ބްރަސްލްސް (21 މޭ) - ޔަހޫދީ ޣައިރު ގާނޫނީ ދައުލަތް، އިޒްރޭލުން ޣައްޒާގައި މެދުކެނޑުމެއްނެތި ހިންގަމުންދާ ގަތުލުއާއްމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިޒްރޭލާއެކު އޮތް ގުޅުން ރިވިއު ކުރަން ނިންމައިފި އެވެ.
އީޔޫގެ ޓޮޕް ޑިޕްލޮމެޓެއް ކަމަށްވާ ކަޖާ ކަލަސް ވިދާޅުވީ ޣައްޒާގެ ހާލަތުގެ ސަބަބުން އިޒްރޭލާއެކު އޮތް ސިޔާސީ އަދި އިގްތިސާދީ ގުޅުމާ މެދު އަލުން ވިސްނަން އެ އިއްތިހާދުގެ ފޮރިން މިނިސްޓަރުންތަކެއްގެ ބައްދަލުވުމަށްފަހު ނިންމާފައިވާކަމަށެވެ.
ޣައްޒާގައި ޔަހޫދީން ހިންގަމުންދާ އުދުވާން ފުޅާކުރުމާއި އިންސާނީ އެހީ ވެއްދުމަށް ހުރަސް އަޅަމުންދާތީ އިޒްރޭލަށް ބައިނަލްއަގުވާމީ ދުނިޔެއިން ކުރާ ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އީޔޫއިން މިފަދައިން ނިންމާފައިވަނީ 17 މެންބަރުންގެ ތާއީދާއެކު އެވެ.
މިއާއެކު އިޒްރޭލުން ޣައްޒާއަށް ކޮންމެވެސް ވަރަކަށް އެހީ ވެއްދުމުގެ ފުރުސަތު ދާދިފަހުން ދިން ނަމަވެސް އެއްވެސް ހުރަހަކާއި ނުލާ އެހީ ވެއްދޭނެ މަގު ފަހިކޮށްދިނުމަށް ވެސް އެ އިއްތިހާދުން ވަނީ ގޮވާލާފަ އެވެ.
ޔޫރަޕިއަން ޔޫނިއަނުން މިފަދައިން ނިންމިއިރު އިނގިރޭސިލާތުން ވަނީ އިޒްރޭލާއެކު ވިޔަފާރީގެ މަޝްވަރާތައް މަޑުޖައްސާލާފަ އެވެ. އަދި އިނގިރޭސިވިލާތާއި ފްރާންސާއި ކެނެޑާއިން ވަނީ އިޒްރޭލުން ގަތުލުއާއްމު ނުހުއްޓާނަމަ އެގައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފަ އެވެ.
ބޭރު ގައުމު ތަކުގެ ޕްރެޝަރާއެކު އިޒްރޭލުން ވަނީ ޣައްޒާއަށް 100 އެހީގެ ޓްރަކް ވެއްދުމަށް ހުއްދަދީފަ އެވެ. އެހެންނަމަވެސް އދ. އިން ބުނީ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ކޮންމެ ދުވަހަކު މަދުވެގެން 500 ޓްރަކް ގެ އިންސާނީ އެހީ ފޯރުކޮށްދޭން ޖެހޭ ކަމަށް ބުނެފަ އެވެ. -- ރޮއިޓާސް