މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކެލިފޯނިއާގައި އޮތް އެމީ އެވޯޑްސް 2025ގެ ހަފްލާގެ ތެރެއިން ފަލަސްތީން މިނިވަން ކުރުމަށް ގޮވާލައިފި އެވެ.
އެ އެވޯޑްސްގެ ތެރެއިން ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލާފައިވަނީ އެވޯޑް ލިބުނު އެމެރިކާގެ އެކްޓަރެއް ކަމަށްވާ ހަނާ އެއިންބިންޑާ އެވެ.
އެޗްބީއޯ މެކްސްގެ ސިޓްކޮމް "ހެކްސް"ގައި އޭނާ ދައްކުވައިދިން އެކްޓިންއަށް އެމީ އެވޯޑްސްގައި "އައުޓްސްޓޭންޑިން ސަޕޯޓިން އެކްޓްރެސް އިން އަ ކޮމެޑީ ސީރީޒް" ލިބުނު ހަނާ ފަލަސްތީނުގެ ހައްގުގައި ވާހަކަ ދެއްކީ އެވޯޑް ގަބޫލު ކުރުމަށްފަހު ދެއްކި ވާހަކައިގަ އެވެ.
ހަނާ ވަނީ އޭނާގެ ވާހަކަ ނިންމާލަމުން "ފްރީ ޕަލަސްޓައިން" ޝިއާރު ފާޅުކޮށް ހަފްލާއަށް އައިސް ތިބި އެންމެން ސިއްސުވާލާފަ އެވެ. އޭނާ އެހެން ބުނުމުން ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.
ހަނާ މި ބީދައިން ވާހަކަ ދައްކާފައި މިވަނީ އިޒްރޭލުގެ ފިލްމު ކުންފުނިތައް ބޮއިކޮޓް ކުރަން އޭނާ ހިމެނޭހެން ހޮލީވުޑްގެ 4000 އަށްވުރެ ގިނަ ފަންނާނުން ސޮއިކޮށް ޕެޓިޝަނެއް ހަދާފައިވަނިކޮށެވެ.
އެ ޕެޓިޝަންގައި ފަލަލަސްތީނުގައި އިޒްރޭލުން ހިންގަމުން އަންނަ ގަތުލުއާއްމު ނިންމާލުމަށް ގޮވާލާފައިވާއިރު އަނިޔާވެރިކަން ހުއްޓާލަންދެން އިޒްރޭލުގެ ކުންފުނިތަކާއެކު މަސައްކަތް ނުކުރަން ވަނީ ނިންމާފަ އެވެ.
ހަނާގެ އިތުރުން ވެސް އެމީ އެވޯޑްސްގައި ބައެއް އެހެން ތަރިން ވެސް ވަނީ ފަލަސްތީނު ތަމްސީލުކޮށް އެ ގައުމުގެ ހައްގުތަކަށް ވަކާލާތު ކޮށްފަ އެވެ. އެގޮތުން އެ ހަފްލާގެ ރެޑް ކާޕެޓްގައި ޖޭވިއާ ބާޑެމް ވެސް ވަނީ ފަލަސްތީނުގެ ސަގާފަތް ދައްކުވައިދީފަ އެވެ.