ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އަތުލައިގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ރެއިޑު އޮޕަރޭޝަނެއްގައި 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ބުރާސްފަތި ދުވަހު އެ 13 މީހުން އަތުލައިގަތް ތަނަކީ އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ބިދޭސީންތަކެއް ދިރިއުޅެ ވިޔަފާރިކުރަމުން ދިޔަ ތަނެއް ކަމަށެވެ. ހައްޔަރުކުރީ ކޮން ގައުމެއްގެ ބައެއްކަން ނުބުނެ އެވެ.
އެ ޕޯސްޓުގައި އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީން އަތުލައިގަތީ ފިންގާ ޕްރިންޓް ކެފޭ ނަމަކަށް ކިޔާ ތަނަކުންނެވެ.
އިމިގްރޭޝަނުން އާންމުކުރި ވީޑިއޯގައި ފެންނަގޮތުން ރެއިޑުކުރި ތަނުގެ ތެރޭގައި ތޮއްޖެހިގެން ގިނަ އަދަދެއްގެ ބިދޭސީންތަކެއް ދިރިއުޅޭކަން އެނގެ އެވެ. އަދި އެ ތަނަކީ ހެދިކާ ވެސް ތައްޔާރު ކުރާ ތަނެއް ކަމަށްވެ އެވެ.
އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ފުރުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ ބަޔަކު ޑީޕޯޓު ކޮށްފައިވެ އެވެ.
ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި މީހުންނެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ. މިހާތަނަށް 25،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކްސް ޑޭޓާ ނަގާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.