ވިސްނުމަކީ ކުރިމަގު އަލިކުރާ ދަންމަރެކެވެ. ގުދުރަތީ ގޮތުން ލިބިފައިވާ ހުނަރާއި އުފެއްދުން ތެރިކަން ތިލަވެގެން ދަނީ ހިތުގައި އުފެދޭ ސުވާލުގެ ޖަވާބުހޯދަން ނުކުމުގެ އަތްފުނާ އެޅުމުގެ ސަބަބުންކަން މިޒުވާނާ ސާބިތު ކޮށްދީފި އެވެ.
އއ. ތޮއްޑޫއަށް އުފަން އެރަށު ނޫމާގެ، އަހުމަދު ޝަރުވާން ސްކޫލް ކެޕްޓަން ކުރުމުގެ ސަބަބުން ލިބުނު ޓްރޮފީ ވެގެން ދިޔައީ ހަމައެކަނި އޭނާގެ ކާމިޔާބީގެ ރަމްޒަކަށް ނޫނެވެ. އޭނާގެ މުސްތަގްބަލް ކުރަހާލަދިން ޓްރޮފީއެއް ކަމަށް ވެސް އެ ފަޚުރުވެރި އިނާމު ވެގެންދިޔަ އެވެ.
ސައިނޭޖްއާއި ގިފްޓްގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ މި ހީވާގި ޒުވާނާ އެ މަސައްކަތައް ދެވުނީ އޭނާއަށް ސްކޫލުން އިނާމަކަށް ދިން ޓްރޮފީއެއް ހެދިގޮތް އޮޅުން ފިލުވުމަށް ކުރި މަސައްކަތުންނެވެ. އޭރު އޭނާއަށް ފެނިފައި ވަނީ ހަމައެކަނި ސްކޫލް އޮފީހުގައި އިންނަ ކުޑަ ކަރުދާސް ޕްރިންޓަރެވެ.
އެ ދުވަސްވަރަކީ ތޮއްޑޫއަށް ޕްރިންޓް ކުރުމުގައި މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާ، ޕްރިންޓިންގެ ހުރިހާ މަސައްކަތަކަށް މާލެއަށް ބަރޯސާވެފައި އޮންނަ ދުވަސްވަރެކެވެ.
"އެފަދަ ޓްރޮފީއެއް އަޅުގަނޑަށް ފެނުނު ފުރަތަމަ ފަހަރުއެއީ. ކުރިން ލިބޭނީ ބޭރުން ގެނެއްސަ ހުންނަ އެއްޗެހި. އާންމުކޮށް މި ފެންނަ އެއްޗެހި( ޓްރޮފީ ތަށި). ސްކޫލް ކެޕްޓަންކަން ކުރީތީ އަޅުގަނޑަށް ދެއްވި އެ ޓްރޮފީ އިންނަނީ ލަކުޑިން ބޭސް(ތިރި) ހަދާފައި، އަދި ޓްރޮފީ ބައި ޕަލާސްޓިކުން ވަރަށް ރީތިކޮށް ހަދައިފައި. އެ ލަކުޑިކޮޅުގައި އިނދޭ ސްކޫލްކެޕްޓަން ލިޔެފައި އަދި ޕްލާސްޓިކް ބައިގައި އިނދޭ ލިޔުންކޮޅެއް ވެސް ކަނޑާ ނަގައިފައި ، އެފެނުނު ފަހުން އަބަދުވެސް އެހެދިގޮތާއި، އޭގައި ޕްރިންޓް ކުރީ ކިހިނެތްތޯ، އެއީ ޖަވާބު ހޯދަން ބޭނުންވެގެން އުޅުނު ވަރަށް އުނދަގޫކުރި ސުވާލެއް،" ޝަރުވާން އޭނާއަށް ފުރަތަމަ ލިބުނު "ކަސްޓަމައިޒްޑް" ޓްރޮފީ ސިފަކޮށްދެމުން ބުންޏެވެ.
ބޮޑު ސުވާލުގެ ޖަވާބު ލިބެންދެން ހުއްޓައެއް ނުލެވުނު
ސްކޫލުގައި އިންނަ ޕްރިންޓަރު މަސައްކަތް ކުރާގޮތާއި އޭގެން ޕްރިންޓް ކުރެވެނީ ކަރުދާހަށް ކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެ އެވެ. ނަމަވެސް ޕްލާސްޓިކް ޝީޓަކާއި ލަކުޑިގަނޑެއް އެ ޕްރިންޓަރު ތެރެއަށް ލައްވައި ޕްރިންޓް ކުރާނީ ކިހިނެއްތޯ އެއީ އޭނާއަށް އުނދަގޫ ކުރަމުންދިޔަ ބޮޑު ސުވާލެވެ. އެއީ ވާނެކަމެއް ނޫންކަން އޭނާއަށް ގަބޫލުކުރެވެ އެވެ. އޭރު ރަނަގޅު މައުލޫމާތެއް ހޯދާލަން ބޭނުންވިއަސް އިންޓަނެޓް ފަދަ ވަސީލަތެއް ލިބެންނެތުމުން އެކި މީހުން ކައިރީ އަހައި އޮޅުންފިލުވި އެވެ.
ސްކޫލް ނިމުމަށްފަހު 2011 ގައި އޭނާ އައިޓީ ދާއިރާއިން ކިޔަވަން މާލެއަށް ބަދަލުވި އެވެ. އެ ދުވަސްވަރު ހުސް ވަގުތުގައި މާލޭގެ ޕްރިންޓިން މަސައްކަތް ކުރާ" ކްލޯން ކޮޕިއާސް" ނަމަކަށް ކިޔާ ތަނެއްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބުނެވެ. އެ ތަނަކީ އޭރު ހަމައެކަނި ކަރުދާހުގައި ޕްރިންޓިންގެ މަސައްކަތް ކުރާ ތަނެކެވެ. ދުވަސްކޮޅަކު އެތަނުގައި އުޅުމަށްފަހު ރަށަށް ބަދަލުވުމުގެ ކުރިން ސަން މީޑިއާގައި ހަ އަހަރު ވަންދެން ނޫސްވެރިއެއްގެގޮތުގައި މަސައްކަތް ކުރި އެވެ.
"މާލޭގައި އުޅުނުއިރު ޗުއްޓީގައި ރަށަށް އަންނަ ފަހަރުތަކުގައި ގާތް މީހުން އޭރު ހަވާލުކުރާނެ ކުދިންގެ ނަން ކާޑުކޮޅު ހަދާށާއި ފޮތުގައިލާ ކަވަރު ޕްރިންޓްކޮށްފައި ރަށަށް ފޮނުވަން. އެއީ އަޅުގަނޑަށް ޕްރިންޓް މަސައްކަތް ކުރަން އެނގޭތީ. އޭރުވެސް ހިތުގައި އޮވޭ ރަށަށް ބަދަލުވެފައި ޕްރިންޓިން މަސައްކަތޭ ކުރާނީ. އެއީ ރަށުގައި ކުރެވިދާނެ ކަމަކަށްވާތީ،" ޝަރުވާން ބުންޏެވެ.
ރަށަށް ބަދަލުވެފައި އޭނާ ކުރިން ވިސްނައިފައިވާ ގޮތަށް ޕްރިންޓިން މަސައްކަތް ފެށި އެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ފެށީ އެޕްސަން ބްރޭންޑްގެ "މަލްޓި ޕާޕަސް" ކުލަ ޕްރިންޓަރެއް ގަނެގެންނެވެ. އަހަރެއްހާ ދުވަސް ފަހުން ކަރުދާސް ޕްރިންޓިން ފުޅާކޮށް ބޮޑެތި ޕްރިންޓަރުތައް ގަތެވެ.
ދެ އަހަރު ވަރަށް ކާމިޔާބުކަމާއެކީ ޕްރިންޓިންގް މަސައްކަތް ކުރުމަށްފަހު، ސްކޫލުން ލިބުނު ޓްރޮފީގެ މަސައްކަތް ދަސްކުރަން ބޭނުންވެގެން ޔޫޓިއުބް ބެލުމުން އެ މަސައްކަތަކީ އެންގްރޭވިން (ކަނޑާނެގުން) ކަން އިނގުނެވެ. ދެން އެ މަސައްކަތް ދަސްކުރި އެވެ. އަދި އެ މަސައްކަތަށް ބޭނުންވާނެ "މެޝެނަރީ" (އާލާތްތައް) ހޯދައިގެން އެ މަސައްކަތް ފެށި އެވެ
"އެންގްރޭވިންގެ ކުޑަ މެޝިނެއް ގަނެގެން މަސައްކަތް ފެށުމުން ރަށުން މި މަސައްކަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު،" އޭނާ ބުންޏެވެ.
އެންގްރޭވިންގެ މަސައްކަތް ފެށި ދުވަސްވަރަކީ ތޮއްޑޫގައި ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެ، ޓޫރިސްޓު ފިހާރަތައް ވެސް ގިނަވެގެން ދިޔަ ދުވަސްވަރެކެވެ. އެ ފިހާރަތަކަށް ސައިން ބޯޑް ހެދުމަށް ގިނަ އޯޑަރުތަކެއް އެ ދުވަސްވަރު ލިބިގެން ދިޔުމަކީ ޝަރުވާންގެ މަސައްކަތް އިތުރަށް ފުޅާވާން ދިމާވި ސަބަބެކެވެ.
އެންގްރޭވިންގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާވުމުން ޓްރޮފީއަށް
ފިހާރަތަކުން ފެށިގެން ފަހުން ރަށުގެ ގެސްޓް ހައުސްތަކުން ވެސް އޭނާއަށް އޯޑާތައް ލިބެން ފެށި އެވެ. ރަށުގެ ގެސްޓްހައުސް ވިޔަފާރިވެރިން ބަހައްޓާ ގާތްކަމަށް އޭނާ އަބަދުވެސް ޝުކުރު އަދާކުރެ އެވެ. އެ ހިސާބުން ރަށުން ބޭރަށް މަސައްކަތް ފުޅާކުރުމުގެ ވިސްނުން އަ އެވެ. އަދި އަތޮޅު ތެރޭ ރަށްރަށުގައި ތިބޭ ރައްޓެހިންނަށް މަސައްކަތުގެ ފޮޓޯ އަދި ވީޑިއޯ ފޮނުވައިގެން ރަށް ރަށަށް އޭނާގެ މަސައްކަތް ފުޅާކުރި އެވެ. ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް ކުރި މަސައްކަތުން ފަހުން ރިސޯޓުތަކުން ވެސް ސައިނޭޖް އޯޑަރުތައް ލިބެން ފެށި އެވެ.
ލިބޭ އޯޑާތައް ގިނަވާން ފެށުމުން ވިސްނުން އެހެން މިސްރާބަކަށް ބަދަލުކޮށްލި އެވެ. އާބޮޅެއް އޭނާގެ މަސައްކަތަށް އިތުރުކުރި އެވެ. މިފަހަރު ހޯދީ 8 ފޫޓު 4 ފޫޓުގެ ބޮޑު ފިލާގަނޑެއް ލެއްވޭވަރުގެ އެންގްރޭވިންގް (ކަނޑާ ނަގާ) މެޝިނެކެވެ. އޭގެ ސަބަބުން އިތުރު މަސައްކަތަކަށް ޖާގަ ފަހިވި އެވެ.
"ދެން ސައިނޭޖްގެ އިތުރުން ޓްރޮފީ ވެސް ހަދަން ފެށިން. އަލްޙަމްދުލިﷲ، އެ މަސައްކަތް ވެސް ވީ ވަރަށް ކާމިޔާބު ކަމަކަށް. އަޅުގަނޑުމެން ހަދާ ޓްރޮފީތައް މީހުންނަށް ވަރަށް ކަމުދިޔަ. އޭގެ މިސާލަކީ ހއ. އިން ފެށިގެން ފުވައްމުލަކުން ވެސް މިހާރު އަޅުގަނޑުމެންނަށް އޯޑާ ލިބޭތީ،" އޭނާ ފާހަގަކުރި އެވެ.
ޓްރޮފީގެ އިތުރުން ސީއެންސީ ކާވް ކުރުމާއި، ސަތަރި އަދި ސްޓިކާ ޕްރިންޓް ކުރުމަކީ "އެމްވީ އެންގްރޭވާ ބައި އައިލެންޑް ޕްރިންޓާސް"ގެ ފުރާޅު ދަށުގައި އޭނާ ފޯރުކޮށްދޭ ޚިދުމަތްތަކެވެ. އޭނާގެ މަސައްކަތް ރީއްޗެވެ. އަތްފޯރާ އަގެއްގައި ލިބެންހުރެ އެވެ. ގަޑިއަށް ޑެލިވަރީ ކޮށްދިނުމުގެ ސަބަބުން އަތޮޅުތަކުން ޚިދުމަތް ލިބިގަންނަ މީހުންގެ އިތުބާރުވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ.
ޝަރުވާންގެ ޝުކުރު ގާތް ރައްޓެހިންނަށް
ކޮންމެ މަސައްކަތެއް ވެސް ކާމިޔާބު ކުރެވުމުގައި އިތުރު އަތްތަކެއް ހިމެނޭނެ އެވެ. ޝަރުވާންގެ މަސައްކަތް ކާމިޔާބުކަމާ އަދި އެހާ އޮމާންކޮށް ގެންދިއުމުގައި އޭނާގެ ވަރަށް ގާތް 3 އެކުވެރިންގެ ނަން ފާހަގަ ކުރި އެވެ.
"ނާފިޒް، މުއާވިއަތު އަދި ނައުފޫޒްގެ އެހީތެރިކަން މިމަސައްކަތަށް ވަރަށް ބޮޑަށް ލިބޭ. މާލެއިން ގަންނަންވާ ހުރިހާ އެއްޗެއް ގަނެ ލޯންޗަށް ލައިދިނުމުގައި މުއާވިޔަތު އަދި ނައުފޫޒް ގެ އެހީތެރިންކަން ލިބޭތީ އޯޑަރު ނެގުމުގައި ހުރަހެއް ނެތީ. ޑެލިވަރީތައް ބަރާބަރަށް ކޮށްދޭނެ ނައުފޫޒް އަދި މުއާވިޔަތު ވެސް. ދެން ނާފިޒްއަށް ވަރަށް ބަރޯސާވެވޭ އަދި އިތުބާރު ކުރެވޭ. އެއީ އަނެންހެން ބުނާނަމަ އަޅުގަނޑުގެ އެއް އަތް. ބޮޑެތި އޯޑަރު ނަގައިގެން މަސައްކަތްކުރާއިރު ދަންވަރު މަސައްކަތް ކުރަން ޖެހުނަސް އޭނާ އައިސް އެހީވާނެކަން އިނގޭތީ،" ޝަރުވާން ބުންޏެވެ.
ޝަރުވާންގެ މަސައްކަތް އަވަހެވެ. ދުވާލެއްގެ މައްޗައް 40 – 70 އާދައިގެ ޓްރޮފީ އެއްފަހަރާ ނިންމައި ދިނުމުގެ ގާބިލްކަން އޭނާގެ ކިބައިގައިވެ އެވެ.
"އެކި މަސައްކަތަށް އެކި ވަގުތު ހޭދަވޭ. މިސާލަކަށް އާދައިގެ ޓްރޮފީއަކާއި ބައިވަރު ލޭޔާ (ބައިބައި) ލާފައި ހުންނަ ޓްރޮފީއަކަށް ހޭދަވާ ވަގުތު ތަފާތުވާނެ މަސައްކަތުގެ ގޮތުން. އެކަމަކު ލާސްޓް މިނިޓް (ފަހު ވަގުތު) އޯޑަރުތައް ވެސް ކިރިޔާ ވާން އޮތިއްޔާ ވެސް އޮންނާނެ ނިންމަދީފައި" އޭނާ ބުންޏެވެ.
ސްކޫލުން ލިބުނު ޓްރޮފީއާއެކު އުފެދުނު ސުވާލުން އޭނާ ބިނާކުރި ސައިނޭޖް، ޓްރޮފީ އެވޯޑް އަދި ކަސްޓަމައިޒް ގިފްޓްގެ ހަޔާތް އޭނާ ބުނިގޮތުގައި މާތްﷲގެ އިރާދަފުޅާއެކު ވަރަށް ކާމިޔާބެވެ.