ރާއްޖޭގައި ހިންގާ ބައިނަލްއަގުވާމީ ޓޫރިޒަމް ބްރޭންޑުތަކުގެ ރިސޯޓުތަކަށް އަމާޒުކޮށް އިދިކޮޅު އެމްޑީޕީން އިސްވެ އޮވެ ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތުކޮށް ވާހަކަ ދެއްކެވި މައްސަލާގައި ޓޫރިޒަމްގެ ސްޓޭޓު މިނިސްޓަރު ކަމުން ސަސްޕެންޑްކުރި މުހައްމަދު ނިހާދު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ބުރު ނިމެންދެން އެމްޑީޕީގައި ހުންނެވުމަށް ފަހު ވެރިކަން ބަދަލުވުމުން ޕީއެންސީއާ ގުޅިވަޑައިގަތް ނިހާދު މި ވާހަކަ ދެއްކެވީ ޕީއެންސީ ހަރުގޭގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭގަ އެވެ.

އެރޭގައި ދެއްކި ވާހަތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، ޖެހިގެން އައި ދުވަހު ނިހާދު ސަސްޕެންޑްކުރި އެވެ. ނިހާދު ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން ސަސްޕެންޑްކޮށްފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ވަޒީފާއަށް ނިހާދު، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެންދަވަނީ ނުކުންނަވަމުންނެވެ. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ނިހާދު އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް އެ ޕާޓީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ނިހާދު ދެއްކެވި ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީން ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ އެއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްވެސް ހާލަތެއްގައި ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ.

އެމްޑީޕީން ވަނީ ނިހާދު ދެއްކެވި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ސިނާއަތުގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާ އަދި ފަތުރުވެރިންނަށް ހިދުމަތްދޭ ހުރިހާ ވިޔަފާރިއެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް ގޮވާލާފަ އެވެ.

ނިހާދު ދެއްކެވި ވާހަކަތަކާ ގުޅިގެން ކޮންގްރެސް ޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް މަސައްކަތްކުރަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. އަދި އެ އިމުން ބޭރުވާ ނަމަ އަޅަން ޖެހޭ ފިޔަވަޅުތައް ދައުލަތުގެ ކަމާ ބެހޭ އިދާރާތްތަކުން އަޅާނެކަމުގެ ޔަގީންކަން އެ ޕާޓީއަށް އޮތް ކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި ފަތުރުވެރި ކަމަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ އިންވެސްޓްމެންޓުތައް ރައްކާތެރިކޮށްދިނުމަށް ސަރުކާރުން އަދާކުރަން ޖެހޭ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރާނެކަމުގެ އިތުބާރު އޮތް ކަަމަށެވެ.

އެއްވެސް ފަރާތަކުން ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ ޝުހުރުތަށް އުނިކަން އަތުވެދާނެ ގޮތަކަށް އެއްވެސް އަމަލެއް ނުކުރުމަށް ވެސް ކޮންގްރެސް ޕާޓީން އިލްތިމާސްކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ދައުރުގައި އައްޑޫ ފޭދޫ ދާއިރާ ތަމްސީލްކުރައްވަމުން ގެންދެވި މެންބަރު ނިިހާދަކީ ވެރިކަން ބަދަލުވި ފަހުން އެމްޑީޕީން ޕީއެންސީއަށް ސޮއިކުރެއްވި 13 މެންބަރުންގެ ތެރެއިން މެންބަރެކެވެ. ދެން އައި މަޖިލިސް އިންތިހާބުގައި ނިހާދު ވާދަނުކުރައްވައި ސަރުކާރުގެ ސިޔާސީ މަގާމަކަށް ވަޑައިގަތީ އެވެ.