ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާތައް ކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލް ފާސްކުރުމާ ގުޅިގެން ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ރާއްޖެއަށް ގޮވާލައިފިއެވެ.

ސަރުކާރާ ގުޅުން އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިދިޔަ މަހު ހުށަހެޅުއްވި މީޑިއާ ކޮންޓްރޯލް ބިލް، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ފާސްކުރީ މިއަދު ހަވީރު ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާއެއްގައި އެވެ. މި ބިލް ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ.

ބިލް ފާސްކުރުމަށް ބޭއްވި ޖަލްސާއަށް 63 މެމްބަރުން ހާޒިރުވި އިރު، މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކަމަށްވާއިރު، ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ދިޔަ އެމްޑީޕީ މެންބަރުންގެ ނަން އިއްވައި ތަޅުމުން ވަނީ ނެރެފައެވެ.

މީޑިއާ ތައް ތަޅުއަޅުވައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ބިލް ފާސްކުރި ފަހުން އެމެރިކާ އެމްބަސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ނޫސްވެރިން ހިމެނޭ ގޮތަށް، އެންމެންނަށް ވެސް އަސާސީ މިނިވަންކަމެއްގެ ގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމަށް އެމެރިކާއިން ތާއިދުކުރާ ކަމަށެވެ.

މީގެ އިތުރުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެގެހެއްޓުމަށާއި ފާޑުކިޔާ މީހުންނާއި އިދިކޮޅަށް ވެސް ފުރުސަތު ދިނުމަށް ރާއްޖެއާއި ހުރިހާ ގައުމަކަށް ގޮވާލާ ކަމަށް އެމްބަސީގެ ޕޯސްޓުގައިވެއެވެ.

އެ ބިލާ ދެކޮޅަށް 151 ނޫސްވެރިން ސޮއިކޮށް މަޖިލީހަށް ޕެޓިސަނެއް ހުށަހެޅި ނަމަވެސް، އެ ޕެޓިސަން ބޭރުކޮށްލަން ޕެޓިސަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

މެމްބަރ އަދި ބިލް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބިލަށް ގެނައި އިސްލާހުތަކުން، ޕެޓިސަނުގައި ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލު ލިބިފައިވާ ކަމަށް، ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ އެ ކޮމިޓިން އިއްޔެ ވަނީ ފާސްކޮށްފައެވެ.

މީޑިއާ ތަޅުއަޅުވާ ބިލު މިއަދު ފާސްކޮށްލައިވާއިރު، އެކަމާއި ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިންނާއި ބައެއް އާންމުންވެސް ގެންދަނީ މިކަމާއި ނުރުހުންފާޅުކޮށް މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަމުންނެވެ.