ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ލިބުނު ފްލެޓް ދޫކޮށްލައްވައިފި އެވެ.

ހައިދަރު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާއަށްވުރެ ފްލެޓް ހައްގުވާ އެތައް ބަޔަކު ތިބޭނެ ކަމަށެވެ. އެހެންވެ ފްލެޓް ދޫކޮށްލައްވަން ނިންމެވީ ކަމަށް ވިދާޅުވިއެވެ.

"ވީމާ މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފްލެޓް ދޫކޮށްލަން ގަސްދުކުރާ ވާހަކަ ނުހަނު ތާއަތާއި އިހުތިރާމާ އެކު ދެންނެވީމެވެ،" ހައިދަރުގެ ބަޔާނުގައިވެ އެވެ.

ސަރުކާރުން މިއަދު އިއުލާންކުރި މިއަދު އިއުލާންކުރި ގެދޮރުވެރިޔާ ސްކީމުގެ ތިން ކޮޓަރީގެ ފްލެޓް ލިސްޓުން ދައްކާ ގޮތުގައި ހައިދަރުގެ ދެމަފިރިންނަށް 75 ޕައިންޓް ލިބިގެން ވަނީ ފްލެޓް ލިބިފަ އެވެ. ކުރިން ވެސް އޭނާގެ ނަން ޝަރުތުހަމަވާ މީހުންގެ ލިސްޓްގައި އޮތެވެ.

މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ހައިދަރު އުޅުއްވީ އާއިލާއާއެކު އިނގިރޭސިވިލާތުގަ އެވެ.

ހައިދަރުގެ ދެމަފިރިން ބައްލަވައިގަތް ގެއެއް މިހާރުވެސް އިނގިރޭސިވިލާތުގައި ހުރިއިރު، އޭނާގެ ދަރިން ދިރިއުޅެނީ މިހާރުވެސް އެގޭގައިކަން އެނގިފައިވެ އެވެ.

ހައިދަރަކީ މި ސަރުކާރުގެ އެންމެ ފުރަތަމަ ހައުސިން މިނިސްޓަރެވެ. ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކަމަށް ބަދަލުކުރައްވާފަ އެވެ.

ހައިދަރާއި އޭނާގެ އަނބިކަނބަލުން މ. ޑްރީމީލައިޓް މަރްޔަމް ތައުފީގުގެ އާއިލާގެ ގެދޮރު މާލޭގައި އެބަހުއްޓެވެ. އަދި އެ ދެ ބޭފުޅުންނަކީ އެއްވެސް ކުއްޔެއް ނުދައްކައި މާލޭގައި ދިރިއުޅޭ ބައެކެވެ.