ރާއްޖެ މިއޮތީ އިސްތިއުމާރީ ބާރެއްގެ ދަށުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މުޅި ގައުމަށް މިއަދު މިވަނީ އިންޑިއާގެ ނުފޫޒު ފޯރާފައި ކަމަށެވެ. ނިންމުންތައް ނިންމުމުގައި ފަހުބަސް ބުނުމުގެ މިނިވަންކަން ވެސް ރާއްޖެއަށް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފަރުދީ މިނިވަންކަމާއި ގައުމެއްގެ ލެވެލްގައި އޮންނަ މިނިވަންކަން އަޅުގަނޑު ސަތޭކައިން ސަތޭކައަށް ގަބޫލުކުރަނީ މި ރާއްޖޭގައި ފުރިހަމަ މިނިވަންކަމެއް ނެތް،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލްކުރާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ފެންނަނީ މުޅިން ތަފާތު މަންޒަރެއް ކަމަށެވެ. އެގޮތުން މޯދީ ރާއްޖެ ކުރައްވާ ދަތުރުފުޅުގައި އިތުރު އެއްބަސްވުންތައް ހަދާ "ގުޅުން ގާއިމުކުރުމުގެ" ނަމުގައި ގައުމުގެ މިނިވަންކަން ނަގާލާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެއަށްވުރެ ބޮޑު މިނިވަންކަމަކީ ދައުލަތެއްގެ މިނިވަންކަން، ދައުލަތެއްގެ ސިޔާދަތު، ދައުލަތެއްގެ އަމުރުމައުރޫފް، ދައުލަތުގެ ބޭނުންވާކަންކަން، ދައުލަތުގެ ގައުމުގެ ތެރޭގައި ނޫނިއްޔާ ދައުލަތުގެ ސިޔާސަތު ރާއްޖެއިން ބޭރުގައި ހާރިޖީ ކަންކަމަށް ބަސްބުނެވޭތޯ ނޫންތޯ." ޔާމީން ވިދާޅުވި އެވެ.