މުނިފޫހި ފިލުވުމުގެ ދާއިރާގެ މަޝްހޫރު ނަމެއް ކަމަށްވާ ޑިޒްނީއަކީ ބޮޑެތި މީހުންނާއި ކުޑަކުދިން ހިމެނޭހެން ހުރިހާ އުމުރުފުރައެއްގެ މީހުންގެ މެދުގައި ވެސް މަގުބޫލު ނަމެކެވެ. އެ ކުންފުނީގެ އުފެއްދުންތަކަކީ އަބަދުވެސް ބެލުންތެރިންގެ ޝައުގުވެރިކަން ދަމައިގަންނަ އުފެއްދުންތަކެކެވެ.

އުމުރުގެ ކޮންމެވެސް ހިސާބެއްގައި ޑިޒްނީގެ ރިސޯޓަކަށް ނުވަތަ ތީމް ޕާކަކަށް ދިއުމަކީ ގިނަ ބައެއްގެ "ބަކެޓް ލިސްޓު"ގައި ހިމެނޭ ކަމެކެވެ. އޭގެ ތެރޭގައި ދިވެހިން ވެސް މަދެއް ނޫނެވެ.

އެހެން ނަމަވެސް ދިވެހި ރާއްޖެއާ ކައިރި ގައުމެއްގައި އެ ފަދަ ޕާކެއް ނެތުމާއި ދުރު ގައުމުތަކުގައި ހިންގާ ޕާކުތަކަށް ދިއުމުގައި އެކުލެވޭ ހަރަދުތަކުގެ ސަބަބުން ގިނަ ދިވެހިންނަށް އެ ފުރުސަތު ވަނީ ފަހިނުވެފަ އެވެ.

އެފަދަ ފަރާތްތަކަށް މިއޮތީ އުފާވެރި ހަބަރެކެވެ. އެންމެ ފަހުން ޑިޒްނީ ދިވެހިންގެ އަތްފޯރާ ފަށަށް އަންނަނީ އެވެ. އާއްމުކޮށް ދިވެހިން ދަތުރުކޮށް އުޅޭ މަންޒިލެއްގައި ޑިޒްނީ ތީމް ޕާކެއް ހުޅުވުުމުގެ ކޮޅުމަތި މިވަނީ ފެނިފަ އެވެ.

އެކުވެރި އަރަބި އިމާރާތުގެ ވެރިކަންކުރާ އަބޫދާބީގައި ޑިޒްނީ ރިސޯޓަކާއި ތީމް ޕާކެއް ހުޅުވުމުގެ އެއްބަސްވުންތަކުގައި އެ ސަރަހައްދުގެ އިދާރާތަކާއި ޑިޒްނީއާ ދެމެދު މިވަނީ ސޮއިކޮށްފަ އެވެ.

https://www.instagram.com/reel/DJWjBsjt23w/

ދިގު 15 އަހަރު ފަހުން ފުރަތަމަ ފަހަރަށް ތަރައްގީ ކުރެވޭ ޑިޒްނީގެ މި ތީމް ޕާކަކީ މެދުއިރުމަތީގެ ގައުމެއްގައި ތަރައްގީ ކުރެވޭ ޑިޒްނީގެ ފުރަތަމަ ތީމް ޕާކެވެ.

އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ މިރަލްއާ ހަވާލު ކުރެވިގެން ކުރިއަށްދާ މި ޕްރޮޖެކްޓް އެއްކޮށް ނިންމައި 2030ގެ ކުރީކޮޅު އާއްމުކޮށް ހުޅުވާލެވޭނެ ކަމަށް އަބޫދާބީގެ އިދާރާތަކުން ލަފާކުރެ އެވެ.

ޑިޒްނީގެ ތީމް ޕާކްތަކަކީ އެ ކުންފުނީގެ އުފެއްދުންތަކުގެ ކެރެކްޓަރުންނާއި އެކި ކަހަލަ ހަރަކާތްތައް ހިމެނޭހެން ތަރައްގީ ކުރެވޭ މަންޒިލްތަކެކެވެ.

އެގޮތުން އަލަށް ތަރައްގީ ކުރެވޭ މި ޑިޒްނީ ޕާކުގައި ވެސް މެހެމާނުން ޝައުގުވެރިވާނެ ފަދަ ކުޅިވަރުތަކާއި ހަރަކާތްތައް އެކުލެވިގެންދާނެ އެވެ.

އަބޫދާބީގައި ތަރައްގީ ކުރެވޭ ޑިޒްނީ ރިސޯޓްއާއި ތީމް ޕާކްއާއެކު އެ ގައުމަށް އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް މާހިރުން ބުނެ އެވެ.

އަބޫދާބީއާއި ދުބާއީއަކީ ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލްތަކަކަށް ވާއިރު މިއީ ޑިޒްނީ ތަޖުރިބާ ކޮށްލަން ދިވެހިންނަށް ވެސް ލިބޭ ރަނގަޅު ފުރުސަތެކެވެ. އާއިލާއާއެކު އެތަނަށް ދާން އަވަހަށް ދަތުރަށް ތައްޔާރުވާންވީ އެވެ.