އެތައް ހާސް ވަގު ފޯމް ހުށަހަޅައިގެން އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ވެރިކަން ކުރާ ޕީއެންސީ ހަދައިފި އެވެ.
މިއީ ފަހުގެ ތާރީހެއްގައި ވެރިކަން ކުރާ ޕާޓީއަކުން ޑީއެންއާރު (އައިޑީކާޑު ޔުނިޓް)ގެ ޑޭޓާބޭސް އިން ވައްކަން ކޮށްގެން މިހާ ގިނަ މީހުން ޕާޓީއަކަށް ވެއްދި ފުރަތަމަ ފަހަރެވެ. އެ ޕާޓީން ވަނީ ހޯމް މިނިސްޓްރީގެ އިސްބޭފުޅުން ލައްވައި ޑީއެންއާރުގެ ޑޭޓާ ބޭސް ކަހާލައިގެން އެތައް ހާސް ފޯމެއް ފުރައިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
މިދިޔަ ޑިސެމްބަރު 31 އާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ހިމަނާފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަ ތިއްބެވެ.
މިދިޔަ އަހަރު ފެށިއިރު 28،201 މެމްބަރުން ތިބި ކަމަށް ބުނާ ޕީއެންސީން ވަނީ މެންބަރުން އިތުރު ކުރުމަށް ހުށަހެޅި ވަގު ފޯމްތަކާއެކު އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ.
އިލެކްޝަންސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދެ ވަނައަށް މިވަގުތު އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގަ އެވެ. މީގެ ކުރިން އެންމެ ގިނަ މެންބަރުން ތިބި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 43،755 އެވެ. އެކަމަކު، މިދިޔަ އަހަރު ފެށިއިރު އެ ޕާޓީގައި 52،142 މެމްބަރުންނެވެ. އެ ޕާޓީން ބުނިގޮތުގައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 3000 އަށް ވުރެ ގިނަ އެ ޕާޓީގެ މެމްބަރުން ޕީއެންސީން ވަގަށް ވައްދައިފަ އެވެ.
ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 13،826 އެވެ. އުވައިލުމުގެ މަރުހަލާގައި އޮތް ޕީޕީއެމްގައި މިވަގުތު ވެސް 12،174 މެންބަރުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެހެނިހެން ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް:
- އަދާލަތު ޕާޓީ، 9،049 މެންބަރުން
- އެމްޑީއޭ، 9،210 މެންބަރުން
- އެމްއެންޕީ، 6،050 މެންބަރުން
- ދަ ޑިމޮކްރެޓްސް، 3،667 މެންބަރުން
- އެމްޓީޑީ، 2،359 މެންބަރުން
- ޕީއެންއެފް، 2،822
މީގެ އިތުރުން އުވާލަން ނިންމާފައިވާ އެމްއާރްއެމްގައި 1،867 މެންބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އެންމެ ބޮޑު ޕާޓީއަކަށް ޕީއެންސީ ވެފައިވާއިރު، ފޯމުތަކެއް ހުށަހެޅުނު ކަމަށް އެ ޕާޓީން ވެސް އެއްބަސްވިއިރު، އެ މައްސަލަ އީސީ އާއި ފުލުހުން އަންނަނީ ބަލަމުންނެވެ. ނަމަވެސް ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް އެކުލަވާލާފައިވާ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ވަނީ މިކަމާ މެދު ފިޔަވަޅު އަޅަން ޖެހިލުންވެފަ އެވެ.
މި ފޮޓޯއިން ވެސް ފެނިގެން މިދަނީ މި ގައުމުގައި އުފެދުނު އެންމެ ބޮޑެތި ވަގުތައް. އެއްވެސް ލަދެއް ހަޔާތެއް ނެތް ބަނަ ވަގުންތަކެއް.
ރިޕްލައި