މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުންގެ އަތުން ޖުލައި މަހުން ފެށިގެން ނެގުމަށް ހަމަޖެހިފައިވާ ހަ ޕަސެންޓުގެ ޓެކްސްއަކީ އެ ދަރިވަރުންނަށް ބުރައަކަށް ވެގެން ނުދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް އެކަމުގެ ބުރައެއް ނުލިބޭނެ ގޮތަށް ކަންކަން ހަމަޖައްސައިދިނުމަށް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. މެލޭޝިޔާއިން މިހާތަނަށް ރަސްމީކޮށް އެފަދަ ޓެކްސްއެއް ނަގަން އުޅޭކަން އެނގިފައި ނުވާ ކަމަށް ވެސް މިނިސްޓަރު ހައިދަރު ފާހަގަކުރެއްވި އެވެ.

އެގޮތުން، "އަޅުގަނޑުމެންނަށް އަދި އެނގިފައެއް ނެތް. އަޅުގަނޑުމެން އެބަ ބަލަން ކިހިނެއް ހިނގާ ކަމެއްތޯ. އަޅުގަނޑުމެން ދަރިވަރުންނަށް ބުރައަކަށް ނުވާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާނަން،" މިނިސްޓަރު 'އަދަދު' ނޫހަށް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދަނީ މެލޭޝިޔާގައިކަން މިނިސްޓަރު ފާހަގަކުރެއްވި ނަމަވެސް، މިވަގުތު ކިޔަވަމުންދަނީ ކިތައް ކުދިން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. މެލޭޝިޔާގެ ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ) ގަވާއިދަށް ބަދަލު ގެނެސް، އަންނަ މަހުން ފެށިގެން މި ޓެކްސް ނެގުމަށް ނިންމާފައި ވަނީ އެގައުމުގެ ޕްރައިވެޓް ޕްރީ ސްކޫލްތަކާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވާސިޓީތަކުގެ އިތުރުން ލެންގުއޭޖް ސެންޓަރުތަކުގައި ކިޔަވާ ބޭރުގެ ދަރިވަރުން އަތުންނެވެ. ވަކިން ހާއްސަކޮށް، އަހަރެއްގެ މައްޗަށް 60،000 މެލޭޝިޔާ ރިންގިޓަށްވުރެ ގިނަ ފައިސާ ދައްކާ ބޭރު ދަރިވަރުންނާ ދިމާލަށެވެ.

މެލޭޝިޔާގެ ފިނޭންސް މިނިސްޓްރީން މިމަހުގެ ކުރީކޮޅު ވަނީ އެގައުމުގެ އިގްތިޞާދީ ހާލަތު ރަނގަޅުކޮށް، އާމްދަނީ އިތުރު ކުރުމަށް ޓެކްސްގެ ދާއިރާ ފުޅާކުރާނެ ކަމަށް ބުނެފަ އެވެ.