އެމްއައިބީ އިން މިދިޔަ އަހަރުން ފެށިގެން ސިލްސިލާކޮށް، ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދާ ގެސްޓް ހައުސް ސިމްޕޯސިއަމް މި އަހަރު ވެސް ބާއްވަން ނިންމައިފި އެވެ.

އިސްލާމިކް ބޭންކިންގެ ހިދުމަތް ދޭ ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ބުނިގޮތުގައި މި ސިންޕޯސިއަމް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ކްރޮސް ރޯޑުގަ އެވެ. މި ސިމްޕޯސިއަމްއަކީ ގެސްޓްހައުސްގެ އިތުރުން އެ ވިޔަފާރިއާއި ގުޅިފައިވާ އެހެން ވިޔަފާރިތަކުން އެއްތަނަކަށް އެއްވެ މަޝްވަރާ ކުރުމާއި ދިމާވާ ދަތިތަކަށް މި ސިނާއަތުގެ ތަޖުރިބާ ކާރުންގެ ލަފާ ލިބިގެންދާ ގޮތަށް ފަރުމާކުރެވިފައިވާ ސިމްޕޯސިއަމްއެއް ކަމަށް އެމްއައިބީ އިން ބުނެ އެވެ.

އެ ބޭންކުން ބުނިގޮތުގައި މި ސިމްޕޯސިއަމްގައި މި އަހަރު ގެސްޓްހައުސްގެ އިތުރުން ލިވަބޯޑު ދާއިރާގެ ހިއްސާވެސް އިތުރުކުރުމަށް އެމްއައިބީ އިން އަންނީ މަޝްވަރާކުރަމުންނެވެ. އަދި މި އަހަރުގެ ސިންޕޯސިއަމްއިން ނިމިދިޔަ އަހަރު އެކި ބައިވެރިން ދިން ހިޔާލުގެ މައްޗަށް ބަލާ އެކި ބަދަލުތައް ފެނިގެންދާނެ ކަމަށްވެސް އެމްއައިބީ އިން ބުނެ އެވެ.

މިދިޔަ އަހަރު އެމްއައިބީއިން ބޭއްވި ގެސްޓްހައުސް ސިންޕޯސިއަމްގައި 150 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވި އެވެ. އެކި ކަންކަމާ މަޝްވަރާކޮށް ބިނާކުރަނިވި ހިޔާލުތަށް ބަދަލު ކުރެވުނެވެ. މީގެ އިތުރުން މި ދާއިރާއާއި ގުޅޭ އެކި ކުދި ވިޔަފާރިތަކަށް އެމްއައިބީއިން ހުޅުވާލި ދޮރުން ވަދެ އެކި ވިޔަފާރިތަކުގެ ވިޔަފާރި ފުޅާވި ކަމަށް އެމްއައިބީ އިން ބުނެ އެވެ.

އެ ބޭންކުން ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު މިދިޔަ އަހަރު ވެސް ރަޖިސްޓްރީވި ކަމަށް އެމްއައިބީ އިން ބުނެ އެވެ. އަދި މި އަހަރުގެ ސިމްޕޯސިއަމްގައި ބައިވެރިވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާނެ ކަމަށް އެ ބޭންކުން ބުނިއިރު އެކަން ފަހުން އިއުލާން ކުރާނެ އެވެ.