އއ. ރަސްދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާގައި ސީރިއަސް ޒަޚަމްތަކެއް ވެފައި ވަނީ 31 އަހަރުގެ ފިރިހެނަކާއި އަންހެނަކަށެވެ.
ފުލުހުން ބުނީ އެ އަލިފާނުގެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:15 ހާއިރު ކަމަށާއި، އެ މީހުންނަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ރަށުން "ހުރިހާ" އަށް މައުލޫމާތު ދިން މީހަކު ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ދެމަފިރިން ވަރަށް ބޮޑަށް ފިހި ހާލު ސީރިއަސް ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.
ހާދިސާއަށްފަހު އިތުރު ފަރުވާއަށް އެ ދެމަފިރިން ވަނީ މާލެ ގެނެސްފަ އެވެ.
ރަސްދޫއިން ވާހަކަ ދެއްކި މީހާ ބުނީ ރޭ 11:00 އެހާއިރު ރޯވެފައި ވަނީ އެގޭގެ ކޮޓަރިއެއްގައި ކަމަށެވެ. ހާދިސާގައި އެ ދެމަފިރިން ވަރަށް ބޮޑަށް ފިހިފައިވާއިރު، މިހާރު ފަރުވާ ދެމުން ދަނީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ.
އެނގިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގަ އެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.