އާއްމު އަހުލާގީ މިންގަނޑުތަކާ ހިލާފުވުމުން މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްއާއި އޭނާގެ އަންހެނުން ބިއަންކާ ސެންސޮރީ ގްރެމީ އެވޯޑްސްއިން ބޭރުކޮށްލައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެ އެވޯޑުން ކާންޔޭގެ ދެމަފިރިން ބޭރުކޮށްލީ އެ ހަފްލާއަށް ބިއަންކާ ލައިގެން ހުރި ހެދުން އާއްމު އަހުލާގީ މިންގަނޑަށް ނުފެތޭތީ އެވެ.
އެ ހަފްލާއަށް ބިއަންކާ ލައިގެން ދިޔައީ އެތެރެ ފެންނަ ވަރަށް ނިވާކަން ކުޑަ ހެދުމެކެވެ. މަތިން ލައިގެންހުރި ކަޅު ކުލައިގެ ކޯޓު ނެގުމުން ބިއަންކާގެ މުޅި ހަށިގަނޑު ކަހަލަ ގޮތަކަށް ފާޅުވެ އެވެ.
ކާންޔޭއާއި ބިއަންކާ ގްރެމީއިން ބޭރުކޮށްލި ފަހުން އެ ދެމީހުންނަށް ހަފްލާގެ ދައުވަތު ވެސް ނުދޭ ކަމަށް ބައެއް ހަބަރުތައް ފެތުރުނެވެ. އެހެން ނަމަވެސް އެ ހަބަރުތައް އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައެއް ނުވެ އެވެ.
ކާންޔޭއަށް އެ އެވޯޑުގެ "އެންމެ މޮޅު ރެޕް ލަވަ"އިގެ ކެޓަގަރީއިން ނޮމިނޭޝަންއެއް ލިބިފައިވި ނަމަވެސް އެ ކެޓަގަރީ އޭނާ ކާމިޔާބު ކޮށްފައެއް ނުވެ އެވެ.
ގްރެމީ 2025 އިން ކާންޔޭއާއި ބިއަންކާ ބޭރު ކޮށްލާފައިވާއިރު މިއީ ފާއިތުވި 10 އަހަރު ތެރޭގައި ކާންޔޭ އެވޯޑު ހަފްލާއަކަށް ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެ އެވެ.