އުތުރުތިލަފަޅުގައި ޖަލަކާއި ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކުރަން ސަރުކާރުން ނިންމައިފި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ އަދި އިޖްތިމާއީ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ ޕްރޮޖެކްޓްތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގެ ދަށުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.
ރައީސްގެ ގަރާރުގައިވާގޮތުން އުތުރުތިލަފަޅުގައި ނުވަތަ ގިރާވަރު އުތުރު ފަޅުން މުހިއްމު ހަތަރު ޕްރޮޖެކްޓެއް ހިންގުމަށް މަދުވެގެން 55 މިލިއަން ޑޮލަރު ހޭދަކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. އެ ޕްރޮޖެކްޓްތައް ހިންގަނީ ކްރޮސް ސަބްސިޑީ ޕްރޮޖެކްޓްތަކެއްގެ ގޮތުގަ އެވެ.
ރީހެބިލިޓޭޝަން ޕްރޮގްރާމުގެ ދަށުން "ހޯޕް އައިލެންޑް" އަށް 15 ހެކްޓަރުގެ ބިން ހިއްކުމަށް 10 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ.
އެ ގަރާރުގައިވާގޮތުން ހޯޕް އައިލެންޑް ތަރައްގީ ކުރުމަށް 15 މިލިއަން ޑޮލަރު ހޭދަވާނެ އެވެ.
ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް އަށް 30 ހެކްޓަރުގެ ބިން ހިއްކުމަށް 15 މިލިއަން ޑޮލަރު ހޭދަވާއިރު، އެ ކޮމްޕްލެކްސް ތަރައްގީކުރަން ވެސް ހަމައެ އަދަދަށް ފައިސާ ހަރަދުވާނެ ކަމަށް ރައީސްގެ ގަރާރުގައިވެއެވެ.
"ހޯޕް އައިލެންޑް" އަކީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ފަރުވާދިނުމަށް ހާއްސަކޮށްގެން ހަދާ ތަނެކެވެ.