މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ޙިއްސާގެ ފައިދާގެ ގޮތުގައި 103 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
ޙިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހެޅި ޢަދަދަކީ ހިއްސާއަކަށް 4.58 ރުފިޔާ އެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު %58 ގެ އިތުރުވުމެކެވެ.
ހިއްސާގެ ފައިދާ ބެހުމަށް ހުށަހަޅާ ގޮތަކީ؛
- ޙިއްސާގެ ފައިދާގެ %50 ކޭޝް ޑިވިޑެންޑް ގޮތުގައި ދިނުމާއެކު، ޙިއްސާގެ ފައިދާގެ 50 ޕަސެންޓް ބޯނަސް ޙިއްސާ ދިނުން.
- ބޯނަސް ހިއްސާގެ ގޮތުގައި ހުށަހަޅާފައިވާ ހިއްސާ ދޫކުރުމަށް ހުށަހަޅާފައިވަނީ 35ރ. ގެ ރޭޓުން. މިގޮތުން، އެބޭންކުގެ 15 ވަނަ އަހަރީ އާންމު ޖަލްސާގެ "ރިކޯޑު ތާރީޚާ" ހަމައަށް އެބޭންކުގެ ޙިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ ފައިސާއާއި ބޯނަސް ހިއްސާ ލިބޭނެކަމަށް އެބޭންކުން ބުނޭ
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިސްލާމިކް ބޭންކިން ހިދުމަތްދޭ އެމްއައިބީގެ ޙިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން އެ ބޭންކުގެ ބޯޑުން ނިންމާފައިވާ ހުށަހެޅުން ފާސްކުރާނީ މިއަހަރު ބާއްވާ އެ ބޭންކުގެ 15 ވަނަ އަހަރީ އާންމު ޖަލްސާގައި ޙިއްސާދާރުންގެ ވޯޓުން ކަމަށް އެ ބޭންކުން ބުނެ އެވެ. މި ޖަލްސާގެ ނޯޓިސްއާއި އިތުރު މައުލޫމާތު އޭޕްރީލް މަހުގެ ތެރޭގައި ހާމަކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއައިބީ އިން ބުނެ އެވެ.
އެ ބޭންކުން ބުނިގޮތުގައި މިދިޔަ އަހަރަކީ އެމްއައިބީއަށް ކާމިޔާބު އަހަރެކެވެ. އެގޮތުން އެބޭންކުން ވަނީ އާ ސާވިސް ސެންޓަރުތަކާއި، ޑިޖިޓަލް ބޭންކިންގެ ވަސީލަތްތައް ފުރިހަމަކޮށް އެބޭންކުގެ ޚިދުމަތްތައް ފުޅާކޮށްފައިވާ ކަމަށް އެމްއައިބީ އިން ބުނެ އެވެ.
މިދިޔަ އަހަރު އެމްއައިބީއަށް ބައިނަލްއަގުވާމީ 3 އެވޯޑެއް ލިބިފައިވެ އެވެ. އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އަދި ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކެވެ.