ދިވެހި ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތާތި އާދަމްގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުން ގިނަ ބަޔަކު ހައިރާން ކޮށްލައިފި އެވެ.

ތާތިގެ އިންސްޓަގްރާމްއަށް ހިއްސާކުރި ޕޯސްޓެއްގައި އޭނާ ވަނީ މީގެ އަހަރެއްހާ ދުވަސް ކުރީގެ ފޮޓޯއަކާއި މިހާރުގެ ފޮޓޯއެއް ދައްކާލާފަ އެވެ.

އެ ދެ ފޮޓޯގައި ވެސް އެއް ހެދުމެއް ލައިގެން ތާތި ހުރިއިރު ފަހުގެ ފޮޓޯގައި އޭނާގެ ބަރުދަނަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވެ އެވެ.

ތާތި ބުނި ގޮތުގައި އެ ބަދަލަކީ ފިލްމު "ލޯބިން"ގައި އޭނާ ފެނިގެންދާ ކެރެކްޓަރު ތާރާގެ ރޯލަށް ހެޔޮވަރު ވުމުގެ ގޮތުން ގެނައި ބަދަލެކެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހުން ފެށިގެން މިއަދާ ހަމައަށް އޭނާ ވަނީ 16 ކިލޯ ލުއިކޮށްފަ އެވެ.

https://www.instagram.com/p/DK61EQqhDtN/?igsh=cGpnMDYxYXAyd3dt

"ޗެލެންޖަކުން ފެށުނު ކަމެއް ވެގެން ދިޔައީ ހިތްވަރާއި ކެރުންތެރިކަމުގެ ދަތުރަކަށް. މި ދަތުރުގައި ކުރިމަތިވި ހުރިހާ ކަމަކަށް ވެސް ޝުކުރުވެރިވަން" ތާތި ބުންޏެވެ.

އޮގަސްޓްމަހުގެ ހަވަނަ ދުވަހު އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ "ލޯބިން"އަކީ މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ދިވެހި ފިލްމެވެ.

ލޯބިން"އަކީ ތާތިގެ ހަތަރުވަނަ ފިލްމެވެ. މީގެ ކުރިން އޭނާ ވަނީ "ލަސްވިޔަސް"، "ކަންބަޅި" އަދި "ފްރީ ޑެލިވަރީ"އިން ފެނިގެން ގޮސްފަ އެވެ.