މަޝްހޫރު ބަތަލާ ވާޝިޔާ މުހައްމަދު 'ގެއިން ނެރެ މަގުމަތިކޮށްލި' ޚަބަރު ސޯޝަލް މީޑިއާގައި އަނދަން ފެށީ ނުފޫޒުގަދަ އިންފްލުއެންސާ ޝަފިއްޔާ ސްޓައިންހިލްބާ އޭނާގެ އިންސްޓަގްރާމު ސްޓޯރީއެއްގައި ކޮށްލި ޕޯސްޓަކާ އެކުގަ އެވެ. އެއާ އެކު ވަރަށް ގިނަ މީހުންގެ ސްޓޯރީތަކަށް މި ޚަބަރު ތިލަވެ، ވާޝިޔާ އަށް ޖެހިގެން އުޅޭ ހާލެއް ބަލަން އެންމެން ވެސް ކުއްލިއަކަށް ޝައުގުވެރިވެއްޖެ އެވެ.
މި އެންމެންގެ ހިތުގައި ވެސް އުފެއްދީ މި ސުވާލެވެ؛ ވާޝިޔާ ހަމަ އަސްލަށް ވެސް ގެއިން ނެރެލީ ހެއްޔެވެ؟
ޕޯސްޓަރުތަކުގައިވާ ތާރީޚު، (27 އެޕްރީލް) އަށް ބަލަނީ ނަމަ ވާޝިޔާ ވާނީ މިހާރު މަގުމަތިވެފަ އެވެ. އަދި އޭނާ އަށް އިންސާފު ހޯދުމުގެ ހަރަކާތްތައް ވާނީ ފެށިފަ އެވެ. ނަމަވެސް މިކަން ކަށަވަރުކުރުމަށް ކުރި މަސައްކަތުގައި ވާޝިޔާއާ ހަމަ އެއްވެސް ގޮތަކަށް ގުޅިފައި ނުވާތީ ދެން މި އުފެދުނީ އަނެއް ކަންބޮޑުވުމެވެ.
އެހައި ހިސާބުން މި ހުރިހާ ކަންބޮޑުވުންތަކަކަށް ޖަވާބު ދިނީ ވައިރަލް ވަމުން ދިޔަ ހަތަރު ޕޯސްޓަރެވެ. ރާއްޖޭގެ މަޝްހޫރު ޑިޒައިނަރު އަރިޒްލާން ޑާސިއާ ޑިޒައިންކޮށްފައިވާ މި ޕޯސްޓަރުތަކުގައި، ހުރިހާ ސުވާލެއްގެ ޖަވާބު ވަނީ ފޮރުވައިފަ އެވެ. އޭގައިވާ ކިއުއާރުކޯޑުތައް ސްކޭންކޮށްލުމާ އެކު ފޯނުގެ ސްކްރީނުގައި ބޮކިޖަހައިގަތީ 'ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލި' ވާހަކައިގެ އަސްލެވެ.
މިއީ ވާޝިއާގެ އާ ފިލްމު 'އަބަދަށް' ގެ ޕްރޮމޯޝަނެއް
ވާޝިޔާ މުހައްމަދަކީ ފިލްމީ ދާއިރާގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އަދި އެންމެ ޑިމާންޑްބޮޑު ބަތަލާ ކަމާ މެދަކު ޝައްކެއް ވެސް ނެތެވެ. އެހެންކަމުން އޭނާގެ އާ ފިލްމަކަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔަން ތައްޔާރުވަމުންދާއިރު މި ފެންވަރުގެ ސްޓަންޓް ޕްރޮމޯޝަނެއް ނުޖައްސަންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ.
'ލޫދިފާ' އާއި 'ހޭލާ' ގެނެސްދިން ޑައިރެކްޓަރު މޫމިން ފުއާދު ލިޔެ ޑައިރެކްޓްކޮށްފައިވާ 'އަބަދަށް' ގެ ޓްރެއިލާ މިއަދުގެ ވަގުތެއްގައި ނެރެން ހަމަޖެހިފައިވާއިރު މި ފިލްމަކީ ޕްރޮމޯޝަނަލް ޕޯސްޓަރުތަކުގައި އެ ބުނާ ފަދައިން ބެލުންތެރިން 'ގެއިން ނެރެން ފިލްމު ބަލަން ދާން މަޖުބޫރުވާވަރުގެ' ޕްލޮޓެއް އޭގައި އޮތް ފިލްމެކެވެ.
ފިލްމާ ބެހޭ ގޮތުން މޫމިން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މިހެންނެވެ.
"މިހާރު ދެން ކޮންމެ ހިޔާލެއް ވެސް އިންސްޕަޔާވެގެން މި އަންނަނީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ފެނިފައިވާ މަންޒަރަކުން. ނުވަތަ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާތަކުން. އެގޮތުން މި ފިލްމަކީ ވެސް މި ގައުމުގައި ހިނގަމުން އަންނަ ވަރަށް ބޮޑު އަދި އެހާމެ ނުރައްކާތެރި މައްސަލަތަކެއްގެ ތެރެއިން އުފެދިގެން އައި ހިޔާލެއް،" މޫމިން ކިޔައިދިނެވެ.
މި ފިލްމުގައި ދައްކުވައިދޭ އެންމެ ބޮޑު އެއް މައްސަލައަކީ ދިރިއުޅުމުގެ އަމިއްލަ އެދުންވެރިކަމުގެ ތެރެއިން ގޮސް ބަޔަކު ވެއްޓިދާ މުޑުދާރު އަދި އެހާމެ ނުރައްކާތެރި ހާލަތެވެ. ކުރުކޮށް ބުނަނީ ނަމަ މި ފިލްމުގައި ދައްކުވައި ދެނީ ވެރިރަށް މާލޭގެ ހިތްދަތި ދިރިއުޅުމެވެ. އަދި މި ދިރިއުޅުމާއި ކުށުގެ ވެށީގައި ތާށިވެފައި ތިބި އެންމެންގެ ވާހަކަ އެވެ.
"ވަކިން ހާއްސަކޮށް މާލޭގެ މީހުންނަށް ނުވަތަ މާލޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެފައިވާ މައްސަލަތައް. މި މައްސަލަތަކަކީ ޖެހިގެން ހުރި ގޭގައި ނުވަތަ ޖެހިގެން ހުރިހާ މީހާގެ ދިރިއުޅުމުގައި ވެސް އޮތް މައްސަލައެއް،" ފިލްމުގައި އަލިއަޅުވައިދޭ މުޖުތަމައުގެ ބޮޑު މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މޫމިން ބުންޏެވެ.
"ހުރިހާ އާއިލާތަކެއްގައި ވެސް އެބައޮތް މި މައްސަލަ. އެއްބަނޑު އެއްބަފާ މީހުން އަނގައިން ނުބުނެ ވިހި ފަންސަވީސް އަހަރުވެފައި ތިބި މީހުން ވެސް އެބަތިބި މިފަދަ މައްސަލަތަކާ ހެދި."
މޫމިން ބުނީ އޭނާގެ ބޮލަށް މި ހިޔާލު އައިސްގެން ސްކްރިޕްޓް ލިޔުނީ ކޮވިޑްގެ ފުރަބަންދު ތެރޭގައި ގޭގައި ބަންދުވެގެން ހުންނަން ޖެހުނު ދުވަސްވަރު ކަމަށެވެ.
އެހެންވީމަ ފިލްމުގައި ވަނީ ކިހިނެތް؟
ފިލްމުގައި ހަމަ އަސްލަށް ވެސް ވާޝިޔާ ގެއިން ނެރެލަނީ ހެއްޔެވެ؟ ނޫނެކެވެ. އެޔެއް އަދި ޔަގީނެއް ނޫނެވެ. ޕްރޮމޯޝަނަލް ޓީޒާ ޕޯސްޓަރުތަކުން ދޭ އިންޒާރަކީ ދިރިއުޅުމުގެ މަކަރާއި ދަހިވެތިކަމުގެ ވާހަކަ އެވެ. ނަމަވެސް މި ފިލްމަކީ ހަމައެކަނި 'ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލާ' ފިލްމެއް ވެސް ނޫނެވެ.
މި ފިލްމުގައި ޝައުގުވެރިކުރުވަނިވި އިތުރު އެތައް ކަމެއް ހިމެނޭއިރު މިއީ ވާޝިޔާގެ އިތުރުން ކުޅަދާނަ އިތުރު ތަރިންތަކެއް ކުރީ ސަފުން ފެނިގެންދާ ފިލްމެއްކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އެގޮތުން މަޝްހޫރު ބަތަލް ޔޫސުފް ޝަފީއު އާއި ކޮޕީ އިސްމާއިލް ރަޝީދު މުހިންމު ރޯލުތަކުން ފެނިގެންދާއިރު ވާޝިޔާއާ އެކު ލީޑު ރޯލުން ފެނިގެންދާ ޒުވާން ތަރި އަކީ މެދުއުޑުގައި ފިޔަޖަހަމުން އަންނަ ކުޅަދާނަ ބަތަލް އަހުމަދު ޝާރިފް އެވެ. މީގެ އިތުރުން 'ގަމިނި' ޑްރާމާ އިން ބެލުންތެރިންގެ ހިތް އަތުލި ކުޅަދާނަ ބަތަލާ ސޫޒަން އިބްރާހިމްފުޅު ވެސް ފިލްމުގައި ބޮޑު ރޯލެއް އަދާކޮށްފައިވެ އެވެ.
މި ފިލްމުގެ ޕްރޮޑަކްޝަންގެ ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޕްރޮޑަކްޝަން ހައުސް ކަމުގައިވާ އޯކޭސް އިންކުންނެވެ. މި ފިލްމު ބެލުންތެރިންނާ ހަމަ އަށް ގެނެސްދެނީ މޫމިންގެ 'ލޫދިފާ' ވެސް އޮލިމްޕަހަށް ގެނެސްދިން ތަޖުރިބާކާރު ޕްރޮޑިއުސަރު ހުސައިން ނޫރައްދީން ނާސިރު އެވެ.
އޮލިމްޕަހުގައި 'އަބަދަށް' ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. ފިލްމުގެ ޓިކެޓް 7447555 ނަމްބަރުން މިހާރު ވެސް ބުކްކުރެވޭނެ އެވެ. ރަސްމީކޮށް އޮލިމްޕަހުން އަދި އޮންލައިންކޮށް ޓިކެޓް ވިއްކަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގަ އެވެ.