ހއ. ހިރިމަރަދޫއަކީ ފަޅު ރަށެއް ކަމަށް ކަނޑައަޅައި، ލާމަރުކަޒީ ގާނޫނާ ހިލާފަށް އެ ރަށުގެ ކައުންސިލް އުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

އެޗްއާރްސީއެމްއިން އެމްޑީޕީއަށް ފޮނުވި ސިޓީއެއްގައި ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި، ތަހުގީގު ނިމުމުން ވީ އެންމެ އަވަސް ފުރުސަތެއްގައި އެކަން އަންގާނެ ކަމަށެވެ.

މައްސަލައާ ގުޅޭގޮތުން އެމްޑީޕީގެ މައިގަނޑު ކަންބޮޑުވުންތަކަކީ އެ ރަށުގައި މިހާރު ދިރިއުޅޭ 305 ރައްޔިތުންނަށް އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހުމެވެ. އަދި ސަރުކާރުން މި ނިންމުން ނިންމާފައި ވަނީ ވެރިކަން ކުރާ ޕީއެންސީގެ ނާޖާއިޒު ސިޔާސީ ބޭނުމެއް ފުއްދުމަށް ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.

ހދ. އަތޮޅުގެ ރަށްތަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން 18 މަސްދުވަހުގެ ތެރޭގައި ހަނިމާދޫގައި ގާއިމުކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދީ ތަފާތު ދަތިތަކާ ކުރިމަތިކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި ހަނިމާދޫ ކައުންސިލުން ވަނީ، އެ ރަށުން ހިރިމަރަދޫ ރައްޔިތުންނަށް ބިން ދޫކުރަން އުޅޭ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ވެސް ހުށަހަޅާފަ އެވެ.