ސިންގަޕޫރުގެ ސީޑީއެލް ހޮސްޕިޓަލިޓީ ޓްރަސްޓްސް (ސީޑީއެލްއެޗްޓީ) އިން ރާއްޖޭގައި ހިންގާ ރަފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓް، ދަ ހަލްސިއޮން ޕްރައިވެޓް އައިލްސް މޯލްޑިވްސްގެ ނަމަށް ރީބްރޭންޑްކޮށް އޮޓޯގްރާފް ކަލެކްޝަންގެ ދަށަށް ގެނައުމަށް ނިންމައިފި އެވެ.

އެ ރިސޯޓް ރީބްރޭންޑް ކުރުމަށް ފަހު އޮޓޯ ކަލެކްޝަންގެ ދަށަށް ގެނައުމަށް ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

މި މަހުގެ އެއްވަނަ ދުވަހު ސްޓޮކް އެކްސްޗޭންޖަށް ހުށަހެޅި ލިޔުމެއްގައި ބަޔާންކޮށްފައިވާ ގޮތުން، މި ރީބްރޭންޑިންއާއެކު އެ ރިސޯޓް ހިމެނިގެންދާނީ މެރިއޮޓް އިންޓަނޭސަނަލްގެ 30 އަށް ވުރެ ގިނަ ހޮޓެލް ބްރޭންޑްތަކުގެ ތެރެއިން އެއް ބްރޭންޑް ކަމަށްވާ އޮޓޯގްރާފް ކަލެކްޝަންގެ ދަށުންނެވެ. އޮޓޯގްރާފް ކަލެކްޝަންގެ ދަށުން މުޅި ދުނިޔޭގައި މިހާތަނަށް 300 އަށް ވުރެ ގިނަ ހޮޓާތައް ހިންގަ އެވެ.

ސީޑީއެލްއެޗްޓީ އިން ބުނިގޮތުގައި، އަންނަ އޮކްޓޯބަރު 31 އިން ފެށިގެން ރަފްލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ބްރޭންޑްގެ ދަށުން އެ ރިސޯޓު ހިންގުން ހުއްޓާލި ނަމަވެސް ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެ އެވެ. އަދި ބްރޭންޑް ބަދަލުކުރުމުގެ މަރުހަލާގައި ވެސް ރިސޯޓްގެ ހިދުމަތްތަކަށް އެއްވެސް ބުރުލެއް ނާންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ރިސޯޓް ކުރިއަށް އޮތްތަނުގައި ހިންގާނީ މެރިއޮޓް އިންޓަނޭޝަނަލްއާއެކު ވެވޭ އާ ފްރެންޗައިޒް އެއްބަސްވުމެއްގެ ދަށުންނެވެ. ދަ ހަލްސިއޮންގައި 38 ވިލާ ހިމެނޭއިރު، ކޮންމެ ވިލާއެއްގެ ބޮޑުމިން 220 އަކަފޫޓަށް ވުރެ ބޮޑެވެ.

މިދިޔަ 2023 ވަނަ އަހަރުގެ ޖޫން 30ގެ ނިޔަލަށް ސީޑީއެލްއެޗްޓީގެ އެސެޓްތަކުގެ އަގު 3.5 ބިލިއަން ޑޮލަރަށް އަރަ އެވެ.

މި ކުންފުނީގެ ޕޯޓްފޯލިއޯގައި 22 ޕްރޮޕަޓީ ހިމެނޭއިރު، އޭގެ ތެރޭގައި 4،924 ހޮޓާ ކޮޓަރި، 352 ކުއްޔަށް ދޫކުރާ އެޕާޓްމަންޓް ޔުނިޓް، 404 ދަރިވަރުންގެ ދިރިއުޅުމަށް ޚާއްސަކުރެވިފައިވާ ޔުނިޓް އަދި ރީޓެއިލް މޯލެއް ހިމެނެ އެވެ.