ސްޓޫޑެންޓު ލޯނުން ނަގާ އިދާރީ ފީ ކަނޑާލައި، އިސްލާމީ ޝަރީއާ ހުއްދަކުރާ ލޯނަކަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ "ޝަރީއާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ދެ ކަމެއް ކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ލޯނާ އެކު، އިދާރީ ފީގެ ގޮތުގައި މިހާރު ނަގާ އެއް ޕަސެންޓު އެއްކޮށް ކަނޑާލައި، ދޫކުރާ ލޯނު ފައިސާގެ އިތުރުން އެއްވެސް ވަރެއް އިތުރަށް ނުނެގުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ނަގާފައިވާ ލޯނުތަކަށް ދައްކަން ހުންނަ ފައިސާއިން އެޑްމިނިސްޓްރޭޓިވް ފީ ކަނޑާލައި އެ ދަރިވަރުންގެ ލޯނު އަލުން ހަމަޖެއްސުމަށް އަންގަވާފައިވާނެ ކަމަށެވެ.

މަތީ ތައުލީމު ހާސިލްކުރަން ދޫކުރާ ލޯނުގެ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ކުރިން ނަގަމުން އައި ފަސް ޕަސެންޓް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެއް ޕަސެންޓަށް ކުޑަކޮށްފަ އެވެ.