އަވައްޓެރި އިންޑިއާއާއި ޕާކިސްތާނުގެ ހަމަނުޖެހުންތަކާއެކު، ގަލްފް އެއާލައިން ތަކުން ދެކުނު އޭޝިއާގެ ގިނަ ދަތުރުތައް މެދުކަނޑާލައިފި އެވެ.
އެގޮތުން އެމިރޭޓްސް، އިއްތިހާދު އަދި ގަތަރު އެއާވޭސް ހިމެނޭ ގޮތަށް ދުބާއީ، އަބޫދާބީ އަދި ދޯހާ އެއާޕޯޓްތަކުން އިންޑިއާއާއި ޕާކިސްތާނުގެ އެއާޕޯޓްތަކަށް ކުރާ ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ. އިއްތިހާދުން ވަނީ މި މަހުގެ ހަތްވަނަ ދުވަހު ޕާކިސްތާނުގެ ކަރާޗީ ލާހޯރު އަދި އިސްލާމްއާބާދަށް ކުރާ ދަތުރުތައް ވެސް ކެންސަލްކޮށްފަ އެވެ.
އިންޑިއާއިން ޕާކިސްތާނުގެ ސަރަޙައްދަށް ހަމަލާދިނުމަށްފަހު، ޕާކިސްތާނުން ހަމަލާދިނުމާއެކު، ދެ ޤައުމުގެ ދެމެދުގައި ދަނީ ހަމަލާތައް ބަދަލުކުރެވެމުންނެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، އެކި ގަލްފު އެއަރލައިންތަކުން ދެކުނު އޭޝިއާއަށް ކުރާ ދަތުރުތައް ހުއްޓާލައި ނުވަތަ އެހެން ރޫޓްތަކަށް ބަދަލުކޮށްފައިވެ އެވެ. އެމިރޭޓްސް، އިއްތިހާދު އަދި ގަތަރު އެއާވޭސް އިން ބުނެފައިވާ ގޮތުގައި، މިވަގުތަށް ދުބާއީ، އަބޫދާބީ އަދި ދޯހާއިން ޕާކިސްތާނާއި އިންޑިއާގެ އެއަރޕޯޓުތަކަށް ކުރާ ދަތުރުތައް ވަނީ ފަސްކުރެވިފަ އެވެ.
އެމިރޭޓްސްއިން އިޢުލާނެއްގައި ބުނެފައިވަނީ މިހާރުގެ ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން ޕާކިސްތާނަށް ކުރާ ހުރިހާ ދަތުރުތަކެއް މެއި 10 ވަނަ ދުވަހާ ހަމައަށް ފަސްކުރެވިފައިވާ ކަމަށެވެ.
އިއްތިހާދު އެއާވޭސް އިން އިޢުލާނުކޮށްފައިވަނީ މެއި 6 ވަނަ ދުވަހު ޕާކިސްތާނަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ކެންސަލްކޮށް އަދި މެއި 7 ވަނަ ދުވަހު ކަރާޗީ، ލާހޯރު އަދި އިސްލާމާބާދަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ކެންސަލްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ޤަތަރު އެއާވޭސްއިން ވަނީ އެއާސްޕޭސް ބަންދުކުރުމާއި ގުޅިގެން ޕާކިސްތާނަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފަ އެވެ.
ދުބާއީއާއި ޕާކިސްތާނުގެ ސިއަލްކޯޓާއި ލާހޯރާއި އިސްލާމްއާބާދު އަދި ޕެޝަވާރު ފަދަ މަންޒިލްތަކާ ދެމެދު ކުރާ ދަތުރުތައް ވެސް ހުއްޓާލާފައިވާ ކަމަށް އެ އެއާލައިންސްގެ ވެބްސައިޓުގައި ބުނެފައިވެއެވެ. އެ އާލައިނުން ޕާކިސްތާނަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް ވެސް ގަތަރު އެއާލައިނުން ބުނެފައިވެއެވެ.
ނިއުކްލިއާ ހަތިޔާރުގެ ޤާބިލުކަން ހޯދައިފައިވާ އިންޑިޔާއާއި ޕާކިސްތާނުގެ މަޝްރަހު ގޯސްވެފައިވާ މިދަނޑިވަޅުގައި އިންޑިޔާއިން ބުނެފައި ވަނީ އޮޕަރޭޝަން ސިންދޫރުގެ ދަށުން ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ހަމަލާ ދިނީ އިންޑިއާގެ ކަޝްމީރުގައި އޭޕްރިލް 22ވަނަ ދުވަހު ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ދިން ބަޑީގެ ޙަމަލާތަކެއްގައި ޢާންމުންގެ 26 މީހުން މަރުވުމުން ކަމަށެވެ.