ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއި އެކުގަ ކަމަށް ވާއިރު އެ މައްސަލައިގެ ސޮއިކުރުމުގެ މަސައްކަތް ކުރީ ޖެނުއަރީ 16ގައެވެ. އަދި މައްސަލަ ހުށަހެޅީ ހުކުރު ދުވަހު އެވެ.

އެމްޑީޕީން މައްސަލަ ހުށަހެޅި ސަބަބުގެ ގޮތުގައި ފަސްކަމެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން އިހުސާން ވަކިކުރަން ހުށަހެޅި މައްސަލައިގައި 5 ކަމެއް ފާހަގަކޮށްފައިވެ އެވެ.

ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތު ބަލަހައްޓަމުން ގެންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އާއި، ދިވެހި ރައްޔިތުންގެ ދަތުރުފަތުރުގެ ރެކޯޑުތައް ބަލަހައްޓަމުން ގެންދާ، މޯލްޑިވްސް އިމިގްރޭޝަނާއި އަދި، ފޯނުގެ ހިދުމަތާއި އިންޓާނެޓްގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތައް ރެގިއުލޭޓުކުރާ ފަރާތްކަމުގައިވާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަށް މަސްއޫލުވާ ވަޒީރަކީ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ކަން އެ މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ.

ޢަލީ އިޙްސާން އަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލެނިވެރި ފަރާތް ކަމަށްވީއިރު، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލުތައްވެސް ހިމެނޭ ކަމަަަަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، އޭނާ އެ މަގާމުގައި ދެމިހުރެއްޖެނަމަ، އޭނާގެ މައްޗަށް ހިންގޭ ޖިނާއީ ތަހުގީގަށް ހުރަސްއެޅުމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮންނާނެކަމަަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.އެހެންކަމުން އޭނާ އެ މަގާމުގައި އިތުރަށް ހުރުމަކީ، ދިވެހިރައްޔިތުންގެ ހައްޤުތައް ގެއްލި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް ފާހަގަކޮށްފަ އެވެ.