަދަކީ ޒިންމާދާރު މަސައްކަތެއް ކުރާ ބައެކޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ.
މިއީ ވެސް އެފަދަ ޒުވާނެކެވެ. އެންމެ ކުޑައިރުން ފެށިގެން ކަލިނަރީގެ މަސައްކަތަށް އޭނާ ވަރަށް ޝައުގުވެރިވެ އެވެ. އެހެން މީހުން ކާތަކެތި ތައްޔާރު ކުރާ ތަން ބަލައި ދަސްކޮށް އަމިއްލަ އެއްޗެއް އުފެއްދޭތޯ ވިސްނަ އެވެ. މަސައްކަތުގައި އަމިއްލަ "ޓަޗް" ބަހައްޓަން އަބަދުވެސް ލޯބިކުރެ އެވެ. ގަދަހިތްވަރާއެކު އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވުނު ދުވަހު އެކަން އޭނާ އެވަނީ ކާމިޔާބުވެސް ކޮށްފަ އެވެ.
އއ. ތޮއްޑޫ ފެރޯސް، އާދަމް އާނިސް (އާންޑެ) އަށް ދިރިއުޅުމަކީ އަމިއްލަ ފައިމައްޗަށް ތެދުވުން ކަމުގައި ގަބޫލު ކުރެވުނު ހިސާބުން ދިވެހިންނާއި ބޭރު މީހުން ވެސް ބަލައިގަންނަ ފަދަ ރަހައެއް ތައްޔާރުކުރުމުގެ ވިސްނުން ސިކުނޑި ތެރޭގައި އެނބުރެން ފެށި އެވެ. ދެކެމުންއައި އެ ހުވަފެން ހަގީގަތަކަށް ހެދީ މީހުން ހީވެސް ނުކުރާ ފަދަ ބާރުމިނެއްގަ އެވެ.
ކާމިޔާބީގެ ދަތުރުގެ ފެށުން: ވަޒީފާގެ ތެރެއިން ޝައުގުވެރިވާ މަސައްކަތަށް
ސްކޫލް ދައުރު ނިމި ރަށުގެ އެކި ކަންކަމުގައި އުޅުމަށްފަހު ވަޒީފާއަކަށް އާންޑެ ކުރިމަތިލީ 2018 ގަ އެވެ. އޭރު އޭނާގެ އުމުރަކީ 21 އަހަރެވެ. އަދާކުރި މަސައްކަތަކި ކުރަމަތީ އައިލެންޑް ރިސޯޓުގެ ފުޑް އެންޑް ބެވަރޭޖްގެ ވެއިޓަރެއްގެ މަސައްކަތެވެ. އެއް އަހަރު އެ ވަޒީފާގައި އުޅެފައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ގުޅުނެވެ. ނަމަވެސް ފުޑް އެންޑް ބެވަރޭޖްގެ މަސައްކަތް މާ ރަނގަޅު ކަމަށް ފެނި އަނެއްކާވެސް ކުރިން ހުރި ރިސޯޓްގެ ވަޒީފާއަށް ބަދަލުވި އެވެ. އޭރުން ފެށިގެން 2023 ވަނަ އަހަރާ ޖެހެންދެން އޭނަ ދެމިހުރީ އެ މަސައްކަތުގަ އެވެ.
"އެންމެ ފުރަތަމަ ވެސް އަސްލު ދެވުނީ އެންމެ ބޭނުންވާ ދާއިރާއަށް. އެއީ ފުޑް އެންޑް ބެވަރޭޖްގެ މަސައްކަތް. ދެން އެކަމަށް އިންޓްރެސްޓް ހުންނާތީ ވާގޮތަކީ ޑްރިންކްސް ހަދާތަން ފެނުނީ، ވަރަށް ފަސޭހައިން ދަސްވޭ. އެ މަސައްކަތުގެ ތެރޭގައި އުޅުނީމަ އެބަ އެނގޭ މީތި މިހެން ހަދައިފިއްޔާ މީގަ ލާނީ މިރަހަކަން. އެގޮތަށް ވަރަށް ގިނައެއްޗެހި ފެނިގެން ދަސްވަނީ. ދެން އިތުރަށް ދަސްކުރަން ބޭނުންވާތީ ޔޫޓިއުބް ބަލައިގެން ޓްރައިކުރީ،" އޭނާ ކިޔައިދިނެވެ.
އެދުވަސްވަރު އިތުރު ވިސްނުންތަކެއް އޭނާގެ މައްޗަށް ބާރު ފޯރުވާން ފެށި އެވެ. އެއީ އަމިއްލަ އުފެއްދުމެއް ތައާރަފްކޮށް އަމިއްލަ މަސައްކަތެއް ފެށުމެވެ. އޭނާއަށް ވިސްނުނު ގޮތުގައި އަމިއްލަ މަސައްކަތެއް ފަށައިގެން މެނުވީ މީހާއަށް ކުރިއެރުމެއް ނާންނާނެ އެވެ.
"ރިސޯޓުގައި ތިން ވަރަކަށް މަހު މަސައްކަތް ކުރެވުމަށްފަހު އަޅުގަނޑަށް ވިސްނުނީ އެހެން މީހުންނަށޭ މިމަސައްކަތް ކޮށްދެވެނީ. މީ އަދި ލައިފެއް ނޫނޭ،" އާންޑެ ބުންޏެވެ.
ފަހުން އޭނާއަށް ވިސްނުނު ގޮތުގައި ޝައުގުވެރިކަން ހުރި ދާއިރާއަކުން ކުރިއަށް ދާން ފަސޭހަވާނެ އެވެ. ފުޑް އެންޑް ބެވަރޭޖްގެ ތަޖުރިބާއާއެކު އެކަން އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ކުރެވޭނޭ ކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. މަސައްކަތަށް ފެށުމުގެ ކުރިން އާއިލާއާ ވެސް މަޝްވަރާ ކުރި އެވެ. ލިބިގެން ދިޔައީ ބޮޑު ތަރުހީބެކެވެ. އާއިލާއިން އޭނާގެ މަސައްކަތަށް އެއްބާރުލުން ދޭން ހުރިކަން އޭނާ އުފަލާއެކު ފާހަގަކުރި އެވެ.
ނުގުޑާ އަޒުމެއް: މަސައްކަތް ކޮށްފިއްޔާ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެކަމަށް ގަބޫލު ކުރުން
އޭނާގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބާރަކީ އަބަދުވެސް ހިތުގައި އޮންނަ ނުގުޑާ އަޒުމެވެ. ކަމެއް ކުރަން ބޭނުންވެގެން އެކަމަށް މަސައްކަތް ކޮށްފިއްޔާ ކޮންމެވެސް ދުވަހަކުން އެކަން ކާމިޔާބުވާނެ ކަމުގެ ވިސްނުން ގެންގުޅެ އެވެ. އެ ވިސްނުމުގައި މަސައްކަތް ފެށި ނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުން މެދުވެރިވި އެވެ. އާ ނަމަވެސް ކަމެއް ކުރަން ފަށައިފިއްޔާ ކޮންމެވެސް ގޮތެއް ފެންނާނެ ކަމަށް ވިސްނައި އެގޮތުގައި އެ ވިސްނުމުގައި އޭނާ ސާބިތުވެ ހުރި އެވެ.
"އަޅުގަނޑަކީ ހުރިހާ ކަމެއް ދަންނަ މީހެއް ނޫން. ކޮންމެ ގޮތެއްވިޔަސް ކޮންސްޓްރަކްޝަންއާ މިހުރިހާ މަސައްކަތެއް ކުރާއިރު އެހެން މީހުންގެ އެހީ ބޭނުންވާނެ. ފައިސާ ދީގެން ނަމަވެސް އެހެން މީހުންގެ އެހީ ބޭނުންވާނެ. އެކަމަކު ލާރިއަށް ވެސް ކޮށްދޭނަމޭ ބުނެފައި ފޯނު ނުނަގާ މީހުން ތިބި. އެކަމަކު ވެސް ކޮންމެވެސް ގޮތެއް ހޯދައިގެން އެކަން ކޮށްފައި އަޅުގަނޑު މި ހިސާބަށް އައިސް މިހިރީ،" އާންޑެ ބުންޏެވެ.
އާންޑެގެ އަމިއްލަ އުފެދުން ހިމެނޭ "ސިމްޕްލީ ވިތް އާންޑެ ސްޕެޝަލް": ރާއްޖެ ތަމްސީލުކޮށްދޭ ގިނަ ދިވެހި ރަހަތަކެއް ލިބޭ
ރިސޯޓުގައި މަސައްކަތް ކުރަމުން އާންޑެ ގެންދިޔައީ އޭނާގެ އަމިއްލަ ކެފޭ ހުޅުވުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެކަމަށް ބޭނުންވާ 19 ފޫޓު 11 ފޫޓުގެ ބިމެއް ހޯދައި، ހަތް މަސްވަންދެން އެތަން ހުޅުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ހެން ކުރި އެވެ. އެކަމުގައި އެންމެ ގާތް އެކުވެރިޔާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަން އޭނާ އުފަލާއެކު ފާހަގަކުރި އެވެ. އަދި އޭނާ ބޭނުންވާ ގޮތަށް އެތަނުގެ އިންޓީރިއާގެ މަސައްކަތް ވެސް ވަރަށް ފުރިހަމައަށް ނިންމާލި އެވެ. "ސިމްޕްލީ"ގެ މާހައުލު އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ވަރަށް ކަމުދިޔަ އެވެ. އެތަނަށް ޒިޔާރަތްކޮށްފައި ތިބި މީހުންގެ ރިވިއުސްތައް ފެނި، ތޮއްޑޫއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އަޖުމަ ބަލާލުމަށް ވަރަށް ގިނައިން އާންޑެގެ "ސިމްޕްލީ"އަށް ޒިޔާރަތް ކުރެ އެވެ.
"ސިމްޕްލީ އިންނާނީ ރަށުގެ ބޯޅަދަނޑު ފެންނަ ގޮތަށް. ވަރަށް ވިއު ރީތިވާނެ. އެވިއު ބަލަން އިނދެގެން ޑްރިންކް ބޮވޭ ގޮތަށް ގޮނޑިވެސް ބަހައްޓައިފައި ހުންނާނީ." އޭނާ ކިޔައިދިނެވެ.
ސިމްޕްލީއިން ލިބެން ހުންނަ ބުއިންތަކަކީ ސައި، ކޮފީ، އައިސްޓީ، އައިސްކޮފީ، މިލްކްޝޭކް، ފްރެޝް ޖޫސް، މޮހީޓޯ، އަދި މޮކްޓެއިލްސް ކަމަށް އޭނާ ބުނެޏެވެ. މޮކްޓެއިލް އަކީ އެތާނގައި ވަރަށް ހިނގާ ބުއިމެކެވެ. ނަމަވެސް އެންމެންގެ މަގްބޫލު އަދި އެންމެ ގިނައިން ވިކޭ އެއްޗަކީ އޭނާ އަމިއްލައަށް ތައްޔާރުކުރާ ހޯމްމޭޑް އައިސްކްރީމެވެ.
އާންޑެ ބުނިގޮތުގައި އެ އައިސްކްރީމް ތައްޔާރުކުރަނީ ތޮއްޑޫގައި ހައްދާ ތާޒާ ޕެޝަން ފްރުޓް، އަނބު އަދި ކާށި ބޭނުން ކޮށްގެން، އެ ރަހަތައް ނެރެގެންނެވެ.
"މިރަށަކީ ވަރަށް ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ރަށެއް. މިތަނަށް އަންނަ ގިނަ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއްޗަކީ އަޅުގަނޑު އަމިއްލައަށް ހަދާ އައިސްކްރީމެއް. ވަރަށް ޑިމާންޑް އޮވޭ އެއަށް. އެންމެ ބޮޑަށް ހިނގަނީ ކޮކްނަޓާއި ޕެޝަން ފުރުޓް. ގާތްގަޑަކަށް ޓަބެއް ހުސްވޭ ދެދުވަހުގެ ތެރޭގައި. ހަމަ އަޅުގަނޑަށް ހަދަން ކެރުނު ވަރެއް އޮންނަނީ،" އޭނާ ކިޔައިދިނެވެ.
ކަޅުކުލައިގެ އޯޑޮރަކަސޫ : އާންޑެ އުފެއްދި މީރު ބުއިމެއް
އޭނާގެ އުފެއްދުންތަކުގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކަމުދާ ބުއިމެއް ވެސް ހިމެނެ އެވެ. އެއީ "މަޗާޔާ ޗާކޯލް" އަދި "ސިޓްރަސް" ޖޫހާއި، މާމުއި ބޭނުންކޮށްގެން ހަދާފައި ހުންނަ "އޯޑޮރަކަސޫ" ކިޔާ ކަޅުކުލައިގެ ޖޫހެކެވެ. އޭނާ ބުނި ގޮތުގައި އެއީ ޖަޕަނީސް ނަމެކެވެ. އެބަހުގެ މާނައަކީ ސަޕްރައިޒް އެވެ.
"އާންމުކޮށް ކަޅުކުލައިގެ ބުއިމެއް ނުހުރޭ. އޯޑޮރަކަސޫއަކީ ކަޅުކުލައިގެ ބުއިމެއް. ރިސޯޓުން ދަސްވި ބުއިމެއް އެއީ ދެން އަމިއްލަ ބަދަލުތަކެއް ގެނެސްފަ ހުންނާނީ. ވަރަށް ގިނަ މީހުނަށް ކަމުދާ ބުއިމެއް އެއީ. ރަހަވެސް ވަރަށް މީރުވާނެ،" އާންޑެ ކިޔައިދިނެވެ.
ހުޝިޔާރު ވެރިއެއް: ތަނުގެ ވެރިމީހާއަށް ވިނަމަވެސް އެތަނުގެ ހުރިހާ މަސައްކަތެއް އެގެންވާނެ ކަމަށް ދެކޭ
އާންޑެ މިމަސައްކަތް ކުރަނީ ވަރަށް ޝައުގުވެރިވާތީ ވަރަށް ކުރާ ހިތުންނެވެ. އެކަމަކީ މިރޮނގުން ކުރިއަށް ދެވުމުގެ ބާރެއްކަމުގައި އޭނާ ގަބޫލުކުރެ އެވެ. އަދި އެހެން މީހުނަށް ވެސް އޭނާދޭ ނަސޭހަތަކީ ކުރާ ހިތުން ކޮށްފިޔާ މިމަސައްކަތަކީ ވަރަށް ފައިދާހުރި ރަނގަޅު މަސައްކަތެއް ކަމެވެ. އޭގެ އިތުރުން އެ މަސައްކަތާ ބެހޭ ހުރިހާ ކަމެއް ވެރި މީހާއަށް އެނގުމަކީ ވެސް މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ.
އޭނާއަކީ ސިމްޕްލީގެ ވެރިފަރާތް ނަމަވެސް އެތާނގައި އޭނާއަށް ކުރަން ނޭނގޭ އެއްވެސް ކަމެއް ނުހުންނާނެ އެވެ. ފުރަތަމަ އެތަން ހުޅުވައިގެން މުއައްޒަފަކާ ނުލައި ހުރިހާ މަސައްކަތެއް ކުރީ އަމިއްލަ އަށެވެ. އާންޑެ ގަބޫލުކުރާ ގޮތުގައި ކެއިން ނުވަތަ ބުއިން ފަދަ ޚިދުމަތެއް ދޭތަނެއް ހުޅުވާއިރު އެތަނެއްގެ ވެރިމީހާއަށް އެތާނގައި ކުރާ ހުރިހާ ކަމެއް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. މަސައްކަތް ކުރާ މީހަކު ނެތް ހާލަތެއްގައި ވެސް މަސައްކަތް ހުއްޓާލަން ނުޖެހި، ކުރިއަށް ދާނީ އޭރުން ކަން އޭނާ ފާހަގަ ކުރި އެވެ.
އޭނާ ދެކޭގޮތުގައި ސްޓާފުންކުރާ ނުރަނގަޅު ކަންތައް ވެސް ރަނގަޅު ކުރެވޭނީ ވެރިއަކަށް ހުންނަ މީހާއަށް ހުރިހާ ކަމެއް ވެސް ކުރަން އެނގިގެންނެވެ.
އަބަދުވެސް އުފެއްދުންތެރި ވިސްނުން ގެންގުޅޭ އާންޑެ ސިމްޕްލީއިން ނިންމާލާކަށް ބޭނުމެއް ނުވެ އެވެ. އެ މަސައްކަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަކީ މިހާރު ވެސް ކުރަމުންދާ ކަމެކެވެ. މުސްތަގްބަލްގައި ވަރަށް ފެންވަރު ރަނގަޅު ރެސްޓޯރެންޓެއް ވެސް ހުޅުވުމަކީ އޭނާގެ އުންމީދެކެވެ.
"މީ އަޅުގަނޑު ރެސްޓޯރެންޓެއް ހުޅުވުމުގެ ފުރަތަމަ ސްޓެޕްކަން (މަރުހަލާ) ކަމަށް މިބަލަނީ. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އެކަންވެސް ކުރެވޭނެ،" އާންޑެ ކުރިއަށް ވިސްނާ ގޮތް ހިއްސާކުރަމުން ބުނެލި އެވެ.