މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ކުރިޔަށް ގެންދިޔަ "ބިންގާ" މާހެފުން ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
އެ ބޭންކުން ބުނީ 2،000 އަށް ވުރެ ގިނަ ބައިވެރިން ޒިޔާރަތްކުރި މި މާހެފުމުގައި ބައުންސިން ކާސަލް، ބެލޫން ހައުސް، ޓްރާންސްފޯމާސް އަދި އެކި ކުޅިވަރު ކުޅެވޭނެ އިންތިޒާމު ހަމަޖެއްސި ކަމަށެވެ.
މި ހަރަކާތުގެ ތެރޭގައި ވާހަކަ ކިޔާދިނުން އޮތް އިރު ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ ވަރަށް އިބުރަތްތެރި ވާހަކައަކާއެކު ކުދިންގެ ރޯދަމާހާ ގުޅިގެން ކުރި އެކި ސުވާލުތަކަށް ޖަވާބު ދެއްވާފައިވެ އެވެ. މި ހަރަކާތުގެ ރޭގަނޑު ދަންފަޅީގައި ރޯދައާއި ފިޓްނަސް އާ ގުޅޭ މައުލޫމާތު ދިނުން ވެސް އޮތެވެ. މި މައުލޫމާތު ދެއްވީ އައިޝަތު ޝިފާނާ ވަޖީހެވެ.
އެމްއައިބީ ބިންގާ އެކައުންޓު ބަންޑްލްގައި 3 އެކައުންޓެއް ހިމެނެ އެވެ. އޭގެ ތެރޭގައި ކުރިއެކޭ އެއްގޮތަށް ފައިސާ ރައްކާކުރެވޭ އެކައުންޓެއްގެ އިތުރުން ދިގު މުއްދަތަށް ފައިސާ އިންވެސްޓްކުރެވޭ އެކައުންޓެއް ހިމެނެ އެވެ.
މީގެ އިތުރުން ދެން ހިމެނެނީ ކުދިންނަށް ފައިސާ ބޭނުން ކުރުން އަހުލުވުރިކުރުވުމަށް ހަދާފައިވާ ބިންގާ ޓްރާންސެކްޝަން އެކައުންޓެވެ. މި ހަރަކާތުގައި އެކައުންޓު ހުޅުވަން ބޭނުންވާ ކުޑަކުދިންނަށް އެކައުންޓު ހުޅުވައި ބިންގާ ޑެބިޓް ކާޑަށް އެޕްލައިކުރުމާއި އިންޓަނެޓް ބޭންކިން އަށް އެދެވޭނެ ކަމަށް އެމްއައިބީ އިން ބުނެ އެވެ. އޭގެ އިތުރުން ކާޑު އަދި އިންޓަނެޓް ބޭންކިން ދޫކުރާނީ 7 އަހަރުން މަތީގެ ކުދިންނަށް ކަމަށް އެ ބޭންކުން ބުނެ އެވެ.