ދިވެހި މުނިފޫހި ފިލުވުމުގެ ދާއިރާގައި މިފަހުން އެންމެ ވައިގައި ހިފާފައި ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން އިއުލާންކުރި "ޕްރޮޖެކްޓް 37" އެކެވެ.

ޕްރޮޖެކްޓް 37ގެ ނަމުގައި އެ ޕްރޮޑަކްޝަނުން ކުރިއަށް ގެންދާ މަސައްކަތުގެ ނަން އެންމެ ފަހުން މިވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

ޑާކްރެއިން އިން މިއަދު އާއްމުންނަށް ދޫކޮށްލި ވީޑިއޯއެއްގައި ޕްރޮޖެކްޓް 37ގެ އަސްލު ނަމަކީ "އަލިފާން" ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.

https://youtu.be/_KY3DSsy-A0?si=4j8V3pUwCkmzs19U

އެ ވީޑިއޯގައި ފެންނަނީ މަޝްހޫރު އެކްޓަރު ރަވީ ފާރޫގް ރޭޑިއޯ ކެސެޓަކުން އިހުގެ ލަވައެއް އަޑުއަހަމުން ސިނގިރޭޓެއް ރޯކޮށްލާ މަންޒަރެވެ. އެ ސިނގިރޭޓުގެ ދުންކޮޅާއެކު ފިލްމުގެ ނަން ބެލުންތެރިންނަށް ދައްކާލަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ފިލްމު "އަލިފާން"ގެ ޝޫޓިން ފެށިއިރު، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފަ އެވެ.

އެކްޝަން ތުރިލާ ޖޯންރާގެ ފިލްމު "އަލިފާން"ގެ ޓީޒާ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށް ޑާކްރެއިންއިން ބުނެ އެވެ.

އެއާއެކު ސިނަމާތަކަށް އެ ފިލްމު އަންނަން ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.