ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ލޯބީގެ ގުޅުންތައް ނާކާމިޔާބުވީ ޚުދު އޭނާގެ ސަބަބުން ކަމަށް ސަލްމާން އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.

ސަލްމާން މި ބީދައިން ވާހަކަ ދައްކާފައިވަނީ ޓްވިންކަލް ހަންނާއާއި ކާޖޮލްގެ ޓޯކް ޝޯގެ ފުރަތަމަ މެހެމާނުންގެ ގޮތުގައި ބައިވެރިވެ ދެއްކި ވާހަކަތަކުގަ އެވެ.

ސަލްމާން ބުނެފައިވަނީ އޭނާގެ ގުޅުންތައް ނާކާމިޔާބު ވުމުގައި އޭނާގެ ދައުރު ވަރަށް ބޮޑު ކަމަށާއި އެކަމުގައި ބައިވެރިންގެ ކުށެއް ނެތް ކަމަށެވެ.

އޭގެ އިތުރުން ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ދަރިއަކު ހޯދަން ބޭނުންވާ ކަމަށް ވެސް ސަލްމާން އޭނާގެ ވާހަކައިގައި ބުނެފައިވެ އެވެ.

ސަލްމާންއާއެކު އެ ޝޯގައި ދެން ބައިވެރިވި އާމިރު ޚާން ވެސް ވަނީ އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާއާއި ސަލްމާންގެ ގުޅުން ވަރުގަދަވީ އޭނާގެ ފުރަތަމަ ކައިވެނި ރޫޅުނު ފަހުން ކަމަށް އާމިރު ބުންޏެވެ.

90ގެ އަހަރުތަކާއި 2000ގެ ކުރީކޮޅު ސަލްމާންގެ ލޯބީގެ ހަޔާތުގެ ވާހަކައަކީ މީޑިއާތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދި ހަބަރު ތަކެކެވެ. އެގޮތުން އައިޝްވާރްޔާއާއެކު އޮތް ގުޅުމަކީ އޭގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭ ގުޅުމެކެވެ.

ބުނެވޭ ގޮތުގައި އެ ގުޅުން ނިމުމަކަށް އައީ ސަލްމާންގެ ފަރާތުން އައިޝްވާރްޔާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ލިބެން ފެށުމުންނެވެ.