އއ. ރަސްދޫގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު ދެ މީހުންނަށް ފަރުވާ ދިނުމަށް އެކަމަށް ޚާއްސަ ޓީމެއް ރާއްޖެއިން ބޭރުން އަތުވެއްޖެ އެވެ.

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ޒަޚަމްވި 31 އަހަރުގެ އެ ދެ މީހުންގެ ވެސް ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފަ އެވެ. އެގޮތުން، އަންހެން މީހާގެ ހަށިގަނޑުގެ 83 ޕަސެންޓް އަދި ފިރިހެން މީހާގެ 78 ޕަސެންޓް ވަނީ ފިހިފައިވާ ކަމަށްވެ އެވެ.

އައިޖީއެމްއެޗުން ބުނީ އެ ދެމީހުންނަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އެ ދެ މީހުންނަށް ފަރުވާދިނުމަށް ބޭރުގެ 'ބާން ސްޕެޝަލިސްޓުން'ގެ ދެ މީހަކު މިހާރު ރާއްޖެ އައިސްފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

އައިޖީއެމްއެޗުން ބުނީ އެ ޑޮކްޓަރުންގެ ޓީމުން މިހާރު ފަރުވާ ފަށާފައިވާ ކަމަށެވެ.

އެ ދެ މީހުން ފިހިފައިވާ މިންވަރު ބޮޑުކަމުން އެންމެ ފުރަތަމަ ދުވަހު ޑޮކްޓަރުން ވަނީ އެ މީހުން ރަނގަޅުވާނެ ކަމަށް އުއްމީދު ކަނޑާލާފަ އެވެ.

އެނގިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގަ އެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.