ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އޮފީހުގެ ތެރޭގައި ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރިކަމަށް އެ ޑިޕާޓްމަންޓުގެ އިސް ބައެއް ބޭފުޅުން މިއަދު އިއުތިރާފްވެއްޖެ އެވެ.
ޑީއެންއާރުގައި ރައްކާކޮށްފައިވާ ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީން ވަގު ފޯމް ފުރައިގެން ޕާޓީއަށް މީހުން ވެއްދިކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް ޑީއެންއާރް ތެރޭގައި އެ މަސައްކަތް ކުރިއަށް ދިޔަ ވަގުތު މިނިސްޓަރު އަލީ އިހުސާންވެސް އެތަނުގައި ހުންނެވި ފޮޓޯތަކެއް ވަނީ އާއްމުވެފަ އެވެ. މިއާއެކު އިހުސާން ވިދާޅުވީ އެތަނަށް ވަޑައިގެންނެވީ އެ މަސައްކަތުގައި އުޅުއްވި ބޭފުޅުން ޕިއްޒާ ފަރިއްކުޅުވަން ދެއްވި ދައުވަތަކަށް ކަމަށެވެ.
ޑީއެންއާރުން ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ސަރުކާރު ހިންގާ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ވަގު ފޯމު ފުރިކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށް މިއަދު އެ ޑިޕާޓްމެންޓުން ވަނީ ނޫސްވެރިންނާއި ބައްދަލުކޮށްފަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވީ ސްޓޭޓް މިނިސްޓަރު މަޖީދު އާއި ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ އިތުރުން ޓެކްނިކަލް މުވައްޒަފެކެވެ.
އެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖީދު ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހުސާން އިސްވެ ހުންނަވައިގެން އެ މިނިސްޓްރީގެ ދަށުގައި ހުރި މުއައްސަސާތަކަށް ނިސްބަތްވާ ސިޔާސީ މީހުން ހިމެނޭ "ހޯމް ޓީމް" އިން ޕީއެންސީގެ ފޯމް ފުރާފައިވާ ކަމަށެވެ.
އެމަސައްކަތް ކުރިއަށް ގެންދިޔައީ އެ ޑިޕާޓްމަންޓުގައި ވަކިން ހުރި މީޓިން ރޫމެއްގައި ކަމަށް ވިދާޅުވެ އެތަންވެސް ދައްކާފައިވެ އެވެ.
"އެ ތަނުގެ ތެރޭގައި އަޅުގަނޑުމެން ގެންގޮސްފައި އޮތް މަސައްކަތެކޭ އިޝާރަތް ތި ކުރައްވާ މަސައްކަތަކީ، މި ދެންނެވި ބީދައިން ވަކިން ހުރި މީޓިން ރޫމެއްގެ ތެރެއިން ކުރެވިފައި ހުރި މަސައްކަތެއް،" މަޖީދު ވިދާޅުވި އެވެ.
މަޖީދު ވިދާޅުވީ މިނިސްޓަރު އިހުސާން ފޯމްގެ މަސައްކަތް ކުރިޔަށް ގެންދެވީ ވަރަށް އިންތިޒާމް ކުރެވި، ރޭވިފައި އޮތް އެންމެން ވެސް އޭގައި ބައިވެރިވާ ގޮތަށް ކަމަށެވެ.
ހޯމް މިނިސްޓްރީގައި ސިޔާސީ މީހުންގެ ގޮތުގައި ތިބި ހުރިހާ ފަރާތްތަކަށް ވެސް އެ ފަރާތެއް މެދުވެރިކޮށް ޕާޓީ އަށް މެންބަރުން އިތުރު ކުރުމަށްޓަކައި މެންބަރުން ވެއްދުމުގެ ކަންކަން ގެންގޮސްދިނުމަށް އެދިފައި އޮތްކަމަށް މަޖީދު ވިދާޅުވި އެވެ.
ދައުލަތުގެ އިދާރާއެއްގެ ތެރޭގައި ސިޔާސީ ޕާޓީއަކަށް ތާއީދު ހޯދަން ޕާޓީ ފޯމް ފުރުމުގެ މަސައްކަތް ކުރި ކަމަށް އިއުތިރާފް ވަނީތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފަ އެވެ. ނަމަވެސް އެ ސުވާލަށް މަޖީދު ޖަވާބެއް ނުދެއްވަ އެވެ.
އެހެން ނޫސްވެރިން ވެސް އެ ސުވާލު ތަކުރާރު ކުރެއްވުމުން އެއްވެސް އެއްޗެއް ވިދާޅުނުވެ ޕްރެސް ކޮންފްރަންސް ދޫކުރައްވައި ދެ ބޭފުޅުން ވެސް ވަނީ ވަޑައިގެންފަ އެވެ.
އެއަށް ފަހު ހޯމް މިނިސްޓްރީގެ މީޑިއާ ޑިޕާޓްމަންޓާ ހަވާލުވެ ހުންނެވި ބޭފުޅަކު ވަނީ ޕްރެސް ކުއްލިގޮތަކަށް ނިންމާލިކަން އިއުލާންކޮށްފަ އެވެ.
ޕީއެންސީއަށް ވަގު ފޯމް ފުރިކަން ފަޅާއެރީ އެތައް ބައެއްގެ ނަމުގައި އެމީހުނަށް ނޭނގި ޕީއެންސީއަށް ފޯމް ފުރައި އެ ޕާޓީގައި ރަޖިސްޓްރީކޮށްފައިވާ ކަމުގެ ޝަކުވާ އިތުރުވުމާއި ގުޅިގެންނެވެ. މި މައްސަލަ އިލެކްޝަނުން ބަލަމުންދާއިރު، މިނިސްޓަރު އިހުސާންގެ އިތުބާރުނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ވަނީ މަޖިލީހަށް ވައްދާފަ އެވެ.