ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓްއަކީ ގިރާވަރުފަޅު ހިއްކަން 22 މިލިއަން ޑޮލަރު ދެއްކި ކުންފުނި. މިދިޔަ ސަރުކާރުން އެ ކުންފުންޏަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ނ. ދިގުފަފަޅާއި ނ. ދެކެނަންފަރު ދިނީ 99 އަހަރަށް. މިއީ ނ. އަތޮޅުގައި، ޖެހިޖެހިގެން އޮންނަ ރަށަކާއި ފަޅެކެވެ. ވަރަށް ބޮޑު މި ފަޅުގައި ގާތްގަނޑަކަށް، ހަ އަކަކިލޯ މީޓަރު ހުރޭ. މި ދެ ތަން ވެސް އޮންނަނީ ނ. ހެނބަދު އާ ވަރަށް ކައިރީގައި.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. އަތޮޅުގައި ޓައުންޝިޕް މަޝްރޫއެއް ހިންގުމުގެ ހުއްދަ ބަޔަކަށް ދީފި އެވެ.

"ޕްރޮޖެކްޓް އައީލާ"ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައި ވަނީ ނ. ދިގުފަފަޅާއި ނ. ދެކެނަންފަރު އަދި ކުރަމާދޫގަ އެވެ.

އެ މަޝްރޫއު ހިންގަން ސަރުކާރުން ހުއްދަ ދިނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުނި އުފެއްދީ މިދިޔަ އަހަރު އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން އެ ކުންފުނީގެ ޑިރެކްޓަރުންނަކީ ޔަނިކް ރޮބަޓް ލުއިސް ގިއަންޑާ ކިޔާ މީހަކާއި ހަސަން ޒާހިރު ކިޔާ ދިވެއްސެއްގެ އިތުރުން ތަލްހާ އެސް އަބްދުލްކާދިރު އަލް ހާޝިމީ ކިޔާ މީހެކެވެ.

އެ ކުންފުންޏަށް މި ޕްރޮޖެކްޓް ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް އިކޮނޮމިކް މިނިސްޓްރީން ނުބުނެ އެވެ.

ނަމަވެސް އެ ކުންފުންޏަކީ ގިރާވަރުފަޅު ހިއްކަން 22 މިލިއަން ޑޮލަރު ދެއްކި ކުންފުންޏެވެ. މިދިޔަ ސަރުކާރުން އެ ކުންފުންޏަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ނ. ދިގުފަފަޅާއި ނ. ދެކެނަންފަރު ދިނީ 99 އަހަރަށެވެ.

މި ރަށާއި ފަޅުގެ ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅާފައި ވަނީ 22 މިލިއަން އެމެރިކާ ޑޮލަރެވެ. މީގެ އިތުރުން ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް 5 މިލިއަން އެމެރިކާ ޑޮލަރު އެ ކުންފުނިން ދައްކާފައިވެ އެވެ.

މިއީ ނ. އަތޮޅުގައި، ޖެހިޖެހިގެން އޮންނަ ރަށަކާއި ފަޅެކެވެ. ވަރަށް ބޮޑު މި ފަޅުގައި ގާތްގަނޑަކަށް، ހަ އަކަކިލޯ މީޓަރު ހުރެ އެވެ. މި ދެ ތަން ވެސް އޮންނަނީ ނ. ހެނބަދު އާ ވަރަށް ކައިރީގަ އެވެ

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއަށް ހުއްދަ ދީފައިވަނީ ކުންފުނިން ހުށަހެޅި ލިޔެކިޔުންތައް ފުރިހަމައަށް ދިރާސާކުރުމަށްފަހު އެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން ނ. އަތޮޅުގައި ތަރައްގީ ކުރާ ސަރަހައްދުގައި މަތީފަންތީގެ ބޯހިޔާވަހިކަމާއި ބައިނަލްއަގްވާމީ ފެންވަރުގެ ސިއްހީ ހިދުމަތްތައް ގާއިމުކުރެވޭނެ އެވެ. އަދި މަޝްރޫއުގައި ހިމެނޭ އިމާރާތްތަކުގެ ހަކަތައިގެ 60 އިންސައްތަ ފޯރުކޮށްދިނުމަށް ޕްރޮޖެކްޓުގެ ތެރެއިން އިރުގެ ހަކަތަ އުފައްދާ ހާއްސަ ނިޒާމެއް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން މި މަޝްރޫއުގެ ދަށުން ދަނޑުވެރިކަމުގެ ވަސީލަތްތަކާއި އެކުއާކަލްޗާގެ މަސައްކަތްތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ. މި މަޝްރޫއުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާތަކަށް ދިރިއުޅެވޭނެ ބޯހިޔާވަހިކަން ގާއިމުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މަޝްރޫއު ހިންގުމުގެ ހުއްދަ ލިބުމާއެކު، ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން 180 ދުވަހުގެ ތެރޭގައި ހުރިހާ އެސެސްމަންޓެއް ތައްޔާރުކޮށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ. މީގެ ތެރޭގައި ފީސިބިލިޓީ އެސެސްމަންޓާއި އިންފްރާސްޓްރަކްޗާ މާސްޓާ ޕްލޭން އަދި އިންޖިނިއަރިން އާއި ތިމާވެށީގެ ދިރާސާތައް ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އެސްއީޒެޑް ގާނޫނުގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ ބޮޑު މަޝްރޫއަކީ ކެނެޑާގެ އެބްރަކްސަސް ޕަވަ ކޯޕަރޭޝަނަށް ހުއްދަ ދީފައިވާ ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއު ހިންގުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ.