މާވެލް ސިނެމެޓިކް ޔުނިވާސްގެ އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމު ކަމަށްވާ "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ"ގެ ފައިނަލް ޓްރެއިލާ ސޮނީ ޕިކްޗާސް އިން އާއްމު ކޮށްފި އެވެ.

މި ޓްރެއިލާގައި ޓޮމް ހޯލަންޑް ކުޅޭ ޕީޓާ ޕާކާގެ އެކަނިވެރި ދިރިއުޅުމާއި، ނޭވާ ހިފަހައްޓާލަންޖެހޭ ފަދަ އާ ގޮންޖެހުންތައް ވަނީ ދައްކާލާފަ އެވެ.

"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ހާދިސާތަކަށްފަހު ދުނިޔެއިން އޭނާގެ ހަނދާންތައް ފޮހެވިފައިވާއިރު، ޕީޓާ މިހާރު އުޅެމުންދަނީ އެކަނިވެރި ދިރިއުޅުމެކެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ނެޑް އާއި ލޯބިވެރިޔާ އެމްޖޭ (ޒެންޑާޔާ) އަށްވެސް މިހާރު ޕީޓާއަކީ ކާކު ކަމެއް ނޭނގެ އެވެ.

https://www.youtube.com/watch?v=daXaTug8rL4&time_continue=3&source_ve_path=MjE0Mjgz&embeds_referring_euri=https%3A%2F%2Fwww.hindustantimes.com%2F

ޓްރެއިލާ ފެށިގެން އަންނަނީ މާޒީގެ ބައެއް އަސަރުގަދަ މަންޒަރުތަކާއެކުގަ އެވެ. ޕީޓާ، އެމްޖޭގެ ގާތަށް ގޮސް ހަގީގަތް ކިޔައިދޭން އުޅޭ މަންޒަރު ފެނެ އެވެ. ނަމަވެސް، އެމްޖޭގެ ރައްކާތެރި ކަމަށްޓަކައި އޭނާ އެ ހަގީގަތް ހާމަ ނުކޮށް ހިފަހައްޓާ ތަން ފެނިގެންދަނީ ވަރަށް އަސަރުގަދަ ކޮށެވެ.

މި ޓްރެއިލާގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ 'ހަލްކް' ނުވަތަ ބްރޫސް ބެނާ (މާކް ރަފަލޯ) އާއި ސްޕައިޑަ-މޭންގެ ކުރިމަތިލުމެވެ. ޕީޓާ "ޑރ. ބެނާ؟" އޭ ބުނުމުން، "ބެނާއެއް ނޫން، އޮންލީ ހަލްކް!" އޭ ބުނެ ހަލްކް ކޮންޓްރޯލުން ނެއްޓި ސްޕައިޑަރ-މޭންއަށް ހަމަލާދޭ ތަން ފެނިގެންދެ އެވެ.

މި ފިލްމުގައި 'ސްކޯޕިއަން' (މައިކަލް މަންޑޯ) ގެ އެނބުރި އައުމުގެ އިތުރުން 'ޕަނިޝާ' (ޖޯން ބާންތާލް) ވެސް ފެނިގެންދާނެ އެވެ. މީގެ އިތުރުން 'ސްޓްރޭންޖާ ތިންގްސް' އިން މަޝްހޫރުވި ސޭޑީ ސިންކްވެސް ސިއްރު ރޯލަކުން މި ފިލްމުން ފެނިގެންދާނެ އެވެ.

ޑެސްޓިން ޑެނިއަލް ކްރެޓަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި 31ގަ އެވެ. މި ފިލްމަކީ ސްޕައިޑަ-މޭންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނާނެ، އަދި ކުރިއަށް އޮތް 'އެވެންޖާސް' ފިލްމުތަކާ ގުޅުންހުރި މުހިންމު ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.