އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ "ވިޔަފާރި އެހީ" ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ "ވިޔަފާރި އެހީ" ލޯނަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެސްޑީއެފްސީން ތައާރަފުކުރި ލޯނެކެވެ. މިލޯނަކީ ދުވަހުން ދުވަހަށް ދިމާވާ ފައިސާގެ ދަތިތަކުން އަރައިގަތުމަށް އޮތް ހައްލެއްކަމަށް އެސްޑީއެފްސީން ބުނެ އެވެ.

އެސްޑީއެފްސީން ބުނީ ވޭތުވެދިޔަ 1 އަހަރު ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރިކުރަމުންދާ ކޮންމެ ފަރާތަކަށް ވެސް ލޯނަށް އެދި ހުށައެޅޭނެ ކަމަށެވެ. އަދި މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރީގެ ޚަރަދުތައް ކުރުމަށް މިލޯނު ބޭނުންކުރެވިދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޑީއެފްސީގެ ވެބްސައިޓުން ލޯނަށް އެދި ހުށަހެޅޭނެ ކަމަށާއި، "ވިޔަފާރި އެހީ" ލޯނު ސްކީމްގެ ދަށުން އެންމެ ގިނަވެގެން ނެގޭނީ 1.5 މިލިޔަން ރުފިޔާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޑީއެފްސީން ބުނީ ވިޔަފާރި އެހީއަށް ލޯނުގެ އަދަދު 700،000 ރުފިޔާއަށް ވުރެ މަތިވާނަމަ ރަހުނެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އިންޓްރެސްޓް ރޭޓުގެ ގޮތުގައި އަހަރަކު 9.5 ޕަސެންޓް އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން 6 މަސް ދުވަސް ދޭއިރު، ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން 5 އަހަރު ދޭނެ ކަމަށް އެސްޑީއެފްސީން ބުނެ އެވެ.

އެސްޑީއެފްސީއަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް މުޅިން އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށާއި ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.