އެސްޓީއޯ އިން ރާއްޖެއިން ބޭރުން މިރުސް އިމްޕޯޓްކުރިޔަސް ފައިދާވާ ފައިދާވާ ރަަނގަޅު އަގެއްގައި އެ ކުންފުނިން ކަނޑޫދޫ މިރުސް ގަންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ކަނޑޫދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެސްޓީއޯއިން ކަނޑޫދޫ މިރުސް ގަންނާނީ އެ ރަށު މީހުން ވިއްކާ އަގެއްގައި ކަމަށެވެ.
"އެސްޓީއޯއިން ތިބޭފުޅުންގެ އަގުގައި ތިބޭފުޅުންނަށް އޭގެ ފައިދާވާ ރަނގަޅު އަގުގައި އެ މިރުސް ގަނެގެން ތިބޭފުޅުންނަށް ބޭނުންވާ ފައިދާ ލިބޭ ގޮތަށް އެކަން ހަމަޖައްސައިގެން ކަމުގައިވިޔަސް، ތިބޭފުޅުންނަށް އޭގެ އެއްވެސް ގެއްލުމެއް ނުވާ ގޮތަށް އެކަން ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ތިބޭފުޅުންނަށް ދެން،" ރައީސް ވިދާޅުވި އެވެ.
މިރުސް ހިމެނޭހެން މޭވާ އާއި ތަރުކާރީގެ 23 ބާވަތެއްގެ ތަކެތި އެސްޓީއޯއިން ދާއިމީ ގޮތެއްގައި އެތެރެކުރަން ވަނީ ނިންމާފަ އެވެ.
އެސްޓީއޯއިން މިރުސް އެތެރެކުރިޔަސް ކަނޑޫދޫ ރައްޔިތުންނަށް އެކަމުން ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"އަޅުގަނޑުމެން މިދޭތެރެއިން އެސްޓީއޯ މެދުވެރިކޮށް 23 ބާވަތެއްގެ ތަކެތި ރެގިއުލާ ބޭސިސްގައި އިމްޕޯޓްކޮށް ވިއްކަން ނިންމި ނިންމުމުގެ ތެރޭގައި މިރުސް ހިމެނޭނެ. އެހެންނަމަވެސް އަޅުގަނޑު ވަރަށް ޔަގީންކަމެއް ދެން ތިބޭފުޅުންގެ ވިޔަފާރިއަށް ގެއްލުން ނުވާ ގޮތަށް އެކަން ކުރާނީ،" ރައީސް ވިދާޅުވި އެވެ.