ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމަށްވާ ހައްސާން ވަހީދު މެދުވެރިކުރައްވައި އިންޑިއާގެ ކުންފުންޏަކާ ގުޅިގެން ތިން ރިސޯޓު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަވާކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްސާން ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ޑެޕިއުޓީ އެމްބެސަޑަރުގެ މަގާމަށް ހަމަޖެއްސެވީ ސީދާ އިންވެސްޓަރުން ހޯދުމުގެ ފުޅާ މަސައްކަތަށެވެ. އެގޮތުން ޔޫއޭއީގައި ހުންނަވައިގެން ހައްސާން ވަނީ އިންޑިއާގެ ކުންފުނި "އަރަޓް ޑިވެލޮޕާސް" އާ ބައްދަލުކުރައްވައި، ރިސޯޓު ހަދާނެ ފަޅެއް ލިބޭނެކަމުގެ ޔަގީންކަން ދެއްވައި، ރައީސް މުއިއްޒާ ސީދާ ގުޅުވައިދެއްވާފަ އެވެ. އަދި މި މުޅި މަޝްރޫއުގެ މަރުހަލާތަކުގައި ހައްސާން ހަރަކާތްތެރި ވާނީ ރައީސް މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައިކަން ރައީސް ވަނީ އިންވެސްޓަރުންނަށް އަންގަވާފަ އެވެ.

ހަމައެއާއެކު ރައީސް ވަނީ ދުބާއީގެ އިތުރުން މާލޭގައި ވެސް މި އިންވެސްޓަރުންނާ ބައްދަލުކުރައްވާފަ އެވެ.

މި ރިސޯޓުތައް ތަރައްގީކުރުމަށް ނަގާފައި ވަނީ ތ. އަތޮޅުގެ ތިން ރަށެކެވެ. އެއީ އެ އަތޮޅު ގާލީ އާއި އޭގެ ކައިރީގައިވާ 10 ހެކްޓަރުގެ ކަނިމީދޫ އަދި 8.41 ހެކްޓަރުގެ ރުހުތިބިރަށެވެ.

އެފަހުން މި މަޝްރޫއުގެ ލިޔެކިޔުންތަކުގެ ކަންކަން އަވަސްކުރުމުގެ ގޮތުން ހައްސާން ވަނީ އަނބުރާ ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ. އަދި މިއީ ރައީސް މުއިއްޒުގެ އަމިއްލަ މަސްލަހަތު އޮތް ރިސޯޓު މަޝްރޫއެއްކަން އެއްވެސް އިދާރާއަކަށް އަންގާފައި ނުވާއިރު، ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަކާއި މުއައްސަސާތަކަށް ވަނީ މި ހުށަހެޅުމުގެ ކަންކަން އެންމެ އަވަސް މިނުގައި ނިންމުމަށް ވެސް އަންގާފަ އެވެ.

ހަމައެއާއެކު މި ރިސޯޓުތައް ތަރައްގީކުރުމަށްޓަކައި މި އަހަރުގެ ފެބްރުއަރީ މަހު ވަނީ "އާޔަތަނާ ހޮސްޕިޓަލިޓީސް ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް ވެސް ރަޖިސްޓްރީ ކޮށްފަ އެވެ. މި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ހިމެނެނީ ރައީސް މުއިއްޒުގެ ބަދަލުގައި ހުންނެވި ހައްސާން ވަހީދުގެ އިތުރުން އިންޑިއާގެ ބެންގަލޫރުގައި ރެޖިސްޓްރީކޮށްފައިވާ "އާޔަތަނާ ހޮސްޕިޓަލިޓީސް ޕްރައިވެޓް ލިމިޓެޑް" އެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކުރި ކުންފުންޏާއި އިންޑިއާގައި އޮތް ހިއްސާދާރު ކުންފުންޏަށް އެއް ނަމެއް ދީފައިވީ ނަމަވެސް، މިއީ ދެ ކުންފުންޏެކެވެ.

މިއީ ދައުލަތުގެ އެންމެ މަތީ ފަންތީގައި ހިނގަމުންދާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑު އަމަލެއްގެ ގޮތުގައި ބައެއް މީހުން ދަނީ ސިފަކުރަމުންނެވެ. އަދި ރިސޯޓު ވިޔަފާރިވެރިންނާއެކު ރައީސް މުއިއްޒުގެ ހިޔާލުތަފާތުވުންތައް އުފެދެން ފެށީ ވެސް، އެ ފަރާތްތަކަކީ އެމަނިކުފާނުގެ ވާދަވެރިންގެ ގޮތުގައި ދެކެވަޑައިގަންނަވަން ފެށުމުންނެވެ.

ހަމައެއާއެކު އެމްޑީޕީ ނުވަތަ ޕީއެންއެފްގެ ސަރުކާރެއް އަތުވެއްޖެނަމަ ޑޮލަރު މާރުކުރުމުގެ ސިޔާސަތު ބާތިލުކުރާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒަށް އޮތްއިރު، އެ ދުވަސް އަންނަން ވާއިރަށް އެމަނިކުފާނުގެ ރިސޯޓުތައް ހުޅުވައި، އެ ފިޔަވަޅުގެ އަސަރު އެމަނިކުފާނަށް ނުކުރާނެ ގޮތް ހައްދަވާނެ ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފަ އެވެ.