އުމުރުން 45 އަހަރުން މަތީގެ އުމުރުފުރައިގެ ފަރާތްތަކަށް އަމާޒުކޮށްގެން ހިލޭ ލޮލުގެ ޑޮކްޓަރަށް ދެއްކޭ ހާއްސަ "ކެޓަރެކްޓް ކެމްޕޭން" އެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަށައިފި އެވެ.

މި ކެމްޕޭން ކުރިއަށްދާނީ ސެޕްޓެމްބަރު 7 އިން 13 އަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި މި ކެމްޕޭނުގައި ދިވެހިންނާއި ބިދޭސީންގެ އިތުރުން ފަތުރުވެރިންނަށް ވެސް ބައިވެރިވެވޭނެ އެވެ. މި ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ހަވީރު 5:30 އަށް ކޮންސަލްޓޭޝަންތައް ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ކެމްޕޭނުގެ ދަށުން ހިދުމަތްހޯދާ ފަރާތްތަކަށް އިންޝިއުރަންސް އަދި އާސަންދަ ފިޔަވައި އިތުރު އެއްވެސް ހަރަދަކާ ނުލައި ޑަކްޓަރަށް ދައްކައި ލޮލުގެ ސްކްރީނިން ހެދޭނެ ކަމަށެވެ.

ކެމްޕޭނުގައި ބައިވެރިވުމަށް ގޫގުލް ފޯމް މެދުވެރިކޮށް ކުރިއާލާ ރަޖިސްޓްރީ ކުރެވޭނެ އެވެ. ނަމަވެސް، އެޕޮއިންޓްމަންޓް ނުހަދާ ނުވަތަ "ވޯކްއިން" އެޕޮއިންޓްމަންޓްތައްވެސް ޖާގަ އޮތް މިންވަރަކުން ބަލައިގަނެވޭނެކަމަށް ހޮސްޕިޓަލުން ބުންޏެވެ. ނަމަވެސް، މި ކެމްޕޭނުގެ ދަށުން، ޑޮކްޓަރަށް ދެއްކުމާއި ސްކްރީނިންގް ފިޔަވައި އެހެނިހެން ޓެސްޓްތަކާއި ފަރުވާގެ ހަރަދުތައް ދައްކަވަންޖެހޭނީ އާންމު އުސޫލުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.