ބ. ތުޅާދޫ ފެނަކަ ބްރާންޗުގެ ހިންގުން ބޮއްސުންލައި، ވަގުތީ ގޮތުން އެ ބްރާންޗުގެ ހިންގުމާއި ހަވާލުވެ ހުރި އަލީ ނިމާލް މަގާމުން ދުރުކުރުމަށް އެދި ތަނުގެ މުވައްޒަފުން ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނާއި ގުޅިގެން އެ ބްރާޗްގުގެ ފަސް މުވައްޒަަކު ސަސްޕެންޑް ކޮށްފި އެވެ.

ތުޅާދޫ ފެނަކަ ބްރާންޗުގެ ހިންގުން ބޮއްސުންލައި އެ ބްރާންޗުގެ ހިންގުމާއި ހަވާލުވެ ހުރި އަލީ ނިމާލް މަގާމުން ދުރުކުރުމަށް އެދި ތަނުގެ މުވައްޒަފުން ޕެޓިޝަނެއް ތައްޔާރުކޮށް ރައީސް އޮފީހަށާއި ފެނަކަ ހެޑް އޮފީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނީ މީގެ ހަ މަސްކުރިންނެ އެވެ.

މި ޕެޓިޝަނަށް އަދި ވެސް ޖަވާބެއް ލިބިފައި ނުވާއިރު، ތުޅާދޫ ފެނަކަ މުވައްޒަފުން ބުނީ ރައީސް އެންމެ ފަހުން އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެ މައްސަލަ ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށެވެ.

މި ޕެޓިޝަނާއި ގުޅިގެން ސަސްޕެންޑް ކޮށްފައި ވަނީ އެ ޕެޓިޝަން ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު ފަސް މުވައްޒަފުންކަމަށް ވަނީ އެނގިފައެވެ. އެ ފަސް މުވައްޒަފުން ސަސްޕެންޑް ކޮށްފައިވަނީ 14 ދުވަހުގެ މުއްދަތަށެވެ. އަދި އެ މުވައްޒަފުން ސަސްޕެންޑް ކޮށްފައި ވަނީ މުސާރަ ލިބޭގޮތަށް ނަމަ ވެސް އިތުރަށް ދޭ އެއްވެސް އެލަވަންސް އެއް ނުލިބޭ ގޮތަށް ކަމަށް ވެސް އެ މުވައްޒަފުން ވަނީ ބުނެއެވެ.

ތުޅާދޫ ފެނަކަ ބްރާންޗުގެ ވަޒީފާއިން ސަސްޕެންޑް ކުރި މުވައްޒަފުންގެ ތެރެއިން މީހަކު ކިޔައިދިން ގޮތުގައި ތުޅާދޫ ފެނަކަ ބްރާންޗުގައި ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުރި އަލީ ނިމާލް އަކީ ތަން ހިންގުމުގެ އެއްވެސް ގާބިލްކަމެއް ނެތް ވެރިއެއް ކަމަށާއި ނިމާލުގެ ސަބަބުން މުޅި ފެނަކަ ހުރިހާ ކަމެއް ބޮއްސުންލާފައިވާ ކަމަށެވެ. އަދި ޕެޓިޝަނެއް ތައްޔާރުކޮށް ހުށަހެޅީވެސް ތަނުގެ މުވައްޒަފުންނަށް ވަޒީފާ އަދާކުރުމަށް އުނދަގޫތައް ކުރިމަތިވުމުން އެހެން ގޮތެއް ނެތުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ރަށުގެ ފެނަކަ ބްރާންޗުގައި 47 މުވައްޒަފުން ތިބިއިރު، އޭގެތެރެއިން 43 މުވައްޒަފުން ޕެޓިޝަނުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެކަމުން ވެސް ތަނުގެ ހާލަތު ވަރަށް ރަނގަޅަށް ދޭހަވެގެން ދާކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ޕެޓިޝަން ހުށަހަޅައި އެހާ ދުވަސްވީ އިރުގައި ވެސް އެކަމަށް އެއްވެސް އިޖާބައެއް ނުދީ ކުއްލިއަކަށް މުވައްޒަފުންނަށް އައީ ޗިޓު ކަމަށާއި ބަލަމުންދާ މައްސަލައަކާއި ގުޅިގެން 14 ދުވަހަށް ސަސްޕެންޑް ކުރެވިފައިވާ ކަމަށް އެ ޗިޓުގައި ބުނެފައި ވާކަމަށް އޭނާ ބުންޏެވެ.

" ތުޅާދޫ ފެނަ ބްރާންޗުގައި މަސައްކަތް ކުރާ ގާތްގަނޑަކަށް 47 މުވައްޒަފުން ވަރު މިއުޅެނީ، އޭގެ ތެރެއިން 43 މުވައްޒަފުން އޭގައި ސޮއިކުރި، އެއީ މީގެ ހަމަސްކުރިން. އަދިވެސް އެ ކަމަށް ރައީސް އޮފީހަކުން ވެސް އަދި ފެނަކަ ހެޑުއޮފީހުން ވެސް ޖަވާބެއް ނުދޭ. ނުދީ ހުރެފަ ޗިޓެއް މި ފޮނުވީ، އެއީ ސަސްޕެންޑް ކުރިކަން އަންގާ ފޮނު ޗިޓު. މި ޗިޓު ފޮނުވީ ފަސް މީހުންނަށް. އެ ޗިޓުގައި އޮތީ ބަލަމުން ދާ މައްސަލައަކާއި ގުޅިގެން 14 ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް.
ތުޅާދޫ ފެނަކަ ބްރާންޗުން ސަސްޕެންޑް ކުރި މުވައްޒިކަު ކިޔައިދިނެވެ.

އޭނާ ބުނީ ތަނުގެ ހުރިހާ ވެސް މައްސަލަ އަކީ މިހާރު ހުރި ވެރިމީހާ އަލީ ނިމާލަށް ތަން ހިންގަން ނޭންގުން ކަމަށާއި ތަނުގެ މުވައްޒަފުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

އޭނާ ބުނީ ތުޅާދޫ ފެނަކަ ބްރާންޗަކީ މީގެ ކުރިން މުޅި އަތޮޅުން ވެސް އެންމެ ފާހަގަކޮށްލެވޭ ނަމޫނާ މުވައްޒަފުންތަކެއް ތިބި، އަދި އެންމެ ރަނގަޅަށް މަސައްކަތް ކުރި ތަން ކަމަށާއި ނަމަ ވެސް މިހާރު ހުރި ޕީއެންސީ އަށް ނިސްބަތްވާ ވެރިމީހާ އައިފަހުން މުޅި ތަން ހަލާކުވެ، މުވައްޒަފުން ވެސް ތަންދެކެ ފޫހިވެފައިވާ ކަމަށެވެ. އަދި މިހާރު ވެރިޔަކަށް ހުރި ނިމާލް ބޭރުކޮށްގެން ނޫންގޮތަކަށް ތަން ހިންގެން ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

ތުޅާދޫ ފެނަކަ ބްރާންޗްގެ ސީނިއަރ މެނޭޖްމަންޓުގެ މުވައްޒަފަކު ވެސް ވިދާޅުވީ ތުޅާދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ޕެޓިޝަނެއް ތައްޔާރުކޮށް ހުށަހެޅީ އެ ރަށުގެ ފެނަކަ ބްރާންޗުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މުޅި ތަން ބޮއްސުންލައިގެން ގޮސްފައިވާތީ ކަމަށެވެ.

އަދި ހުރިހާ ކަމެއް ވެސް ބޮއްސުންލައިގެން ދިއައީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި އެސިސްޓަންޓް މެނޭޖަރ އަލީ ނިމާލްގެ ލީޑަރޝިޕްގެ ކޮލިޓީއެއް ނެތުމުން ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

އޭނާ ވިދާޅުވީ މިހާރު ތަނުގެ ހިންގެވުމާއި ހަވާލުވެ ހުންނެވި އަލީ ނިމާލް އަކީ ވަރަށް ޚުދުމުހުތާރު، އަމިއްލަ އެދުންބޮޑު ބޭފުޅެއް ކަމަށާއި ފެނަކައިގެ މުވައްޒަފުންނަށް ވެސް ކަންކަން ކުރަން ދަނީ މަޖުބޫރު ކުރުވަމުން ކަމަށެވެ.

މީގެ އިތުރުން އެ ބްރާންޗްގެ ހިންގުން އިންތިހާ ދަރަޖައަށް ބޮއްސުންލާފައިވާއިރު، ތަނުގެ މުވައްޒަފުންގެ މެދުގައި މަސްލަހަތު ގެއްލި، އެކުވެރިކަން ވެސް ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ.

އޭނާ އިތުރަށް ބުނީ މިހާރުތަނުގެ ހާލަތު ގޯސްވެ، ގިނަ މުވައްޒަފުން ސަލާމުގައި ތިބުމުން ތަނުގައި މަސައްކަތް ކުރާނެ މީހުން ވެސް ނެތި ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ގިނަ ފަހަރު ފެނަކަ ބްރާންޗުގެ މަސައްކަތް ކުރަމުން ގެންދަނީ ކަމާއި ނުވެސް ބެހޭ، ތަނުގެ ސެކިއުރީޓީ ބަލަހައްޓާ މުވައްޒަފުންނާއި ތުޅާދޫ ނަރުދަމާގެ މަސައްކަތުގެ އުޅޭ މުވައްޒަފުން ގެނެސްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަލީ ނިމާލު ތަނުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ވެސް އިންތިހާއަށް ގެންގުޅޭ ކަމަށާއި އެ ބޭފުޅާއޭ ކިޔައިގެން މުވައްޒަފަކަށް ވާހަކައެއް ވެސް ދައްކާލަން ނުކެރޭ ކަމަށެވެ. އަދި އެ ބޭފުޅާއޭ ކިޔައިގެން އެއްވެސް ވާހަކައެއް ދައްކައިފި ނަމަ ހަރުކަށިފިވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައި ވާކަމަށް އޭނާ ވިދާޅުވި އެވެ.

ތުޅާދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ރައީސް އޮފީހާއި ފެނަކަ ހެޑް އޮފީހަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ ޕެޓިޝަން ހުށަހެޅުމުގެ ބޭނުމަކީ އެ ބްރާންޗުގައި މިވަގުތު ހިނގުމާއި ހަވާލުވެ ހުންނެވި އަލީ ނިމާލު މަގާމުދުން ދުރުކުރުމަށް އެދި ކަމަށާއި އެކަމަށް މުވައްޒަފުން އެދެނީ ސަބަބުތަކެއް ހުރީމާ ކަމަށެވެ.

އެގޮތުން އަލީ ނިމާލު ވަނީ ހިންގުންތެރިއެއްގެ ހައިސިއްޔަތުން ފެއިލް ވެފައި ކަމަށާއި އެ ބޭފުޅާއާއި އެކު މަސައްކަތް ކުރަން ތަނުގެ އެއްވެސް މުވައްޒަފު ބޭނުން ނުވާކަމަށެވެ. އަދި އޭނާ މުވައްޒަފުންނާއި މެދު އަމަލުކުރަމުން ގެންދަނީ ހިތުހުރި ގޮތަކަށް އަމިއްލަ މަސްލަހަތު އިސްކޮށް ގެން ކަމަށް ވެސް އެ ޕެޓިޝަނުގައި ބުނެފައި ވެއެވެ.

ޕެޓިޝަނުގައި އިތުރަށް ބުނެފައި ވަނީ އަލީ ނިމާލު އިތުރަށް ތުޅާދޫ ފެނަކަ ބްރާންޗުގައި ހަވާލުވެ ހުރެއްޖެ ނަމަ ތަނުގެ މަސްލަހަތު އިތުރަށް ގޯސްވެ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި އުފެއްދުންތެރިކަން ދައްވެގެން ދާނޭ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ.