އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރަން ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލު ނުކުރެވި ދެ އަހަރު ފާއިތުވެގެން ދާއިރު، އަނެއްކާވެސް ވަނީ ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވާން ފަށާފަ އެވެ. ފެނަކައިން ބުނަނީ އެއީ ޖަނެރޭޓަރެއް ހަލާކުވެގެންވާ ކަމެއް ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ އައްޑޫގެ ރައްޔިތުން ކަރަންޓް ނެތި އަނެއްކާވެސް މުސީބާތުގެ ހާލަތު ތަހައްމަލް ކުރަމުން އަންނަ ކަމަށެވެ.
"ގަޑިއަކުން ގަޑިއަކުން އައްޑޫގެ އެކި ހިސާބުތަކުން މިދަނީ ކަރަންޓް ކަނޑަމުން. ވިޔަފާރިތަކާއި އަމިއްލަފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުން ދަނީ ލިބެމުން. އާންމު ޚިދުމަތްތަކަށް ދަނީ ހުރަސް އެޅެމުން،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ވެސް ރަސްމީ ގަޑީގައި ދެފަހަރަށް މިއަދުވެސް ކަރަންޓް ކަނޑާލާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މާލެއިން ފަސް ގަޑިއިރަށް ކަރަންޓް ކެނޑުމުން އެއީ ކާރިސާގެ ހާލަތު ކަމަށް ނިންމަވައި ރައީސް ޑރ. މުހައްމަދު މުއިޒު އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ. ނަމަވެސް އައްޑޫގެ ކަރަންޓް މައްސަލައަށް އެކަށީގެންވާ ސަމާލުކަމެއް ނުދެނީ އައްޑޫ ރައްޔިތުންނަކީ ދެވަނަ ދަރަޖައިގެ ބައެއް ކަމުގައި ދެކޭތީ ކަމަށް ނިޒާރު ތުހުމަތު ކުރެއްވި އެވެ.